ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްއާ ދެކޮޅަށް ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި އެމްއެމްޕީއާރްސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތުގެ ހެކިބަސް ބޭނުން ނުކުރެވޭނެ ކަމަށް ހައިކޯޓުގެ ދެ ފަނޑިޔާރުން ކަމަށްވާ މުހައްމަދު ނިޔާޒާއި ހުސެއިން ޝަހީދު ނިންމަވައިފި އެވެ.
ގއ. ވޮޑަމުލާ ދޫކޮށްގެން ދައުލަތަށް ލިބެން ޖެހޭ އެއް މިލިއަން ޑޮލަރު ލޯންޑާ ކުރިކަން ސާބިތުވެ ރައީސް ޔާމީންގެ މައްޗަށް އިއްވި ހުކުމުގެ އިސްތިއުނާފު މައްސަލައިގައި މިއަދު ހައިކޯޓުގައި ވަނީ ހުކުމް އިއްވާފަ އެވެ. ފަނޑިޔާރު ހުސެއިން މަޒީދާއި ފަނޑިޔާރު މުހައްމަދު ނިޔާޒުގެ އަގުލަބިއްޔަތުން ނިންމީ ކްރިމިނަލް ކޯޓުގެ ހުކުމް ދަމަހައްޓާށެވެ. އެއާ ހިލާފު ރައުޔަކަށްވީ ފަނޑިޔާރު ހުސެއިން ޝަހީދުގެ ރައުޔެވެ.
ތިން ފަނޑިޔާރުންވެސް މިއަދު ވަކިވަކިން އެ މައްސަލައިގައި ރައުޔު އިއްވި އެވެ. ފަނޑިޔާރު ނިޔާޒުގެ ރައުޔުގައި، އަދީބާއި ޒިޔަތަކީ ފާސިގުން ކަމަށް ބުނެ އެއީ ރައީސް ޔާމީންގެ އަދާވާތްތެރިން ކަމަށް ރައީސް ޔާމީންގެ ފަރާތުން ނެގި ނުކުތާއާ ބެހޭގޮތުން ލިޔުއްވި އެވެ.
ފަނޑިޔާރު ނިޔާޒުގެ ރައުޔުގައި ވަނީ، ރައީސް ޔާމީންގެ ކުށުގެ އަމަލުގައި އަދީބާއި ޒިޔަތު ބައިވެރިވިކަން ލިޔުންތަކުން އެނގެން ނެތް ކަމަށެވެ. ނަމަވެސް، އެ ކުށުގައި އެހީތެރިވުމާއި މަގުފަހިކުރުން ފަދަ ކަންކަމުގައި އެ ދެ މީހުން ބައިވެރިވި ކަމަށް ބެލެވޭނެ ކަމަށް ބުނެފައިވެ އެވެ.
އެހެންކަމުން، އަދީބާއި ޒިޔަތުގެ ހެކިބަސް ރައީސް ޔާމީންގެ މައްޗަށް ބޭނުން ކުރެވޭނީ އިތުރަށް އެއަށް ބާރުދޭ ހެކިތައް ހޯދިގެން ކަމަށް ވިދާޅުވި އެވެ.
އެ ދެ މީހުންނަކީ ހިޔާނާތުގައި ޝާމިލުވެ، އަމަލީ ގޮތުގައި ހިންގަން އުޅުނު ފަރާތްތައް ކަމަށްވާތީ އަދި އެ ދެ މީހުންނަކީ ރައީސް ޔާމީންގެ އަދާވާތްތެރިން ކަމަށް ރައީސް ޔާމީން ވިދާޅުވާ ވާހަކައިގައި ގަބޫލު ކުރެވޭ ކަންތައްތަކެއް ހުރުމުން ހަމައެކަނި އެ ދެ މީހުންގެ ހެކިބަހުގެ މައްޗަށް ބިނާކޮށް ކުށް ސާބިތު ކުރުން ރަނގަޅު ނޫން ކަމަށް ބުނެފައިވެ އެވެ.
"އެ ދެ މީހުންގެ ހެކި ބަހަކީ ކުރިން ބަޔާން ކުރިހެން އިތުރަށް ކޮރޮބަރޭޓް ނުކޮށް ހަމައެކަނި މި ދެ މީހުންގެ ހެކިބަހުގެ މައްޗަށް ބިނާކޮށް ކުށް ސާބިތުކުރުން އެއްގޮތަކަށް ވެސް ރައްކާތެރި ހެކިކަމަކަށް ނުފެނޭ،" ފަނޑިޔާރު ނިޔާޒު ވިދާޅުވިއެވެ.
ރައީސް ޔާމީންގެ މައްސަލައިގައި އަދީބާއި ޒިޔަތުގެ ހެކިބަސް ގަބޫލު ނުކުރެވޭނެ ކަމަށް ފަނޑިޔާރު ޝަހީދުގެ ރައުޔުގައިވެ އެވެ.
އޭނާގެ ރައުޔުގައި ވަނީ އިސްލާމީ ޝަރީއަތުގެ ދަށުން، ގަބޫލު ކުރެވޭނީ އަދުލުވެރިންގެ ހެކިބަސް ކަމަށް ފާހަގަކުރައްވައިފަ އެވެ. އަދި ސުޕްރީމް ކޯޓުންވެސް މީގެ ކުރިން އެގޮތަށް ނިންމާފައިވާކަން އޭނާ ފާހަގަކުރެއްވި އެވެ.
އަދީބާއި ޒިޔަތަކީ މީގެ ކުރިން ކުށް ސާބިތުވެފައިވާ މީހުންކަންވެސް ފާހަގަކުރެއްވި އެވެ. އެހެންކަމުން، އަދީބާއި ޒިޔަތުގެ ހެކިބަސް ދަށު ކޯޓުން ނެގީ ސުޕްރީމް ކޯޓުން މީގެ ކުރިން ނިންމާފައިވާ ގަޒިއްޔާއަކާ ހިލާފަށް ކަމަށްވެސް އެ ރައުޔުގައިވެ އެވެ.
"މި މައްސަލައިގައި ހެކިބަސް އަދާކޮށްފައިވާ އަހުމަދު އަދީބާއި އަބްދުﷲ ޒިޔަތުގެ ހެކިބަހަކީ ޝަރީއަަތަށް ބަލައިގަނެވޭނެ އަދި އެ ހެކިބަހަށް އެއްވެސް ބުރަދަނެއް ދެވޭނެ ހެކިބަހެއް ނޫންކަން އެނގޭ އިރު އެ މީހުންގެ ހެކިބަސް ކްރިމިނަލް ކޯޓުން ބަލައިގަނެ، އެއަށް ބުރަދަން ދީފައި ވަނީ ސުޕްރީމް ކޯޓުގެ 2012/އެސްސީ-އޭ/1 ގަޒިއްޔާގައި ކަނޑައަޅުއްވާފައިވާ އުސޫލުތަކާ ހިލާފަށްކަން އެނގެން އޮވޭ،" ފަނޑިޔާރު ޝަހީދުގެ ރައުޔުގައިވެ އެވެ.
މިއަދު ރައީސް ޔާމީންގެ މައްސަލަ ހައިކޯޓުގައި ކުރިއަށްގެންދިޔައީ ލައިވްކޮށް ދުރަަށް ދައްކައިގެންނެވެ. އެ އަޑުއެހުމަށް ފަސް ގަޑިއިރަށް ވުރެ ގިނަ ވަގުތު ހޭދަވި އެވެ.
ވޮޑަމުލާގެ ފައިސާ ލޯންޑާ ކުރި މައްސަލައިގައި ރައީސް ޔާމީން ފަސް އަހަރަށް ޖަލަށްލައި ފަސް މިލިއަން ޑޮލަރުން ޖޫރިމަނާ ކުރަން ކްރިމިނަލް ކޯޓުން ހުުކުމް ކުރީ 28 ނޮވެމްބަރު 2019ގަ އެވެ.