ޖެޓް ސްކީއެއްގައި ދިޔަ މީހުން އޮޔާ ދަނިކޮށް ފެނިއްޖެ

ކޯސްޓްގާޑުގެ އުޅަނދެއް --- ފޮޓޯ: އެމްއެންޑީއެފް

ޅ. ފުށިފަރު ރިސޯޓުން ޖެޓް ސްކީއެއްގައި ފުރުމަށްފަހު ހަބަރެއް ނުވެގެން ހޯދަމުން ދިޔަ ދެ މީހުން އޮޔާ ދަނިކޮށް ފެނިއްޖެ އެވެ.

މިއަދު 17:45 ހާއިރު ރިސޯޓުން ފުރިގޮތަށް ހަބަރެއް ނުވެގެން ހޯދަން ފެށީ 24 އަހަރުގެ ދިވެހި ފިރިހެނަކާއި 29 އަހަރުގެ ދިވެހި އަންހެނެކެވެ.

އެ ދެމީހުން ގެއްލިގެން އެމްއެންޑީއެފް އަށް ރިޕޯޓުކުރީ މިރޭ 19:04 ހާއިރު އެވެ.

އެމްއެންޑީއެފް އިން ބުނީ އެ ދެމީހުން ފެނުނީ މިރޭ 20:42 ހާއިރު ޅ. ކުރެއްދޫ އައިލެންޑް ރިސޯޓު ކައިރިން ކަމަށެވެ. ޖެޓް ސްކީގައި އެ ދެމީހުން ތިއްބައި ފެނުނީ ކުރެއްދޫ ރިސޯޓުގެ ލޯންޗަކަށެވެ.

އެ ދެމީހުން ފެނުނީ ޖެޓް ސްކީގެ އިންޖީނު ހުއްޓި އޮޔާ ދަނިކޮށް ކަމަށާއި، ދެމީހުންގެ ހާލު ރަނގަޅު ކަމަށް އެމްއެންޑީއެފް އިން ބުންޏެވެ.

އަދި މިހާރު އެ ދެމީހުން ވަނީ ކުރެއްދޫ ރިސޯޓަށް ގެންގޮސްފަ އެވެ.

އެ ދެމީހުންނަކީ ވެސް އެ ރިސޯޓުގެ މުވައްޒަފުންނެވެ. އެ ދެމީހުން ޖެޓް ސްކީގައި ދިޔައީ މަޖާކޮށްލުމަށް ކަމަށާއި ދެމީހުން ތިބީ ލައިފް ޖެކެޓު އަޅައިގެން ކަމަށް އެމްއެންޑީއެފް އިން ބުންޏެވެ.

comment ކޮމެންޓް