2020 ގައި އެމްޓީސީސީއަށް ރިކޯޑު އަދަދެއްގެ އާމްދަނީއަކާއި ފައިދާއެއް

ޖެނުއަރީ 23، 2021: އެމްޓީސީސީގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު

ހުސްވި 2020 ވަނަ އަހަރު އެމްޓީސީސީއަށް ރިކޯޑު އަދަދެއްގެ އާމްދަނީއަކާއި ފައިދާއެއް ލިބިއްޖެ އެވެ.

މިދިޔަ އަހަރުގެ ހަތަރުވަނަ ކުއާޓަރުގެ މާލީ ހިސާބުތައް އެމްޓީސީސީއިން މިއަދު ވަނީ އާންމުކޮށްފަ އެވެ. އެކަމާ ގުޅިގެން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެކުންފުނީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވީ މިދިޔަ އަހަރަކީ އެމްޓީސީސީއަށް މާލީ ނަތީޖާ އެންމެ ރަނގަޅު އަހަރު ކަމަށެވެ.

"2020 ވަނަ އަހަރަކީ އެމްޓީސީސީގެ 40 އަހަރުގެ ހަޔާތުގައި އެންމެ ބޮޑު ފައިދާއެއް ޑިކްލެއާ ކުރެވޭ އަހަރު. 203.11 މިލިއަން ރުފިޔާ ފައިދާގެ ގޮތުގައި ޑިކްލެއާ ކުރެވިފައިވޭ. މިއީ 2019 ވަނަ އަހަރާ އަޅާބަލާއިރު ވަރަށް ބޮޑު ކުރިއެރުމެއް. މިވަރުގެ ކުރިއެރުމެއް އެމްޓީސީސީގެ 40 އަހަރުގެ ހަޔާތުގައި ހޯދިފައެއް ނެތް،" އާޒިމް ވިދާޅުވި އެވެ.

އެމްޓީސީސީއަށް މިދިޔަ އަހަރު ޓެކުހަށް ކެނޑުމުގެ ކުރިން 203.11 މިލިއަން ރުފިޔާ ފައިދާގެ ގޮތުގައި ލިބުނުއިރު، އޭގެ ކުރީ އަހަރު ލިބުނީ 63.08 މިލިއަން ރުފިޔާ އެވެ. އަދި މިދިޔަ އަހަރު ވިޔަފާރިކޮށްގެން އާމްދަނީގެ ގޮތުގައި 1.35 ބިލިއަން ރުފިޔާ ލިބުނުއިރު، 2019ވަނަ އަހަރު ލިބުނީ 1.14 ބިލިއަން ރުފިޔާ އެވެ.

އެމްޓީސީސީ ބިލްޑިންގް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މިދިޔަ އަހަރު ސާފު ފައިދާގެ ގޮތުގައި އެމްޓީސީސީއަށް ލިބުނީ 172.6 މިލިއަން ރުފިޔާ އެވެ. އަދި އޭގެ ކުރީ އަހަރު ލިބުނީ 52.8 މިލިއަން ރުފިޔާ އެވެ.

"އެންމެ ބޮޑު ފައިދާއެއް ލިބުނީ މެރިން ކޮންސްޓްރަކްޝަންގެ ދާއިރާއިން. މެރިން ކޮންސްޓްރަކްޝަންގެ ދާއިރާ ފުދޭވަރަކަށް ފުޅާކޮށްފައި މިވަނީ. އަޅުގަނޑުމެންނަށް އެއްފަހަރާ 40 ރަށުގައި މަސައްކަތް އެބަކުރެވޭ. އެއްފަހަރާ ތިން އެއާޕޯޓުގައި މަސައްކަތް ކުރުމާއި ތިން ރަށެއްގެ މަގު ހެދުމުގެ ކެޕޭސިޓީ އެބަހުރި. އަދި އެއްފަހަރާ ތިން ރަށެއްގެ ބިން ހިއްކުމުގެ މަސައްކަތް ކުރުމުގެ ކެޕޭސިޓީވެސް އެބަހުރި. އެހެންވީމަ އެމްޓީސީސީގައި މިވަގުތު މިއޮތް ކެޕޭސިޓީއަކީ ފުދޭވަރަކަށް ރަނގަޅު ކެޕޭސިޓީއެއް،" އާޒިމް ވިދާޅުވި އެވެ.

ހަތަރުވަނަ ކުއާޓަރުގެ މާލީ ހިސާބުތަކަށް ވަކިން ބަލާއިރު އާމްދަނީގެ ގޮތުގައި ލިބުނީ 400 މިލިއަން ރުފިޔާ އެވެ. އަދި ސާފު ފައިދާގެ ގޮތުގައި ލިބުނީ 53.4 މިލިއަން ރުފިޔާ އެވެ. މިދިޔަ އަހަރު އެމްޓީސީސީއަށް އެންމެ ބޮޑު އާމްދަނީއަކާއި ސާފު ފައިދާއެއްވެސް ލިބިފައިވަނީ ހަތަރުވަނަ ކުއާޓަރުގަ އެވެ.

އާޒިމް ވިދާޅުވީ މިދިޔަ އަހަރު ގާތްގަނޑަކަށް ތިން މަސް ދުވަސް ވަންދެން ލޮކްޑައުންއެއްގައި އުޅުނުއިރުވެސް، އެއްވެސް މަހެއްގައި އެކުންފުންޏަށް ގެއްލުމެއް ލިބިފައި ނުވާ ކަމަށެވެ.

ހަމައެއާއެކު މިދިޔަ އަހަރަކީ އެންމެ ގިނަ މަޝްރޫއުތައް ނިންމުނު އަހަރު ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ 40 އަހަރުގެ ހަޔާތުގައި 2020އަކީ އެންމެ ގިނަ ޕްރޮޖެކްޓުތައް ނިންމާލެވުނު އަހަރު. އެގޮތުން 34 ޕްރޮޖެކްޓެއް އަޅުގަނޑުމެން ވަނީ ނިންމާލާފައި. މީގެ ތެރޭގައި ހިމެނޭ ކުރިން ފަށާފައި ހުރި ޕްރޮޖެކްޓުތަކާއި މިދިޔަ އަހަރު ފަށާފައިހުރި ޕްރޮޖެކްޓުތައް ވެސް." އާޒިމް ވިދާޅުވި އެވެ.

comment ކޮމެންޓް