ފިޔަވަތީގެ މެއިންޓެނަންސް މަސައްކަތްތަކަށް އެއާޕޯޓްސް ކުންފުނިން އެހީތެރިކަން ދެނީ

ފިޔަވަފިޔަވަތީގެ މެއިންޓެނަންސް މަސައްކަތްތަކަށް އެއާޕޯޓްސް ކުންފުނިން އެހީތެރިކަން ފޯރުކޮށްދިނުމަށް އެމްއޯޔޫގައި ސޮއިކުރުން--

ދައުލަތުގެ ބެލުމުގެ ދަށުން ކުޑަކުދިން ބަލަހައްޓަމުން ގެންދާ ހުޅުމާލެ ފިޔަވަތި މަރުކަޒުގެ މެއިންޓެނަންސް މަސައްކަތްތަކަށް އެއާޕޯޓްސް ކުންފުނި (އެމްއޭސީއެލް)އިން އެހީތެރިކަން ފޯރުކޮށްދޭން ނިންމައިފިއެވެ.

މިއަދު ހެނދުނު ޖެންޑާ މިނިސްޓްރީގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އެކަމާ ގުޅޭ އެއްބަސްވުމެއްގައި ޖެންޑާ މިނިސްޓްރީއާއ އެއާޕޯޓްސް ކުންފުންނާއެކު ވަނީ ސޮއިވެސްކޮށްފައެވެ.

އެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އައިޝަތު މުހައްމަދު ދީދީއެވެ. އެމްއޭސީއެލްގެ ފަރާތުން ސޮއިކުރެއްވީ ޗީފް އެގްޒެކިއުޓިވް އޮފިސަރ އަދި މެނޭޖިންގ ޑިރެކްޓަރ ގޯޑްން އެންޑްރިއު ސްޓުވަރޑްއެވެ.

އެއް އަހަރު ދުވަހުގެ މުއްދަތަށް ސޮއިކުރި އެ އެއްބަސްވުމުގެ ދަށުން ފިޔަވަތި މަރުކަޒުގައި ބޭނުންކުރާ އިލެކްޓްރޯނިކް ބައެއް ތަކެތި މަރާމާތުކޮށް، ސަރވިސްކޮށް ބެލެހެއްޓައި އިމާރާތުގައި ބޭނުންކުރާ ބޮކި ލެޑް ލައިޓަށް ބަދަލުކުރުން ހަމަޖެހިފައިވާކަމަށް ޖެންޑާ މިނިސްޓްރީން ބުންޏެވެ.

ފިޔަވަތި މަރުކަޒުގައި މި ވަގުތު 13 އަހަރުން ދަށުގެ 119 ކުދިން އަންނަނީ ދިރިއުޅެމުންނެވެ.

comment ކޮމެންޓް