އެޗްޕީއޭއިން ގައިޑްލައިން ހަދާފައި އޮތީ އެމްޑީޕީއަށް ކެމްޕެއިން ކުރެވޭ ގޮތަށް: ޝިޔާމް

ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް -- ފޮޓޯ/ މަޖިލިސް

ކޮވިޑް 19 އާ ގުޅިގެން ރަށްރަށަށް ދަތުރުކުރެވޭނެ އުސޫލުތަކެއް ކަނޑައަޅައި ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ގައިޑްލައިން ހަދާފައި އޮތީ އެމްޑީޕީއަށް ކެމްޕެއިން ކުރެވޭ ގޮތަށް ކަމަށް މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަދި ޕީޕީއެމްގެ ނައިބު ލީޑަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.

ލޯކަލް ކައުންސިލް އިންތިހާބުގެ ހާއްސަ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުގެ ބިލުގެ މަސައްކަތް މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމިޓީއިން ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓަށް ބަހުސް ކުރައްވަމުން ޝިޔާމް ވިދާޅުވީ ސިޔާސީ ޕާޓީތައް ކޮންޓްރޯލް ކުރުމުގެ ބާރު އެ ބިލުން އެޗްޕީއޭއަށް ދޭން ހިމަނާފައިވާ ކަމަށެވެ.

އެޗްޕީއޭއިން ކަން ކުރަމުންދާ ގޮތް ފާޅުކަން ބޮޑުގޮތެއްގައި އެންގެން އޮތް ކަމަށް ޝިޔާމް ވިދާޅުވި އެވެ. އެޗްޕީއޭއިން ނެރިފަ އޮންނަ އުސޫލުން ސަރުކާރު މެމްބަރުންނަށް ދަތުރުކުރެވޭ ކަމަށް އޭނާ ވިދާޅުވި އެވެ.

"ސަރުކާރު މެމްބަރުންނަށް ދަތުރުކުރެވޭ. އެޗްޕީއޭއިން ނެރިފަ އޮންނަ އުސޫލުގައި މި އޮންނަނީ ރާއްޖޭގެ ރައްތަކަށް ދަތުރުކުރަން ޖެހެނީ މި ޕްރޮޖެކްޓް އިފްތިތާހު ކުރާށޭ. ޕްރޮޖެކްޓް ހިންގަނީ މިއަދު ސަރުކާރުން." ޝިޔާމް ވިދާޅުވި އެވެ.

ޖުމްހޫރީ ޕާޓީ މީހުންނާއި އެމްޑީޕީ މީހުން އަދާލަތު ޕާޓީ މީހުންވެސް ސަރުކާރު ނަމުގައި ޕްރޮޖެކްޓް އިފްތިތާހު ކުރަން ރަށްރަށަށް ދަތުރުކުރަމުން ދާ ކަމަށް ޝިޔާމް ވިދާޅުވި އެވެ.

"ޕީޕީއެމް ޕީއެންސީ މީހުން ފިޔަވައި އެހެން ހުރިހާ ޕާޓީތަކަށް ދެވޭގޮތަށް އުސޫލު އެކުލަވާލާ ބައެއްގެ ވާހަކަ މި އިސްލާހުގައި މިއޮތީ." ޝިޔާމް ވިދާޅުވި އެވެ.

އެޗްޕީއޭގެ އަތް މައްޗަށް ރާއްޖޭގެ އިންތިހާބުތައް ދީގެން ކަން ކުރުމަކީ ޕީޕީއެމުން ކަންބޮޑުވާ ކަމެއް ކަމަށް ޝިޔާމް ވިދާޅުވި އެވެ. އަދި ވާދަވެރި ސިޔާސީ ހަމައެކަނި ޕާޓީގެ ލީޑަރު ޖަލަށް ލައިގެން ބޭއްވޭނެ އިންސާފުވެރި އިންތިހާބެއް ނޯންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

comment ކޮމެންޓް