މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން އާރްޓީއައި (ރައިޓް ޓު އިންފޮމޭޝަން) ފޯމެއް ހުށަހަޅައިގެން މާލޭ ސިޓީ ކައުންސިލުގެ މެމްބަރުންނާއި މުވައްޒަފުންގެ މުސާރައިގެ މައުލޫމާތު ހޯދަން އަހުމަދު އައިމަން ލަތީފު ހުށަހެޅީ މިދިޔަ އަހަރުގެ އޮގަސްޓު މަހުގެ ތެރޭގަ އެވެ. އެއީ ދައުލަތުގެ އެކި އިދާރާތަކުން އެކިއެކި މައުލޫމާތު ހޯދަން އޭނާ ހުށަހަޅާފައިވާ 140 އަށް ވުރެ ގިނަ އާރްޓީއައި ރިކުއެސްޓްގެ ތެރެއިން އެކެކެވެ.
އައިމަން އެ މައުލޫމާތު ހޯދަން އެދުމުން ސިޓީ ކައުންސިލުން ބުނީ އެ މައުލޫމާތު ކައުންސިލުގެ ވެބްސައިޓުގައި އާންމު ކުރާނެ ކަމަށެވެ. ނަމަވެސް، ވެބްސައިޓުގައިވެސް އެ މައުލޫމާތު އާންމު ކޮށްފައި ނުވުމުން އައިމަން އެ މައްސަލަ ހުށަހެޅީ އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހަށެވެ. ދައުލަތުގެ އިދާރާއަކަށް އާރްޓީއައި މެދުވެރިކޮށް މައުލޫމާތު ހޯދަން ހުށަހެޅުމުން އެ މައުލޫމާތެއް ކޮންމެހެންވެސް ދޭން ޖެހޭނެ ކަމަށް އޭނާ ގަބޫލު ކުރެއެވެ.
މި މައްސަލަައިގައި މިދިޔަ ބުދަ ދުވަހު އިންފޮމޭޝަން ކޮމިޝަނުން އަޑުއެހުމެއް ބޭއްވި އިރު، ސިޓީ ކައުންސިލު ތަމްސީލުކުރި އެތަނުގެ އެސޯސިއޭޓް ލީގަލް ކައުންސެލް އަލީ ނަސީރު ގާސިމް ވިދާޅުވަމުން ގެންދެވީ ކައުންސިލުން އަހަރުގެ ފަުިކޮޅު ނެރޭ އަހަރީ ރިޕޯޓުގައި އެ މައުލޫމާތުތައް ހާމަކުރާނެ ކަމަށެވެ. މުސާރައިގެ މައުލޫމާތަކީ މުއައްސަސާގެ އަމިއްލަ އިސްނެގުމަށް ހާމަކުރަންޖެހޭ މައުލޫމާތު ކަމަށް ވިދާޅުވެ އޭނާ ހިފައި ދެންމެވީ ގާނޫނުގެ 37 ވަނަ މާއްދާގެ (ފ) ގައެވެ.
ވަކި މައުލޫމާތަކަށް ފަރުދަކު އެދިފައި އޮއްވާ އެ މައުލޫމާތު ހިފެހެއްޓުމަކީ ދައުލަތުގެ އިދާރާއަކާށް ލިބޭ އިހުތިޔާރެއް ނޫންކަން އިންފޮމޭޝަން ކޮމިޝަނަރު ހުސައިން ފިޔާޒް މޫސާ އެ އަޑުއެހުމުގައި ފާހަގަކުރެއްވިއެވެ. މުސާރައިގެ މައުލޫމާތަކީ އަމިއްލަ އިސްނެގުމަށް ހާމަކޮށްފައި ބަހައްޓަންޖެހޭ އެއްޗަަކަށް ވީ ނަމަވެސް އަހަރީ ރިޕޯޓު ނިމެންދެން އެ މައުލޫމާތު ނުހިފެހެއްޓޭނެކަން ކޮމިޝަނަރު ފާހަގަކުރެއްވިއެވެ.
އެ ވާހަކަތަކުގެ ރައްދުގައި އަލީ ނަސީރު ފެއްޓެވީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނާ މެދު ސުވާލު އުފައްދަވާށެވެ. އަމިއްލަ ފަރުދަކު ދައުލަތުގެ އިދާރާއަކުން މައުލޫމާތު ހޯދަން އެދުމުން ވަކި މުއްދަތެއްގެ ތެރޭގައި އެ މައުލޫމާތު ދޭން ޖެހޭނެ ކަަމަށް ބަޔާންކޮށްފައި އޮތީ ކޮން ގާނޫނެއްހޭ ވިދާޅުވެ، ސުވާލު ފައްޗެއް ކުރައްވަން ފެއްޓެވީއެވެ.
"ކޮން ގާނޫނެއްގައި ކޮން ގަވައިދެއްގައިތޯ ލާޒިމުކޮށްފައި އޮތީ މިވެނި ދުވަހެއްގައި މިވެނި ގަޑިއެއްގައި ނެރެން ޖެހޭނެ ކަމަށް ކޮން ގާނޫނެއްގެ ކޮން ގަވައިދެއްގައި ތޯ އޮތީ،" އަލީ ނަސީރު ސުވާލު ކުރެއްވި އެވެ.
"އަދި ވިދާޅުވެދެވިދާނެތޯ ކޮން ގާނޫނެއްގެ، ކޮން ގަވައިދެއްގެ ހައިސިއްޔަތުންތޯ ވަކި މީހެއްގެ ޒާތީ މަންފާއެއް ނުވަތަ ވަކި މީހެއްގެ އަމިއްލަ ޒާތީ މައުލޫމާތެއް އަމިއްލަ ފަރާތަކުން އެދުނީމާ އެ ފަރާތަކަށް ދޭން ޖެހޭނެ ކަމަށް ކޮން އެއްޗަކުންތޯ ބަޔާންކޮށްފައި އޮތީ،"
މިއާއެކު އިންފޮމޭޝަން ކޮމިޝަނަރަށް ޖެހިވަޑައިގަތީ މީގެ ހަ އަހަރު ކުރިން ތަސްދީގުކުރި މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ފިލާވަޅެއް ނަންގަވައިދޭށެވެ. މުސާރައާއި އިނާޔަތުގެ މައުލޫމާތަކީ ޒާތީ މައުލޫމާތު ނޫންކަމަށާއި އެކަމާ ޗެލެންޖު ނުކުރަން އެދިވަޑައިގަތެވެ. އަދި އެ މައުލޫމާތަކީ އަމިއްލަ އިސްނެގުމަށް ހުށަހަޅަން ޖެހޭ މައުލޫމާތަކަސް، އާންމު ފަރުދަކު އެ މައުލޫމާތު ހޯދަން އެދުމުން ގާނޫނުގައި ބުނާ މުއްދަތުގެ ތެރޭގައި ހުށަހަޅަންވާނެ ކަމަށް ވިދާޅުވިއެވެ.
ގާނޫނުގައި އޮންނަ ގޮތުން މައުލޫމާތަކަށް އެދުމުން 21 ދުވަހުގެ ތެރޭގައި އެ މައުލޫމާތެއް ދައުލަތުގެ އިދާރާއަކުން ހާމަކުރަން ޖެހެއެވެ. އަދި އެ މުއްދަތު 14 ދުވަހުގެ މުއްދަތަކަށް އިތުރުކުރުމުގެ އިހްތިޔާރު އެ އިދާރާއަކަށް ލިބިގެން ވެއެވެ. އެ މައުލޫމާތެއް ނުދީފިނަމަ މައުލޫމާތަށް އެދޭ ފަރާތަށް އިންފޮމޭޝަން ކޮމިޝަނުގައި އެކަން އިސްތިއުނާފު ކުރެވޭނެއެވެ.
ނަމަވެސް އަޑުއެހުމުގައި އިންފޮމޭޝަން ކޮމިޝަނަރު ހުސައިން ފިޔާޒު މޫސާ ވިދާޅުވީ މައުލޫމަތު ހާމަކުރުމަކީ އިންފޮމޭޝަން ކޮމިޝަނުން "އިލްތިމާސް ދަންނަވައި، އާދޭސްކުރަން" ޖެހޭ ކަމެއް ނޫން ކަމަށެވެ. އަދި އަލީ ނަސީރުގެ ވާހަކަތަކަކީ "ގާނޫނުގެ ރޫހާ" ހިލާފަށް ދެއްކެވި ވާހަކަތަކެއް ކަމަށްވެސް ވިދާޅުވި އެވެެ.
"ދައުލަތުގެ މުސާރަ ބޭނުންކުރާ ކަމުގައި ވަންޏާ ދިވެހި ރައްޔިތުންނަށް އެ މުސާރައަކީ ކޮބައިކަން އެނގެން ޖެހޭ. ލިބޭ އިނާޔަތަކީ ކޮބާކަން އެނގެން ޖެހޭ،" ފިޔާޒު ވިދާޅުވި އެވެ.
ހަތް ދުވަހުގެ ތެރޭގައި އެ މައުލޫމާތު ދިނުމަށް ސިޓީ ކައުންސިލަށް އަންގައި އަޑުއެހުން ނިންމާލި އިރުވެސް މާލެ ސިޓީ ކައުންސިލުގެ ވަކީލު ގެންދެވީ އެކަމާ ޖަދަލުކުރައްވަމުންނެވެ.
އެ މައުލޫމާތުތައް ހޯދުމަށް ހުށަހެޅި އައިމަން ލަތީފު ދެކޭ ގޮތުގައި ސިޓީ ކައުންސިލުން އެ އަޑުއެހުމުގައި އެހެން ސުވާލު އުފެއްދީ ގާނޫނުގައި އޮތް އެއްޗެއް ނޭނގިގެންނެއް ނޫނެވެ. އޭނާ ގަބޫލުކުރަނީ، އެހެން އެ ބޭފުޅުން ވާހަކަ ދެއްކެވީ މައުލޫމާތު ހާމަ ނުކުރަން ދެއްކެން އޮތް ކޮންމެ ހުއްޖަތެއްވެސް ދައްކާށެވެ.
"އަޅުގަނޑަކަށް ނުފެނޭ ސިޓީ ކައުންސިލަށް ނޭނގުނީ ކަމަށް. ވަރަށް ރަނގަޅަށް އެނގޭނެ ގާނޫނުގައި އޮތީ ކީކޭކަން. އަޅުގަނޑަށް ފެންނަ ގޮތުގައި އެ ބޭފުޅުން މައުލޫމާތު ނުދޭންވެގެން ދެއްކެން އޮތް ކޮންމެ އުޒުރެއްވެސް ދައްކަނީ،" "ސަން"އާ ވާހަކަދައްކަމުން އައިމަން ބުންޏެވެ.
އައިމަން ބުނީ، އަދިވެސް ދައުލަތުގެ އިދާރާތައް ގާނޫނަށް ހޭލުންތެރިވާން ޖެހޭ ކަމަށެވެ. އެގޮތުން އެ އިދާރާތަކުން އަމިއްލަ އިސްނެގުމަށް ހާމަ ކުރަން ޖެހޭ ވަރަށް ގިނަ މައުލޫމާތުތައް އަދިވެސް ހާމަ ނުކޮށް ހުންނަކަން އޭނާ ފާހަގަކުރެއްވި އެވެ.
"އެވެއާނެސްއަށް ވުރެވެސް ބޮޑަށް އިންފޮމޭޝަން ކޮމިޝަނުން އަސްލު މިއަށް ހަރުކަށިވާންވީ ކަންނޭނގެ،" އައިމަން ބުންޏެވެ.
"ހަމައެކަނި އިންފޮމޭޝަން ކޮމިޝަނުން މިހާރު ސިޓީއެއް ފޮނުވާލަނީ. އެއަށް ވުރެ ތަންކޮޅެއް ހަރުކަށިވާން ޖެހޭ ކަންނޭނގެ،"
"އެއީ އުފައްދަން ޖާގަ އޮތް ސުވާލެއްވެސް ނޫން"
ކޮމިޝަނަރު ފިޔާޒު "ސަން"އަށް ވިދާޅުވީ، މިއީ ވަރަށް މަދުން ނޫނީ ނުހިނގާ ކަމެއް ކަމަށެވެ. މީގެ ކުރިން ދައުލަތުގެ އެއްވެސް އިދާރާއަކުން މުސާރައަކީ އާންމު ކުރަން ޖެހޭ އެއްޗެއް ކަމާ މެދު ސުވާލު ނުއުފައްދާ ކަމަށާއި، އެކަމާ މެދު ޝަކުވާއެއްވެސް ކޮށްފައި ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ފިޔާޒު ވިދާޅުވީ، ސިޓީ ކައުންސިލުގެ ފަރާތުން އުފެއްދި ސުވާލުތަކަކީ އުފައްދަން ޖާގަ އޮތް ސުވާލުތަކެއްވެސް ނޫން ކަމަށެވެ. އެއީ އޭގެ ޖަވާބު ސަރީހަ ބަހުން ގާނޫނުުގައި އޮތުމުންނެވެ.
"ސުވާލު އުފެދެން ޖެހޭ ކަންކަމުގައި ޖެހޭނެ ސުވާލު އުފެދެން ސުވާލު އުފައްދަންވެސް، އޭރުން ރަނގަޅަށް ގާނޫނުގައި އޮންނަ ކަންކަން ސާފުވާނީވެސް. އެކަމަކު މިއީކީ ސުވާލު އުފެއްދޭނެ، ސުވާލު އުފައްދަން ޖެހޭނެ ހާލަތެއްވެސް ނޫން،" ފިޔާޒު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، ޖުމްލަ ގޮތެއްގައި ދައުލަތުގެ އިދާރާތަކުން ކުރިއަށް ވުރެ ގާނޫނަށް އަހުލުވެރިވަމުންދާ ކަމަށެވެ. އަދި ކުރިއަށް ވުރެ ގިނައިން މައުލޫމާތު ހާމަ ކުރާކަން ފާހަގަ ކުރެވޭ ކަމަށް ވިދާޅުވި އެވެ. އައިކޮމްއަށް ހުށަހެޅޭ ޝަކުވާތަކާ ގުޅިގެން ވަރަށް ބޮޑެތި މައުލޫމާތުވެސް ހާމަ ކުރާ ކަމަށް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ، މައުލޫމާތު ހޯދަން އާންމުން އެދޭ މިންވަރުވެސް އިތުރުވަމުންދާ ކަމަށެވެ.
އެހެންނަމަވެސް، އަމިއްލަ އިސްނެގުމަށް ހާމަ ކުރަން ޖެހޭ ކަންކަން ހާމަ ކުރުން ފަދަ ކަންކަމުގައި އަދިވެސް ރަނގަޅު ކުރަން ޖެހޭ ކަމުގައި އޭނާ ދެކެވަޑައިގަންނަވަ އެވެ.
އައިމަން އައިކޮމްއަށް ހުށަހެޅި މައްސަލައާ ގުޅިގެން، މާލޭގެ މޭޔަރު ޝިފާ މުހައްމަދު ޓްވިޓާގައި ވިދާޅުވެފައި ވަނީ، ހުރިހާ މެމްބަރުންނާއި މުވައްޒަފުންގެ ނަމާއެކު މުސާރައާއި އިނާޔަތް ހާމަ ކުރުމުގައި އެއްވެސް މައްސަލައެއް ނެތް ކަމަށެވެ. އަދި އެގޮތަށް ހާމަ ކުރަން އިރުޝާދު ދެއްވި ކަމަށެވެ.
އެހެންކަމުން، ލީގަލް ކައުންސިލް އަލީ ނަސީރު އިންފޮމޭޝަން ކޮމިޝަނުގެ އަޑުއެހުމުގައި ވާހަކަ ދެއްކެވީ ކައުންސިލުގެ ލަފާގެ މަތިންތޯ ނުވަތަ ނޫންތޯ ސާފު ކުރަން މޭޔަރު ޝިފާ އަދި ޑެޕިއުޓީ މޭޔަރު ޝަމާއު ޝަރީފަށް ގުޅުމުންވެސް ފޯނު ނަންގަވާފައި ނުވާތީ އެކަން ސާފެއް ނުވި އެވެ.