ދިއްލީގެ މަގަކަށް ސުޝާންތުގެ ނަން ދެނީ

ސުޝާންތު ސިންހް ރާޖްޕުތު--

މިދިޔަ އަހަރުގެ ޖޫން މަހުގެ 14 ވަނަ ދުވަހު މަރުވެފައި ހުއްޓާ ފެނުނު ބޮލީވުޑްގެ ޒުވާން އެކްޓަރު ސުޝާންތު ސިންހް ރާޖްޕުތް ގެ ނަން ދިއްލީ މަގަކަށްދޭން ނިންމައިފިކަމަށް ރިޕޯޓްތައް ބުނެފިއެވެ.

ދެކުނު ދިއްލީގެ މަގަކަށް ސުޝާންތުގެ ނަންދޭން ނިންމާ އެކަމާ ބެހޭ ޕްރޮޕޯޒަލްވެސް މިހާރު ހުށައަޅާފައިވާކަމަށާއި އެ މަގަކަށް ސުޝާންތުގެ ނަން ދޭން ނިންމީ އޭނާގެ ހަނދާން އަބަދުވެސް އާ ކުރުމަށްކަމަށް ރިޕޯޓްތައް ބުނެއެވެ.

ސުޝާންތުގެ 35 ވަނަ އުފަންދުވަސް ބުރާސްފަތި ދުވަހު ފާހަގަ ކުރިއިރު އޭނާގެ ދައްތަ ޝްވޭތާ ސިންހް ކްރިތީ ވަނީ ސުޝާންތު ސިންހް މެމޯރިއަލްގެ ނަމުގައި ފަންޑެއްވެސް ހުޅުވާފައެވެ. އެ ފަންޑުގެ ދަށުން ކުދިންނަށް ކިޔެވުމަށް ފުރުސަތުތައް ދިނުމަށް ވަނީ ނިންމާފައެވެ.

ސުޝާންތުގެ މަރުގެ ތަހުގީގު އަދިވެސް ސީބީއައިއިން ކުރިއަށް ގެންދާއިރު އެ މަރުގެ މައްސަލާގައި ގިނަ މީހުންނެއް ވަނީ ހައްޔަރުވެސްކޮށްފައެވެ.

ޒުވާން އެކްޓަރު ސުޝާންތު މަރާލީ ކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ. ސުޝާންތުގެ އެންމެ ފަހު ފިލްމަކީ ދިލް ބޭޗާރާ އެވެ. މި ފިލްމު ރިލީޒްކުރީ އޭނާ މަރުވުމަށްފަހުއެވެ. ނަމަވެސް މި ފިލްމަށް ދުނިޔޭގެ ރެކޯޑުތައް އަންނަނީ ލިބެމުންނެވެ.

comment ކޮމެންޓް