ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރުގެ އަތުން ނެންގެވި ކަމަށް ބުނާ ފައިސާތަކަކަށް ހިޔާނާތްތެރިވިކަމުގެ ތުހުމަތު ރައީސް މައުމޫންގެ ދަރިކަލުން ފާރިސް މައުމޫނަށް ކުރައްވައި، އޭނާގެ މައްސަލަ ބަލަން އެދި ކުރީގެ ބަންޑާރަނައިބު އަދި ޖާބިރުގެ އަނބިކަނބަލުން ދިޔާނާ ސައީދު ފުލުހަށް މައްސަލަ ހުށަހަޅުއްވައިފި އެވެ.
މިދިޔަ ރިޔާސީ އިންތިހާބުގެ ކުރިން ރައީސް މައުމޫން ބޭނުންފުޅުވެގެން، ސިޔާސީ މަސައްކަތްތަކަށް 29 މިލިއަން ރުފިޔާގެ ލޯނެއް ދެއްވި ކަމަށް ޖާބިރު ވިދާޅުވެ އެވެ. އަދި އެ މުއާމަލާތުގައި ދިޔާނާއަކީ ހެކިވެރިއެއް ކަމަށްވެސް އޭނާ ވިދާޅުވެފައިވެ އެވެ. އެ ފައިސާ އަނބުރާ ނުދައްކާ ކަމަށް ވިދާޅުވެ ޖާބިރު އެތައް ފަހަަރެއްގެ މަތިން ވަނީ މައުމޫނަށް ފާޑުވިދާޅުވެފަ އެވެ.
އެ މައްސަލައާ ގުޅިގެން މިދިޔަ ބުރާސްފަތި ދުވަހު ދިޔާނާ ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދަށް ފޮނުއްވި ސިޓީއެއްގައި ވަނީ ޖާބިރުގެ ފަރާތުން ދޭން އެއްބަސްވި 29 މިލިއަން ރުފިޔާގެ ތެރެއިން 24 މިލިއަން، ރައީސް މައުމޫން އެދިވަޑައިގެންނެވި ގޮތަށް ފާރިސްއާ ހަވާލުކުރެއްވި ކަމަށެވެ.
ދިޔާނާ ފާހަގަކުރެއްވީ އެ ފައިސާ ލިބިވަޑައިނުގަންވާ ކަމަށް ރައީސް މައުމޫން ވިދާޅުވާ ކަމެވެ. އެމަނިކުފާނަށް އެ ފައިސާ ލިބިވަޑައިނުގަންވާ ނަމަ އެއީ ފާރިސް ވެވަޑައިގެންވި ހިޔާނާތެއް ކަމަށް ދިޔާނާގެ ސިޓީގައިވެ އެވެ.
އެހެންކަމުން، އެއީ ހިޔާނާތުގެ މައްސަލައެއް ކަމަށް ވިދާޅުވި، އެ ފައިސާއަށް ފާރިސް ހެއްދެވި ގޮތެއް ބައްލަވައިދެއްވުމަށް ދިޔާނާ އެދިވަޑައިގެންނެވި އެވެ.
"އެހެންކަމުން، މި ހިޔާނާތުގެ މައްސަލަ އަވަސް ތަހުގީގަކުން ތަހުގީގުކޮށްދެއްވައި، އެ ފައިސާއަށް ފާރިސް މައުމޫން ހެއްދެވި ގޮތެއް ބައްލަވައިދެއްވުމަށް އެދި ތިޔަ ސާވިސްއަށް ހުށަހަޅަމެވެ،" ދިޔާނާގެ ސިޓީގައިވެ އެވެ.
ދިޔާނާގެ ސިޓީގައި އިތުރަށް ވިދާޅުވެފައި ވަނީ، ރައީސް މައުމޫންގެ ގެކޮޅު ކިނބިގަސްދޮށުގޭގެ ރަޖިސްޓްރީ ރަހުނުގެ ގޮތުގައި ދީފައި ވިޔަސް އެ ފައިސާ ދެއްވުމަށް މައުމޫން އެދިވަޑައިގެންނެވި ކަމަށެވެ. ޖާބިރު އެ ރަޖިސްޓްރީ އަތުނުލެއްވީ ކޮންމެހެން ރަޖިސްޓްރީ ނުބޭއްވިޔަސް، މައުމޫންގެ ބަސްފުޅު ގެރެންޓީއެއްގައި ފުދޭ ކަމަށް ވިދާޅުވެ ކަމަށްވެސް ދިޔާނާގެ ސިޓީގައި ވިދާޅުވެފައިވެ އެވެ.
ފައިސާ ނުދިން ކަމަށް ބުނާ މައްސަލަ ޖާބިރު ވަނީ މީގެ ކުރިން ސިވިލް ކޯޓަށް ހުށަހަޅުއްވާފަ އެވެ. އެ މައްސަލަ މިހާރު އޮތީ ހުކުމް ކުރުމާ ހަމައަށް ގޮސްފަ އެވެ.