ރީބްރޭންޑް ކުރުން: ލޯގޯއަށް އެހާ ބޮޑު ބަދަލެއް ގެނައުން މުހިންމުތަ؟

އެމްޑަބްލިއުއެސްސީގެ ކުރީގެ ލޯގޯއާއި އައު ލޯގޯ--

ކުންފުންޏެއްގެ ލޯގޯއަކީ އެތަނެއްގެ އައިޑެންޓިޓީ ރަމްޒުކޮށްދޭ މައިގަނޑު އެއްޗެވެ. ޒަމާނަށް އަންނަ ބަދަލުތަކާ އެކު އެ ކުންފުންޏެއް ރަމްޒުކޮށްދޭ ލޯގޯ ބަދަލުވަމުންދާ ތަން ދުނިޔޭގެ އެކި ބްރޭންޑްތަކަށް ބަލައިލުމުން ވެސް ފެނެ އެވެ. އިއްޔެ ސަރުކާރުގެ ފެން ކުންފުނި، އެމްޑަބްލިޔުއެސްސީ އިން ވަނީ އެކުންފުނީގެ ލޯގޯއަށް ބަދަލެއް ގެނެސްފައެވެ.

ނޫސްތަކުގެ ސުރުހީ ކިޔާލުމުން އެންމެންގެ ހިތުގައި ވެސް އުފެދުނު ސުވާލަކީ، މިއީ އަނެއްކާ ކޮންކަހަލަ ބަދަލެއްބާ އެވެ. ކުންފުނީގެ ލޯގޯ މުޅިން އެފުށްމިފުށަށް ޖަހައި ބަދަލުކޮށްލީބާ އެވެ. އެގޮތުން އައު ލޯގޯއާ މެދު ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ސުވާލު އުފެއްދި އެވެ. ފެންނަ ފެނުމަށް ލޯގޯގައި މާ ބޮޑު ބަދަލެއް ފެންނަން ނެތުމުންނެވެ.

ކުރީގެ ލޯގޯއާއި އައު ލޯގޯ އަޅާކިޔާލުމުން ކުލަތަކުގެ ތަފާތެއް އުޅޭކަން ފާހަގަވެ އެވެ. ހީވަނީ ކުރީގެ ލޯގޯ ސެނިޓައިޒް ކޮށްލާފައި ސާފުކޮށްލާފައި ދައްކާލި "ބިފޯ އެންޑް އާފްޓާ"އެއް ހެންނެވެ. ކައިރިން ބަލައިލުމުން ފޮންޓަށްވެސް ބަދަލެއް އައިސްފައިވާކަން ފާހަގަވެ އެވެ.

ލޯގޯއަށް މާބޮޑު ބަދަލެއް ނާންނާތީ، މީސްމީޑިއާގައި އައު ލޯގޯއަށް ފާޑުކިޔުންތަކެއް އަމާޒުވި އެވެ. ތިއޮތީ ޕްރިންޓަރ މައްސަލަ ޖެހިފައެވެ. ސެޗުރޭޝަން އޮޅިގެން ގަދަކޮށްލެވިފައި ހެއްޔެވެ؟ މިފަދަ ބަސްތަކެވެ.

އެމްޑަބްލިއުއެސްސީގެ އައު ލޯގޯއަށް ސޯޝާލް މީޑިއާގައި ފާޑުކިޔާފައިވާ ކޮމެންޓުތަކެއް--

ދުނިޔޭގެ މަޝްހޫރު ބައެއް ކުންފުނިތައް ރީބްރޭންޑް ކުރިއިރު ލޯގޯއަށް ބަދަލުތައް ގެނެސްފައިވާ ގޮތްތަކަށް ބަލައިލާއިރު ފެންނަނީ ހަމަ މިފަދަ ކުދި ބަދަލުތަކެކެވެ. އެންމެ ލޮލުގައި އަޅައިގަތް އެއް ލޯގޯއަކީ ގޫގްލްގެ ލޯގޯ އެވެ. ގޫގްލްއިން 2010 ގައި ބޭނުންކުރި ލޯގޯ އާއި ފަހުގެ ލޯގޯ އާ ދެމެދު ފެންނަ ފެނުމަށް ބަދަލެއް ނެތެވެ. ހުރީ މިފަދަ "ސެޗުރޭޝަން"ގެ ބަދަލެކެވެ.

ގޫގްލްގެ ލޯގޯއަށް ބަދަލު އައިސްފައިވާ ގޮތް--

ފެޝަން ބްރޭންޑް ޒާރާގެ ލޯގޯގެ ހަމައެކަނި ބަދަލަކަށް ފެނުނީ ދުރު ދުރުގައި ހުރި އަކުރުތައް ކައިރިކޮށްލި ތަނެވެ. މަޝްހޫރު އެޕަލް، ކޮކާކޯލާ އަދި ސްޓާބަކްސް ފަދަ ބްރޭންޑްތަކަކީ ވެސް މިފަދަ ކުދި ބަދަލުތަކުން ބަދަލު ގެނެސްފައިވާ މަޝްހޫރު ކުންފުނިތަކެވެ.

ޒާރާގެ ލޯގޯއަށް އައިސްފައިވާ ބަދަލު--


ފޭސްބުކް ފަދަ ބޮޑު ކުންފުންޏަކުން މިފަދަ ބަދަލެއް ގެނައުމުން "ކޫލު" ކަމަކަށްވާ ގޮތަށް ދިވެހި ކުންފުންޏަކުން މިފަދަ ކަމެއް ކުރުމުން ސަޅި ކަމަކަށް ނުވަނީ ކީއްވެގެންބާ އެވެ. ދިވެހި ކުންފުންޏަކުން ކުރި ކަމަކަށް ވުމުން ސޯޝަލް މީޑިއާގައި ފެންނަނީ "ޗީޑި، މިއީވެސް ދެން ރީބްރޭންޑިންތަ" މިފަދަ ފާޑުކިޔުންތަކެކެވެ.

މީސްމީޑިޔާގައި ގިނަ ބަޔަކު އެމްޑަބްލިއުއެސްސީގެ ލޯގޯއަށް ފާޑުކިޔަމުން ދިޔައިރު، އަނެއްކޮޅުން މި ބަދަލު ކަމާގުޅޭ ދާއިރާގެ ބައެއް މީހުން ބަލައިގަތްކަންވެސް ފާހަގަވި އެވެ. އެގޮތުން ބައެއް ފަރާތްތަކުން މިފަދަ ބަދަލުތަކާ ބެހޭގޮތުން ވަރަށް ތަފްސީލީ މައުލޫމާތުވެސް ހިއްސާކޮށްފައި އެބަހުއްޓެވެ.


މިފަދަ ތުރެޑްތައް ކިޔާލުމަށް ފަހު އަނެއްކާވެސް އެމްޑަބްލިއުއެސްސީގެ ލޯގޯއަށް ނަޒަރު ހިންގައިލީމެވެ. ނޫކުލައާއި ފެހި ކުލައިގެ ބައްޓަމުން ދޭހަވާ މާނަ ފުނެވެ. މާނަ ފުން އެއްޗެއްގެ ބަައްޓަން ބަދަލު ކުރުމުގެ މާނައެއްވެސް ނެތެވެ. ކުރީގެ ލޯގޯގެ ބައްޓަމަށް ބަދަލު ގެނެވިފައި ނުވިޔަސް ބަލައިލަން ވަރަށް ވެސް ހިތްގައިމެވެ. ކުލަތައް ރީއްޗެވެ. ފޮންޓު ޒަމާނީ އެވެ. މިއީ ހަމަ ކުންފުންޏަށް އައިސްފައިވާ އިނޮވޭޝަން ރަމްޒުކޮށްދޭ "ކުޑަ" އެހެން ނަމަވެސް "މުހިންމު" ބަދަލެއް ނޫންތޯ އެވެ.

އެމްޑަބްލިއުއެސްސީގެ އައު ލޯގޯއާ ގުޅޭގޮތުން ދާއިރާގެ ތަޖުރިބާކާރެއް ކޮށްފައިވާ ކޮމެންޓެއް--

comment ކޮމެންޓް