ގިލިލަންކަންފުށީގެ ޖެނެރަލް މެނޭޖަރު މަގާމުން އެކަހެރިވެއްޖެ

ޑޭވިޑް ސްޓެޕެޓިކް --

ކ. ހިންމަފުށީ ފަޅު ތެރޭގައި އޮންނަ ފިނޮޅަކަށް ހަމަ އެ ފަޅު ތެރޭގައި އޮންނަ ގިލިލަންކަންފުށި ރިސޯޓުން ގެއްލުންދިން ކަމަށް ތުހުމަތު ކުރެވޭ މައްސަލައާ ގުޅިގެން އެ ރިސޯޓުގެ ޖެނެރަލް މެނޭޖަރު ޑޭވިޑް ސްޓެޕެޓިކް މަގާމުން އެކަހެރިވެއްޖެ އެވެ.

އެ މައްސަލައާ ގުޅިގެން "ސަން" އިން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން، އެ ރިސޯޓުގެ އޮޕަރޭޝަންސް ވައިސް ޕްރެޒިޑެންޓް ޑޭވިޑް ބްރައުން ވިދާޅުވީ، ބުރާސްފަތި ދުވަހުގެ ރޭ ފިނޮޅުގައި ހިނގީ ހިނގައިގެން ވާނެ ކަމެއް ނޫން ކަމަށާއި، އެކަމުގެ ފުރިހަމަ މައުލޫމާތު ލިބިފައިވާ ކަމަށެވެ.

އަދި މިހާރު ފުލުހުންނާއި ކަމާބެހޭ ފަރާތްތަކުން އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ އިރު، މައްސަލައިގައި އެ ރިސޯޓުގެ ފަރާތުން ދޭންޖެހޭ ފުރިހަމަ އެއްބާރުލުން ދީ، އެންގުންތަކަށް ތަބާވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އަދި މައްސަލައިގެ ތަހުގީގު ނިމެންދެން ޖެނެރަލް މެނޭޖަރު ކަމުން ޑޭވިޑް ސްޓެޕެޓިކް އެކަހެރިވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ޑޭވިޑް ބްރައުން ވިދާޅުވީ ގިލިލަންކަންފުށްޓަކީ ރާއްޖޭގެ ފަތުރުވެރިކަމުގައި މުހިންމު ދައުރެއް އަދާކުރާ ބައެއް ކަމަށާއި، އެ ރިސޯޓުގައި ޗުއްޓީ ހޭދަކޮށްފައި ދާ ފަތުރުވެރިން ދެވަނަ ފަހަރަށް ރާއްޖެ އަންނަ މިންވަރު ވެސް މަތި ކަމަށެވެ.

ރިސޯޓުގެ ޖެނެރަލް މެނޭޖަރު ކަމަށް ޑޭވިޑް ސްޓެޕެޓިކް އައްޔަންކުރީ 2017 ވަނަ އަހަރުގެ ޖުލައި މަހު އެވެ. އޭގެ ކުރިން އޭނާ ހުރީ ޖުމެއިރާ ދެވަނަފުށީގެ ޖެނެރަލް މެނޭޖަރުގެ މަގާމުގަ އެވެ. އޭނާ އަކީ އެމެރިކާގެ ރައްޔިތެކެވެ.

ހިންމަފުށި ކައިރީގައި އޮންނަ ފިނޮޅެއްގައި ކޯރު ކެނޑި މައްސަލައާ ގުޅިގެން ރިސޯޓުގެ ޖެނެރަލް މެނޭޖަރު ފުރުން މަނާކޮށް، ޕާސްޕޯޓު ވެސް ވަނީ ހިފަހައްޓައިފަ އެވެ.

ގިލިލަންކަންފުށީގެ ޖެނެރަލް މެނޭޖަރު ޑޭވިޑް ސްޓެޕެޓިކްއާއި އެހެން މުވައްޒަފުންތަކެއް އެ ފިނޮޅަށް އަރައި އެތަނުގައި ކޯރެއް ކެނޑި މައްސަލަ ހޫނުވީ މިދިޔަ ހަފުތާގެ ބުރާސްފަތި ދުވަހުގެ ރޭގަ އެވެ.

އެ މައްސަލައާ ގުޅިގެން ހިންމަފުށީ ކައުންސިލުން އިއްޔެ ނެރުނު ނޫސްބަޔާނެއްގައި ބުނީ ގިލިލަންކަންފުށިން އެ ފިނޮޅުގައި ކޯރު ކަނޑާފައި ވަނީ ކައުންސިލުގެ އެއްވެސް ބަހެއް ނެތި އެއްވެސް ދައުރެއް ނެތި ކަމަށެވެ. އަދި އެ ރިސޯޓުގެ ނިޔަތަކީ އެ ފިނޮޅު ނައްތާލުން ކަމަށްވެސް ކައުންސިލުން ތުހުމަތު ކުރި އެވެ.

މި މައްސަލަ ފުލުހުންނާއި އީޕީއޭ ގުޅިގެން ދަނީ ތަހުގީގު ކުރަމުންނެވެ. އަދި އެ މައްސަލައިގައި އެންމެ ހަރުކަށި ފިޔަވަޅު އެޅުމަށް ޖަމިއްޔާތަކުން ވެސް ވަނީ ގޮވާލައިފަ އެވެ.

comment ކޮމެންޓް