ކެމްޕެއިން ކުރުމަށާއި އެހެން ބައެއް ކަންކަމަށް ހުރަސްތަކެއް ހުރި ނަމަވެސް ލޯކަލް ކައުންސިލު އިންތިހާބު ބާއްވައިދޭން ހުޅުމާލޭ ދާއިރާގެ މެމްބަރު އަލީ ނިޔާޒު އިލެކްޝަންސް ކޮމިޝަނުގެ ކިބައިން އެދިވަޑައިގެންފި އެވެ.
ލޯކަލް ކައުންސިލް އިންތިހާބުގެ ހާއްސަ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުގެ ބިލުގެ މަސައްކަތް މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމިޓީއިން ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓަށް ބަހުސް ކުރައްވަމުން އަލީ ނިޔާޒު ވިދާޅުވީ އެޗްޕީއޭއިން ހަދާ ގައިޑްލައިން ކޮންމެ ގޮތަކަށް އޮތް ނަމަވެސް އިންތިހާބު ބާއްވައި ދިނުމަށް އެދޭ ކަމަށެވެ.
އިންތިހާބު ބާއްވަން ހުރިހާ ފަރާތްތަކެއްގެ އެއްބާރުލުން ބޭނުންވާނެ ކަން ފާހަގަކޮށް އަލީ ނިޔާޒު ވިދާޅުވީ އިންތިހާބަށް ހާއްސަކޮށް ހަދާ ގައިޑްލައިން ވެގެން ދާންވާނީ މިނިވަން އިންސާފުވެރި އިންތިހާބެއް ބޭއްވޭނެ ފަދަ ގޮތަކަށް އެކުލަވާލެވޭ ގައިޑްލައިނަކަށް ކަމަށެވެ.
"އަދި އެ އިރުޝާދު ކޮންމެ ގޮތަކަށް އައި ނަމަވެސް އަޅުގަނޑުމެންވެސް ޕާޓީތަކުންވެސް އަދި ރައްޔިތުންވެސް ގަބޫލުކުރަން ޖެހޭ އެއްކަމެއް އެބަ އޮވޭ. އާންމު ހާލަތެއްގައި އިންތިހާބެއް ބޭއްވޭނެ ފަދަ ގޮތަކަށް ނޫންކަން އެ ގައިޑްލައިން އޮންނާނީ. މިސާލަކަށް ކެމްޕެއިން ކުރުމުގައި ހުރަސްތަކެއް ހުރެދާނެ. އަދި ވޯޓުލާ ދުވަހުގެ އިންތިޒާމުތަކަށްވެސް ބައެއް ހުރަސްތައް ހުރެދާނެ އެހެންނަމަވެސް އެއީކީ އިންތިހާބު ނުބޭއްވޭނެ ފަދަ ކަމެއްގެ ގޮތުގައި ދެކިގެން އިލެކްޝަންސް ކޮމިޝަނުންވެސް މާނަ ކުރެއްވުމަކީ އެންމެ ރަނގަޅު ގޮތެއް ނޫން." އަލީ ނިޔާޒު ވިދާޅުވި އެވެ.
އިލެކްޝަންސް ކޮމިޝަނުން ބަލަންވާނީ މި ހާލަތުގައި އިންތިހާބު ބޭއްވޭނެ އެންމެ އިންސާފުވެރިކޮށް އިންތިހާބު ބޭއްވޭތޯ ކަމަށް އޭނާ ވިދާޅުވި އެވެ.
މާސްކު އަޅަން ޖެހުމާއި، ތިން ފޫޓު ދުރުގައި ތިބެން ޖެހުމާއި ވޯޓު ފޮށި ކައިރީގައި ތިބޭ މީހުން ޕީޕީއީ އަޅައިގެން ތިބެން ޖެހުމަކީ އިންތިހާބަށް ހުރަސް އެޅޭނެ ކަންކަން ކަމަށް ބަލައިގެން އިންތިހާބު މިހާލަތުގައި ނުބޭއްވޭނެ ކަމަށް އަލީ ނިޔާޒު ވިދާޅުވި އެވެ.
"އަޅުގަނޑު ދެކޭ ގޮތުގައި އަޅުގަނޑުމެން އެންމެވެސް އެކަން ގަބޫލުކޮށްގެން ކެމްޕެއިންވެސް ކުރަންވާނީ. އަދި ވޯޓުލާ ދުވަހު ވޯޓުލާން ނުކުންނަން ވާނީވެސް. އަޅުގަނޑު ދެކޭގޮތުގައި މިހާރު މިއޮތް އިސްލާހުން ގާނޫނީ ހުރިހާ ހުރަސްތަކެއް އެބަ ނެތިގެން ދޭ." އަލީ ނިޔާޒު ވިދާޅުވި އެވެ.
މަޖިލީހުން މިއަދު ފާސްކުރި ބިލުގައި ވާގޮތުން އިންތިހާބު ބާއްވަންވާނީ އެޗްޕީއޭއިން ހަދާ ގައިޑްލައިނަކާ އެއްގޮތްވާ ގޮތުގެ މަތިންނެވެ.
ކައުންސިލް އިންތިހާބު މެއި 10 ވަނަ ދުވަހުގެ ކުރިން ނުބޭއްވޭ ހާލަތެއް ކުރިމަތިވާ ނަމަވެސް އިލެކްޝަންސް ކޮމިޝަނުން އެކަން 30 ދުވަހުގެ ތެރޭގައި މަޖިލީހަށް އަންގަން ޖެހޭގޮތަށް މަޖިލީހުން ވަނީ ފާސްކޮށްފަ އެވެ.