މައިކް އަލުން މޮޑެލް ކުރަނީތަ؟

މުހައްމަދު މަމްދޫހު އަހުމަދު (މީކާއިލް) --

މުހައްމަދު މަމްދޫހު އަހުމަދު (މީކާއިލް) ނުވަތަ މައިކް މުޅި ރާއްޖެއަށް މަޝްހޫރުވެފައިވަނީ އެފަދަ ދެވަނައެއް ނުވާ މޮޅު ހެއާ ޑްރެސާ އަދި މޭކަޕް އާޓިސްޓެއްގެ ގޮތުގަ އެވެ. މާލޭގެ ބޮޑެތި ގިނަ ސެލޫންތަކުގައި ހެއާ ސްޓައިލިސްޓް އަދި މޭކަޕް އާޓިސްޓެއްގެ ގޮތުގައި އޭނާ ފެނިގެންދިޔައިރު، މިއަދު އޭނާ މަސައްކަތްކުރަމުން އަންނަނީ ޑިޒައިނާ ރަޒީ އާއި ޕާޓްނާ ވެގެން އަމިއްލަ ބްރޭންޑް "މައިކްސް"ގެ ހިޔާވަހީގެ ދަށުންނެވެ.

އެހެންނަމަވެސް ބޯކޮށުމާއި، އިސްތަށިގަނޑުގެ އެކި ކަންކަމަށް ފަރުވާކުރުމުގެ މަސައްކަތާއި ތަންކޮޅެއް ދުރުން މައިކްގެ ހުނަރުވެރިކަން މިއަދު މުޅިން އެހެން ދާއިރާއަކުން އެބަ ފެނެ އެވެ. މައިކް މިވަނީ ދިވާސް އާއި އެކު ފެޝަންގެ ދާއިރާގައި ފިޔަޖަހަމުން އަންނަ ޒުވާން މޮޑެލުންތަކަށް ކޯޗިން ގެ މަސައްކަތްކޮށްދެމުންނެވެ.

2010 ވަނަ އަހަރުގެ ޑިޒައިނާސް ވީކް ގެ ތެރެއިން --

މީކާއިލް ގެ ހަގީގީ ފެށުމަކީ އަސްލު މޮޑެލިން

މޮޑެލިންއަކީ މީކާއިލް ބުނާގޮތުން އޭނާގެ ކެރިއާގެ ހަގީގީ ފެށުމެވެ. ކިޔަވާ ނިންމުމަށްފަހު އެންމެ ފުރަތަމަ އޭނާ މަސައްކަތްކުރީ ޓުއަރިޒަމް ދާއިރާގައެވެ. އެހެންނަމަވެސް އޭރުވެސް ބަލަބަލާހުރީ ފެޝަންގެ ދާއިރާއިންގެ ރަނގަޅު ފުރުސަތަކަށެވެ.

"އަސްލު ކުޑައިރުއްސުރެ އަބަދުވެސް ޝައުގުވެރިވޭ ފެޝަން އަށް. ރާއްޖެއަށް ފެޝަން ޓީވީ އައީއްސުރެ އަބަދުވެސް އެ ބަލަން. ދެން ކުޑައިރުވެސް އަބަދުވެސް ބޭނުންވީ ފެޝަން ރިލޭޓެޑް ކޮންމެވެސް ކަމެއް ކުރަން. ސެލެބްރިޓީސް ސްޓައިލްކުރުމާއި އެމީހުންގެ މޭކަޕް އާއި އެކަހަލަ ކަންކަން އެއީ އަަބަދުވެސް ވަރަށް ލޯބިކުރި މަސައްކަތްތަކެއް. އެހެންވެ ރަނގަޅު ފުރުސަތެއް ލިބެންދެން ހުރީ." މައިކް ބުންޏެވެ.

މިގޮތުން ސްޓައިލޯސް ފޮޓޯ ސްޓޫޑިއޯގައި ފޮޓޯގްރާފަރެއްގެ ވަޒީފާގައި އުޅެމުން، ފެޝަން އިންޑަސްޓްރީއިން ޖާގައެއް ހޯދުމަށް މައިކް ކުރި ފުރަތަމަ މަސައްކަތަކީ ސްރީލަންކާގައި އޮތް ރަންވޭ 2009 ގެ ޝޯ އަށް އޮޑީޝަން ކުރުމެވެ. ހީކުރި ގޮތާއި މުޅީން ޚިލާފަށް ޝޯގެ ވަކި ހިސާބަކުން އޭނާ އެލިމިނޭޓްވެގެން ދިއުމާއި އެކު ހުރިހާ އުންމީދެއް ވެއްޔާއި މޮޑެވުނު ކަމަށް މައިކް ބުންޏެވެ.

ނަމަވެސް ނަސީބު އައިސް އަތުގައި ހިފީ އޭގެ ޖެހިގެން އައި އަހަރު ބްރައިޑް މޯލްޑިވްސްއިން ލިބިގެން ދިޔަ ފުރުސަތާއި އެކީގައެވެ. ބްރައިޑް މޯލްޑިވްސްގެ ކާސްޓިން ކޯލްއަކަށް އޮޑިޝަންކޮށް ހޮވުމާއި އެކު އެ އަހަރުގެ ޑިޒައިނާސް ވީކްގައި މައިކްވަނީ ފުރަތަމަ ފަހަރަށް ރަންވޭ އަކުން ފެނިގެން ގޮސްފައެވެ.

2011 ގެ ޝޯގެ ތެރެއިން --

އެއަށްފަހު 2011 ވަނަ އަހަރުގެ ބްރައިޑް ފެއާއިންވެސް އޭނާ ފެނުނުއިރު، 2012 ވަނަ އަހަރުގެ ޑިޒައިނާސްވީކްގައި އޭނާ ފެނިިގެންދިޔައީ ޑިޒައިނަރެއްގެ ގޮތުގައެވެ. އަދި ހަމަ އެއަހަރަކީ ފުރަތަމަ ފަހަރަށް ހެއާ މޭކަޕް އެންޑް ބިއުޓީގެ ދާއިރާއިން އޭނާ ކިޔެވި އަހަރުވެސް މެއެވެ.

ބްރައިޑް މޯލްޑިވްސް އިން ނިކަން ސީދަލަށް އެޅުނު ބިންގަލާއިއެކު 2013 ގައި އެތަނުން ވަޒީފާވެސް ހަމަޖެހުނެވެ. ބްރައިޑް މޯލްޑިވްސްގެ މާކެޓިން މަސައްކަތްތަކާއި ޝޯތައް ހިންގުމުގައި ނިކަން އަވަދިނެތި އުޅުނުއިރު ޖެހިގެން އައި 2014 ގައި ރިޒޯޓުތަކުގައި ބްރައިޑް މޯލްޑިވްސް ޝޯތައް އިންތިޒާމުކޮށް ކޮރިއޯގްރަފީ ހެދުމުގައި އިސް ދައުރެއް އޭނާ އަދާކުރި އެވެ.

ހަމައެޔާއެކު 2013ގައި އޭނާވަނީ އިންޓަނޭޝަނަލް ބްރޭންޑެއް ކަމުގައިވާ ޔަމަހާގެ އެޑެއްގައި މޮޑެލްއެއްގެ ގޮތުގައިވެސް ފެނިގެން ގޮސްފައެވެ. އަދި މިއަހަރު ބޭއްވުނު ޓޮޕް މޮޑެލް މޯލްޑިވްސް ގެ މޭކަޕް ކޮންޓެސްޓްގެ ޖަޖަކަށްވުމުގެ ޝަރަފުވެސް ވަނީ ލިބިފައެވެ.

އެހެންކަމުން މޭކަޕް އެންޑް ހެއާ ސްޓައިލިސްޓެއްގެ ގޮތުގައި މިއަދު އަހަރެމެން އެންމެނަށް އޭނާ އެނގުނަސް، ކެރިއާގެ ބޮޑުބައެއް މައިކް ހޭދަކުރީ މޮޑެލިންގައޭ ބުނުމަކީ ދޮގަކަށް ނުވާނެކަމަށް އޭނާ ބުންޏެވެ.

މީކާއިލް ދިވާސްގެ މޮޑެލުންނާއި އެކު--

"ދިވާސް" އަކީ ފެޝަން އިންޑަސްޓްރީއަށް ކޮށްދޭ ހިދުމަތެއް

ކޮންމެއަކަސް، ގިނަ އަހަރުތަކެއްގައި ސީދާ ރަންވޭތަކުން މައިކްގެ ހުނަރުވެރިކަން މިވަނީ ފެނިގެން ގޮސްފައެވެ. އެހެންނަމަވެސް އެ ދުވަސްވަރަކީ މިހާރާއި އެއްވަރަށް ސޯޝަލް މީޑިއާ މީހުން ބޭނުންކޮށް އުޅޭ ދުވަސްވަރަކަށް ނުވުމާއިއެކު އެ މަސައްކަތްތައް ގިނަ ބަޔަކަށް ނުފެނި ނޭގިފައި އޮތީކަމަށް ވެދާނެ އެވެ.

ކުޑަ ބްރޭކަކަށްފަހު ހެއާ ޑްރެސާ 'މައިކް'ގެ ނަމުން ގިނަބަޔަކުމިވަނީ އޭނާގެ ހުނަރާއި ފަންނު ބަލައިގަނެފައެވެ. އެ ފޭނުންނަށް ބޮޑު ހައިރާންކަމެއް މި ލިބުނީ އަލުން އެނބުރި މޮޑެލިންއާއި ފެޝަންގެ މަސައްކަތްތަކުން މިނިމިދިޔަ 2020ގެ ފަހުކޮޅު ދިވާސްއާއި އެކީގައި މައިކް ފެންނަން ފެށުމުންނެވެ. އެންމެންގެ ސުވާލަކަށްވެސް މީ މައިކް ކެރިއާ ބަދަލުކުރީތޯ؟ ނޫނީ އަލުން މޮޑެލިންއާއި ގުޅުނީތޯއެވެ.

މައިކް ބުނާގޮތުގައި ދިވާސް އާއި އެކުގައި މަސައްކަތްކުރަން ފެށުނީ ވަރަށް އާދައިިގެ ގޮތަކަށެވެ.

"ދިވާސް ގެ ދޮނާ އަސްލު އެއްދުވަހު މީޓްކޮށްލާފައި ބޭނުންވީ މައިކް އައިސް ޓިޕްސް ކޮޅެއް ދޭން މޮޑެލްސްއަށް. ދެން އެ ސެޝަންއަށްފަހު މޮޑެލްސް ބޭނުންވީ މީ ޓޫބީ ދެއާ ކޯޗް. އެއީ އަސްލު އެމީހުންނަށްވެސް ހެދޭ މިސްޓޭކްސް އާއި އެއްޗެހި ރަނގަޅުކޮށްދެވޭތީ ހެން ހީވަނީ. ރާއްޖޭގައި ފެޝަން ކޯޗުންނެއް ނުތިބޭ. އެހެންވީމަ މި ދާއިރާގައި ކުރިން ކުރެވިފައި ހުރި މަސައްކަތްތަކަށް ބަލާފައި މިވަގުތު އެއްވެސް ވަރަކަށް މޮޑެލް ކުރުމަށް ޝައުގުވެރިކަން ނެތީމަ ހިތަށް އެރީ މީކާއިލްގެ ފަރާތުން މި އިންޑަސްޓްރީއަށް ދެވޭނެ ވަރަށް ބޮޑު ކޮންޓްރިބިއުޝަން އަކަށޭ މިކަން ވާނީ" ދިވާސް އާއި އެކީގައި އޭނާ މަސައްކަތްކުރަން ފެށިގޮތް މައިކް ކިޔައިދިނެވެ.

އެއަށްފަހު މިވީ މުއްދަތުގެ ތެރޭގައި މީކާއިލް ވަނީ ދިވާސްއާއި އެކު ކާމިޔާބު މަސައްކަތްތަކެއް ކޮށްފައެވެ. ނޮވެމްބަރު 2020 ފެށިގެން މިހާތަނަށް ދިވާސްއިން ބޭޢްވި އެއް ޝޯ ފިޔަވާ ހުރިހާ ޝޯއެއްގެ ކޮރިއޯގްރަފީ ތައްޔާރުކޮށްދިނީ މައިކް އެވެ.

މައިކް ބުނާގޮތުން އޭނާގެ މަސައްކަތުގައި އެންމެ ބޮޑަށް ސަމާލުކަންދީފައިވާނީ ހަމައެކަނި ރެގިއުލާ ރަންވޭ މޮޑެލިން ދައްކައިދިނުމުގެ ބަދަލުގައި ތަފާތު އެކު ރަހަތަކާއިއެކު 'ވާސެޓައިލް' ޝޯތަކެއް ގެނެސްދިނުމެވެ.

" ދިވާސްގެ ފެޝަން އިން ހައުސް ޝޯއަކީ ރާޢްޖޭގެ އެކި ފެޝަން ވެންޗާސް ތަކުގެ ކަލެކްޝަންތައް ދައްކާލަދޭންވެގެން ބާއްވާ ސޯޝަލް މީޑިއާ ޝޯއެއް. ދެން މީކައިލް އެންމެ ބޮޑަށް ސަމާލުކަން މިދެނީ ނޯމަލް ރެގިއުލާ ރަންވޭ މޮޑެލިންއަށްވުރެ އެ ކަލެކްޝަންއަކާއި ގުޅޭނެގެން ކޮރިއޯގްރަފީހަދަން" މައިކް ބުންޏެވެ.

މީކާއިލް --

މައިކް ދެން ހެއާ ޑްރެސިން ދޫކޮށްލަނީތަ؟

މިއީ ބޮޑު ސުވާލެވެ. އެހެންނަމެވެސް މައިކް ގެ ފޭނުން އެއްވެސް ވަރަކަށް ދެރަވެ މާޔޫސް ވާނެ ކަމެއް ނެތެވެ. މި ހުރިހާ ދުވެހެކޭ އެއްގޮތަށް އަދިވެސް މައިކްގެ ރަސްމީ މަސައްކަތަކީ ހަމަ ބޯކޮށުމެވެ.

" މީކާއިލް ގެ ރަސްމީ ޖޮބަކީ ހަމަ ހެއާ ޑްރެސިން. ދެން އަބަދުގެވެސް އެންމެ ބޮޑު ޕްރައިއޯރިޓީ އަކީ ހަމަ 'މައިކްސް' . ބޯ ކޮށުމާއި ސްޓައިލް ކޮށްދިނުން. އެކަމެއް ދުލެއް ނުކުރެވޭނެ އިތުރު އެހެން އެއްވެސް ކަމެއް ކިތަންމެ ބޮޑު އަގެއްގައި އޮފާ ކުރިއަސް." މައިކް ބުންޏެވެ.

މައިކް ބުނާގޮތުގައި މޮޑެލްއެއްގެ ގޮތުގައި ކޮންމެހެން އޭނާ ނުފެނުނު ނަމަވެސް މިވީ ދުވަސްތަކުގައިވެސް ހަރަކާތްތެރިވެވިފައިވަނީ ހަމަ ފެޝަން އިންޑަސްޓްރީގައެވެ. ކުރިއަށްވެސް މި ދާއިރާ ދޫކޮށްލުމެއް ނެތެވެ. އަދިވެސް "މައިކްސް" އޮތީ ކުރިއަށެވެ.

comment ކޮމެންޓް