ގްރީން ބަލިކޮށް ހަތަރުވަނައިގައި ޓީސީން ބުރު ނިންމާލައިފި

ގްރީން ސްޓްރީޓްސްގެ ހަލީލް އަތުން ބޯޅަ ހޯދަން އައްޒާމް މަސައްކަތްކުރަނީ. – ފޮޓޯ: އިބްރާހީމް ފާއިދު / އެފްއޭއެމް

ދިރާގު ދިވެހި ޕްރިމިއާ ލީގުގެ ފުރަތަމަ ބުރުގެ ފަހު މެޗުގައި ގްރީންސްޓްރީޓްސް ބަލިކޮށް ޓީސީ ސްޕޯޓްސް ކުލަބުން ހަތަރުވަނައަށް އަރައިފި އެވެ.

ދެ ޓީމުގެ ފަރާތުން ވެސް ވާދަވެރި ކުޅުމެއް ފެނިގެން ދިޔަ މިއަދުގެ މެޗުގައި އެންމެ ފަހުން ހަތަރު މެޗުން ވެސް ބަލިނުވެ އައި ގްރީން އަތުން ޓީސީ ކުރި ހޯދީ 0-1 ގެ ނަތީޖާއަކުންނެވެ. މި މޮޅާ އެކު ޓީސީން ތާވަލުގެ ހަތަރުވަނައަށް ޖެހިލާފައި ވަނީ ކުޅުނު ހަތް މެޗުން ނުވަ ޕޮއިންޓް ހޯދައިގެންނެވެ. އެ ޓީމުގެ ކުރީގައި ދަ ގްރާންޑޭ 12 ޕޮއިންޓާ އެކު އޮތް އިރު، ދެވަނައިގައި އޮތް ވެލެންސިއާ 12 ޕޮއިންޓާ އެކު އޮތީ ފައިދާ ގޯލުގެ ތަފާތުންނެވެ. އެއްވަނައިގައި އޮތް މާޒިޔާއިން މިވަގުތު 14 ޕޮއިންޓާ އެކު އޮތް އިރު، މިރޭ އީގަލްސްއާ ދެކޮޅަށް ކުޅޭ މެޗުން މޮޅުވެގެން އެ ޓީމަށް ލީޑު ފުޅާ ކުރެވޭނެ އެވެ.

މެޗަށްފަހު ޓީސީގެ ކޯޗު މުހައްމަދު ޝާޒްލީ ބުނީ، މި މޮޅާ އެކު ދެވަނަ ބުރަށް ދިއުމަށް ރަނގަޅު ހިތްވަރެއް ލިބިއްޖެ ކަމަށާއި، ލީގުގެ އޮއެވަރު ދާ ގޮތުން ހަތަރުވަނައިގައި އޮތުމަކީ ހިތްހަމަ ޖެހުމެއް ކަމަށެވެ. އަދި ޒުވާން ސްކޮޑަކާ އެކު ލީގާއި ކުރިމަތިލައިގެން، ފުރަތަމަ ބުރު ނިންމާލި އިރު މެޗަކަށްފަހު މެޗެއް ކުޅުން ރަނގަޅުވެގެން ދިޔަތަން ފެނުނު ކަމަށާއި، ޕްރީ ސީޒަނުގެ ފައިދާ ޓީމަށް ވަރަށް ބޮޑަށް ލިބުނު ކަމަށް ޝާޒް ވަނީ ބުނެފަ އެވެ.

ގްރީންގެ ކެޕްޓަން ރިލްވާންއާއި ޓީސީގެ ޑިފެންޑަރު ވާހިދު (ވާޑު) ބޯޅައަށް މަސައްކަތް ކުރަނީ --- ފޮޓޯ//އެފްއޭއެމް

މިއަދުގެ މެޗު ފަށައިގެން ދެ ޓީމުން ވެސް ހަމަހަމަ ކުޅުމެއް ދެއްކި އިރު، ފުރަތަމަ ހާފުގައި ގްރީންއިން އުފެއްދި އެންމެ ރަނގަޅު ފުރުސަތު ލިބުނީ މުހައްމަދު ޖައިލަމް (އޮގީ) އަށެވެ. ކީޕަރު ކައިރިން ނައްޓާލުމަށްފަހު އޮގީ ފޮނުވާލި ހަމަލާ ރޮނގުމަތިން ޓީސީގެ ޑިފެންޑަރު މުހައްމަދު އަޖުފާން ވަނީ ދިފާއުކޮށްފަ އެވެ.

އެއަށްފަހު ޓީސީގެ ކެޕްޓަން މުހައްމަދު އައްޒާމް މުޅިން ހުސްކޮށްލާފައި އެ ޓީމުގެ ބިދޭސީ ފޯވާޑް މެލްކޮމް ކަސިއުސް ސްޓެވާޓްއަށް ދިން ބޯޅަ ބާރަށް ގޯލަށް ފޮނުވާލި ނަމަވެސް ގްރީންގެ ކީޕަރު ސާގިބް ހަނީފް ވަނީ އެ ބޯޅަ ދިފާއުކޮށްފަ އެވެ.

ދެވަނަ ހާފުގައި ޓީސީން ޓީމު ކުރިއަށް ޖައްސައިގެން ކުޅެ ހަމަލާތައް އިތުރު ކުރަން މަސައްކަތް ކުރި އިރު، އެ ޓީމަށް މެޗުގައި ގޯލު ޖަހައިދިނީ ކެޕްޓަން އައްޒާމް އެވެ. އޭނާ ބޮލުން ފޮނުވާލި އެ ބޯޅަ އަކީ އެ ޓީމުގެ އިބްރާހީމް އަތީގް ހަސަން (އިއްބެ) ނަގައިދިން ހުރަހަކުން ޖެހި ގޯލެކެވެ.

މެޗަށްފަހު ގްރީންގެ ކޯޗު އަލީ ނިޝްތާރު ބުނީ މެޗުގައި ގްރީންގެ ކުޅުން ޖުމުލަކޮށް ރަނގަޅު ކަމަށާއި، މެޗުގައި ހަމައެކަނި މަދުވީ ގޯލެއް ކަމަށެވެ.

comment ކޮމެންޓް