އާ ސްޓްރެއިންގެ ނުރައްކާ ބޮޑު، ނަމަވެސް ވެކްސިން މަސައްކަތް ކުރޭ: އިނގިރޭސި ބޮޑުވަޒީރު

އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ބޮރިސް ޖޯންސަން-- ފޮޓޯ: ރޮއިޓާސް

އިނގިރޭސިވިލާތުން ފެނުނު ކޮވިޑް19ގެ އާ ބާވަތް، ފުރަތަމަ ފެނުނު ބާވަތަށްވުރެ ނުރައްކާތެރި ވުން އެކަށީގެންވާ ކަމަށް އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ބޯރިސް ޖޯންސަން ވިދާޅުވެއްޖެ އެވެ.

ބޯރިސްއާ ހަވާލާދީ ބޭރުގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި ކޮވިޑް19ގެ ފުރަތަމަ ވޭރިއެންޓްއާ އަޅާބަލާއިރު ފަހުން ފެނުނު ވޭރިއެންޓްގެ މޯޓަލިޓީ ރޭޓް ނުވަތަ ވައިރަސް ޖެހިގެން މީހުން މަރުވާ އަދަދު އިތުރު ކަމަށެވެ.

އެގޮތުން މިހާތަނަށް ލިބެން ހުރި ތަފާސްހިސާބުތަކަށް ބަލާއިރު އާ ވޭރިއެންޓް ޖެހޭ ކޮންމެ 1000 މީހުންގެ ތެރެއިން 13 ނުވަތަ 14 މީހުން މަރުވާ ކަމަށް ލަފާކޮށްފައިވެ އެވެ. ކޮވިޑް19ގެ ފުރަތަމަ ވޭރިއެންޓްގައި މި އަދަދު ހުރީ ކޮންމެ 1000 މީހުންގެ ތެރެއިން 10 މީހުންނެވެ.

ހަމައެއާއެކު ކޮވިޑް19ގެ ފުރަތަމަ ވޭރިއެންޓްއާ އަޅާބަލާއިރު އާ ވޭރިއެންޓް ފެތުރޭ ސްޕީޑު ވެސް 70 ޕަސެންޓް ހަލުވިކަމަށް ދިރާސާތަކުން ދައްކަ އެވެ.

އެހެން ނަމަވެސް ބޯރިސް ވިދާޅުވީ މިހާރު އުފައްދާފައި ހުރި ކޮވިޑް19ގެ ވެކްސިންތައް ފަހުން ފެނުނު ވޭރިއެންޓާ ދެކޮޅަށްވެސް މަސައްކަތްކުރާ ކަމަށެވެ.

ކޮވިޑްގެ އާ ބާވަތުން ރިކޯޑު އަދަދަކަށް ކޮންމެ ދުވަހަކު އައު ކޭސްތައް ފެނި، މީހުން މަރުވާ އަދަދު އިތުރުވާން ފެށުމުން އިންގްލެންޑާއި ސްކޮޓްލެންޑުން ވަީ މި މަހުގެ ހަތަރުވަނަ ދުވަހު އާ ފިޔަވަޅުތަކެއް އަޅާފަ އެވެ.

އިނގިރޭސިވިލާތުން 3.5 މިލިއަނަށްވުރެ ގިނަ މީހުން ވަނީ ކޮވިޑް19 ޖެހިފަ އެވެ.

comment ކޮމެންޓް