ފިނޮޅު ނައްތާލަން އުޅުނު މައްސަލަ: ގިލި ލަންކަންފުށީގެ ޖީއެމް އިސްތިއުފާ ދީފި

ކ. ހިންމަފުށީ ފަޅު ތެރޭގައި އޮންނަ ފިނޮޅަކަށް ހަމަ އެ ފަޅު ތެރޭގައި އޮންނަ ގިލި ލަންކަންފުށި ރިސޯޓުން ގެއްލުންދިން ކަމަށް ތުހުމަތު ކުރެވޭ މައްސަލައާ ގުޅިގެން އެ ރިސޯޓުގެ ޖެނެރަލް މެނޭޖަރު ޑޭވިޑް ސްޓެޕެޓިކް މަގާމުން އިސްތިއުފާ ދީފި އެވެ.

މިދިޔަ މަހުގެ 21 ވަނަ ދުވަހުގެ ރޭ ހިންމަފުށި ކައިރީގައި އޮންނަ ފިނޮޅަކަށް އެތާ ކައިރީގައި އޮންނަ ގިލި ލަންކަންފުށީގެ ޖެނެރަލް މެނޭޖަރު ޑޭވިޑް ސްޓެޕެޓިކްއާއި އެހެން މުވައްޒަފުންތަކެއް އަރައި އެތަނުގައި ކޯރެއް ކެނޑި މައްސަލަ ވަނީ ވަރަށް ބޮޑަށް ހޫނުވެފަ އެވެ. އެ މީހުން ފިނޮޅު ނައްތާލަން އުޅުނު ކަމަށް ވަނީ ތުހުމަތު ކުރެވިފަ އެވެ.

އެ މައްސަލަ ފުލުހުންނާއި އެންވަޔަރަމެންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) ގުޅިގެން ތަހުގީގު ކުރަމުންދާއިރު، މީގެ ކުރިން ޑޭވިޑް ސްޓެޕެޓިކްގެ ޕާސްޕޯޓު ފުލުހުން ވަނީ ހިފަހައްޓާފަ އެވެ. އަދި މައްސަލައިގެ ތަހުގީގު ނިމެންދެން ރިސާޓުން ވަނީ އޭނާ ޖެނެރަލް މެނޭޖަރުގެ މަގާމުން އެކަހެރިކޮށްފަ އެވެ.

ގިލި ލަންކަންފުށިގެ މާކެޓިން އެންޑް ކޮމިއުނިކޭޝަންސް މެނޭޖަރު ޓެމީ ގޭން މިއަދު "ސަން"އަށް ވިދާޅުވީ، ޑޭވިޑް ސްޓެޕެޓިކް މިހާރު މަގާމުން އިސްތިއުފާވެސް ދީފައިވާ ކަމަށެވެ.

އެ ރިސޯޓުގެ އޮޕަރޭޝަންސް ވައިސް ޕްރެޒިޑެންޓް ޑޭވިޑް ބްރައުން މީގެ ކުރިން "ސަން"އަށް ވިދާޅުވެފައި ވަނީ، ފިނޮޅުގައި ހިނގީ ހިނގައިގެން ވާނެ ކަމެއް ނޫން ކަމަށް ގަބޫލު ކުުރައްވާ ކަމަށެވެ. އަދި މިހާރު ފުލުހުންނާއި ކަމާބެހޭ ފަރާތްތަކުން އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ އިރު، މައްސަލައިގައި އެ ރިސޯޓުގެ ފަރާތުން ދޭންޖެހޭ ފުރިހަމަ އެއްބާރުލުން ދީ، އެންގުންތަކަށް ތަބާވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ފިނޮޅު ނައްތާލަން އުޅުނު މައްސަލައިގައި ގާނޫނުގައި އެޅެން ހުރި އެންމެ ހަރުކަށި ފިޔަވަޅު އަޅަން ހިންމަފުށީ ކައުންސިލުން މީގެ ކުރިން ވަނީ ދައުލަތުގެ ކަމާ ބެހޭ ފަރާތްތަކަށް ގޮވާލާފަ އެވެ.

ހިންމަފުށީގެ ބައެއް މީހުން ތުހުމަތު ކުރާ ގޮތުގައި ގިލި ލަންކަންފުށިން ފިނޮޅު ނައްތާލަން އުޅުނީ، އެ ތަނަށް ދިވެހިން ގޮސް އުޅޭ މަންޒަރު ފަތުރުވެރިންނަށް ފެންނާތީ އެކަމާ ހިތްހަމަނުޖެހިގެންނެވެ.

comment ކޮމެންޓް