ރާއްޖޭގެ ފުރަތަމަ ވީއާރު ގޭމިން މުބާރާތަށް ބޮޑު ތަރުހީބެއް

ވީއާރު އަލްޓިމޭޓް ކަޕް 2021ގެ ނަމުގައި ރާއްޖޭގައި ފުރަތަމަ ފަހަރަށް ވާޗުއަލް ރިއަލިޓީ ގޭމިން މުބާރާތެއް ފަށައިފި އެވެ.

ހުރިހާ އުމުރުފުރާއަކަށްވެސް ބައިވެރިވެވޭ ގޮތަށް ކުރިއަށްގެންދާ މި މުބާރާތުގައި ބައިވެރިވާން ހުޅުވާލި ފުރުސަތުގައި 250 އަށްވުރެ ގިނަ ކުދިން ވަނީ ރެޖިސްޓާވެފަ އެވެ.

މި މުބާރާތް ކުރިއަށްދަނީ މާލޭ ގްރޭންޑުގެ ފުރަތަމަ ފަންގިފިލާގައި ހުންނަ ވީއާރު ކެފޭގަ އެވެ.

މި މުބާރާތުގެ ބައިވެރިން ކުޅެނީ "ބީޓް ސޭބާ" ނަމަކަށް ކިޔާ ގޭމެކެވެ. އަދި މުބާރާތް ރާވާފައިވަނީ ފަހަރަކު ދެ ބައިވެރިން ވާދަކޮށް، މޮޅުވާ ފަރާތެއް ޖެހިގެން އޮންނަ ބުރަށް ދާ ގޮތަށެވެ.

މުޅި މުބާރާތުން އެއްވަނައަށް ހޮވޭ ފަރާތަކަށް ކަނޑައަޅާފައިވާ އިނާމަކީ ސޮނީއިން އެންމެ ފަހުން ނެރުނު ޕްލޭސްޓޭޝަން 5ގެ ކޮންސޯލްއެކެވެ. އަދި ދެވަނަ ހޯދާ ފަރާތަކަށް އޮކިއުލަސް ކުއެސްޓް 2 ވާޗުއަލް ހެޑްސެޓެކެވެ.

މޯލްޑިވްސް އީ ސްޕޯޓިން އެސޯސިއޭޝަން، އީޓޫއެސް ގޭމިން، ވީއާރު ކެފޭ އަދި އުރީދޫއާ ގުޅިގެން ބާއްވާ މި މުބާރާތަކީ ރާއްޖޭގެ ފުރަތަމަ ވާޗުއަލް ރިއަލިޓީ މުބާރާތުގެ އިތުރުން 5ޖީ ޓެކްނޮލޮޖީ ބޭނުންކޮށްގެން ބާއްވާ ފުރަތަމަ މުބާރާތްވެސް މެއެވެ.

comment ކޮމެންޓް