ވެކްސިން ޖަހަން ރެޖިސްޓްރީ ކުރަން މާދަމާ ހުޅުވާލަނީ

އިނގިރޭސިވިލާތުން ވަނީ އޮކްސްފޯޑް ވެކްސިން ބޭނުން ކުރަން ހުއްދަ ދީފަ -- ފޮޓޯ: އޭއެފްޕީ

ކޮވިޑް19 އިން ރައްކާތެރިވުމަށް ޖަހާ ވެކްސިނަށް ރެޖިސްޓްރީ ކުރަން މާދަމާ ހުޅުވާލަން ނިންމައިފި އެވެ.

މިރޭ ހެލްތު އިމަޖެންސީ އޮޕަރެޗަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވީ އެންމެ ފުރަތަމަ ހުޅުވާލާނީ ސިއްހީ ހިދުމަތްތެރިންނާއި ސޯޝަލް ކެއާ ވޯކަރުންނަށް ކަމަށެވެ.

"އަޅުގަނޑުމެން މާދަމާ ހެނދުނު ހުޅުވާލާނަން، އާންމުކޮށްލާނަން ރެޖިސްޓްރެޝަން ޕޯޓަލް އެއް ވެކްސިން ޖެހުމަށް. ފުރަތަމަ މި ޕޯޓަލް އިން ރެޖިސްޓްރީ ކުރަން މާދަމާ ފެށޭނީ ސިއްހީ ހިދުމަތްދޭ މަސައްކަތްތެރިން،" ޑރ. ނަޒްލާ ވިދާޅުވި އެވެ.

އެޗްއީއޯސީ އިން ވަނީ ރާއްޖެއަށް ވެކްސިން ލިބޭ މިންވަރަކުން، ވެކްސިން ޖަހާނެ ތަރުތީބު އާންމުކޮށްފަ އެވެ.

އެގޮތުން އެންމެ ފުރަތަމަ ވެކްސިން ޖަހާނީ ހެލްތު ކެއާ އަދި ސޯޝަލް ކެއާ ވޯކަރުންނަށެވެ.

"އެންމެ ފުރަތަމަ އަޅުގަނޑުމެން މާދަމާ ރެޖިސްޓްރޭޝަނަށް ހުޅުވާލާނީ މި ދާއިރާތަކުގައި މަސައްކަތް ކުރައްވާ ފަރާތްތަކަށް،" ޑރ. ނަޒްލާ ވިދާޅުވި އެވެ.

ވެކްސިން ޖެހުމަށް ރެޖިސްޓްރީ ކުރަން ހާއްސަ ޕޯޓަލް އެއްވެސް ވަނީ ތައްޔާރުކޮށްފައެވެ. އެގޮތުން my.health.mv މެދުވެރިކޮށް ވެކްސިން ޖެހުމަށް ރެޖިސްޓާ ވެވޭނެއެވެ.

މާދަމާ އިން ފެށިގެން ހުރިހާ ސިއްހީ ހިދުމަތްތެރިން ޕޯޓަލްގައި ރެޖިސްޓްރީ ވުމަށް އެެޗްއީއޯސީ އިން ވަނީ އެދިފައެވެ. އަދި ކައިރި މުސްތަގުބަލެއްގައި، އެލޮކޭޝަން ފްރޭމްވޯކް ތަރުތީބުން އިތުރު ފަރާތްތަކަށް، ވެކްސިނަށް ރެޖިސްޓާ ވާން ހުޅުވާލާނެއެވެ.

ވެކްސިން އާ ގުޅޭގޮތުން މިރޭގެ ޕްރެސްގައި މައުލޫމާތު ދެއްވަމުން މޯލްޑިވްސް ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕް އޮން އިމިޔުނައިޒޭޝަން ގެ ޗެއާ ޑރ. އަހުމަދު ފައިސަލް ވިދާޅުވީ ބަލި ކޮންޓްރޯލު ކުރުމަށް ވެކްސިނަކީ މުހިއްމު ދައުރެއް އަދާކުރާ އެއްޗެއް ކަމަށާއި، ކޮވިޑަކީ ވެސް ވެކްސިންގެ ޒަރިއްޔާ އިން ކޮންޓްރޯލު ކުރެވޭނެ ބައްޔެއް ކަމަށެވެ.

ޑރ. ފައިސަލް ވިދާޅުވީ ގައުމުން ބަލި ނައްތާލެވުނު ނަމަވެސް މިހާރު ދަތުރުފަތުރުގެ ކަންތައް އޮންނަ ގޮތުން އެ ބަލި އަލުން އިމްޕޯޓު ވުމުގެ ފުރުސަތުވެސް އޮންނަ ކަމަށާއި، އެހެންކަމުން، ކޮވިޑު ނައްތާލުމަށް އޮތް އެންމެ ބޮޑު ހަތިޔާރަކަށް ވާނީ ވެކްސިން ކަމަށެވެ.

"ވެކްސިން ލިބޭ މިންވަރަކުން އަޅުގަނޑުމެން ޖެހޭނީ ތައްޔާރުވާން،"

ޑރ. ފައިސަލް ވިދާޅުވީ ކޮވިޑް ވެކްސިން އަކީ އާ ވެކްސިން އަކަށް ވުމާއެކު، ވެކްސިން އުފައްދާފައިވަނީ ލިމިޓެޑް އަދަދަކަށް ކަމަށެވެ. އަދި އާބާދީގެ ބައެއް އުމުރުފުރާތަކަށް މި ވެކްސިން ޓެސްތު ކުރެވިފައިވެސް ނުވާ ކަމަށާއި އެހެންކަމުން، ވެކްސިން ދޭނެ ބަޔަކު ކަނޑައަޅަން ޖެހޭ ކަން ފަހަގަ ކުރައްވައި ޑޮކްޓަރު ވިދާޅުވީ އެކަމަކީ މާ ފަސޭހަކަމެއްވެސް ނޫން ކަމަށެވެ.

"ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ އާއި ބައެއް ބޮޑެތި ގައުމުތަކުން ވަނީ މި ސުވާލަށް ޖަވާބު ދިނުމަށް ބައެއް ކަހަލަ ކެޓަގަރީތަކެއް ހުށަހަޅާފައި. އެގޮތުން ކުރެވޭ ދެތިން ސުވާލެއް އެބަ އުޅޭ. ފުރަތަމަ ސުވާލަކީ ބައްޔެއް ފެތުރިގެންދާއިރު އެ ބައްޔަށް ފަރުވާ ދޭނީ ކޮން ބަޔެއްތޯ؟ އެ ސުވާލުގެ ޖަވާބަކީ ހެލްތު ޕްރޮފެޝަނަލުން،" ފުރަތަމަ ސުވާލުުގެ ޖަވާބުގައި ހެލްތު ޕްރޮފެޝަނަލަމުންނާއި ބަލިމީހުންނަށް ހޮސްޕިޓަލުން ދޭ އެހެން ހިދުމަތްތައް ފޯރުކޮށްދޭ މީހުން ހިމެނޭ ޖަމަށް ޑޮކްޓަރު ވިދާޅުވިއެވެ.

ދެވަނަ ސުވާލަކީ ކޮވިޑު ޖެހިއްޖެނަމަ ބަލި ބޮޑުވާނީ ކޮންބަޔެއްތޯ ކަމަށާއި އެގޮތުން ބަލީގައި މަރުވެދާނެ ނޫނީ ހާލު ދެރަވެ އައިސީޔޫ އަށް ލާން ޖެހޭނީ ކޮންބަޔެއްތޯ ކަމަށް ޑރ. ފައިސަލް ވިދާޅުވިއެވެ.

"އުމުރުފުރާ ވަކި ވަރަކަށް ވުރެ މަތީ މީހުންނަށް ޖެހިއްޖެ ނަމަ އޭގެ ގެއްލުން ވަރަށް ބޮޑުވޭ. އެހެންވިމަ އެގޮތުން އެ ސުވާލުގެ ޖަވާބުގައި އަޅުގަނޑުމެން ކަނޑައެޅީ ރާއްޖޭގައި 50 އަށް ވުރެ އުމުރުން މަތީ ފަރާތްތަކާއި، 18 އަހަރާއި 50 އަހަރާ ދެމެދުންވެސް އިތުރު ބޮޑު ބައްޔެއް ހުރެއްޖެނަމަ، ވެކްސިން ޖަހާގޮތަށް،" އެއީ ދެވަނަ ކެޓަގަރީ ކަމަށް ޑރ. ވިދާޅުވިއެވެ.

ޑރ. ފައިސަލް ވިދާޅުވީ ފުރަތަމަ ކެޓަގަރީގައި ހިމެނެނީ އާބާދީގެ ތިން ޕަސެންތ ުކަމަށައި ދެވަނަ ކެޓަގަރީގައި އާބާދީގެ 20 ޕަސެންޓު ހިމެނޭ ކަމަށެވެ.

"ތިންވަނަ ސުވާލަކީ އާންމުގޮތެއްގައި ގައުމެއް ހިންގުމަށް ބޭނުންވާ ހިދުމަތްތަކާ އެ ހިދުމަތްތައް ދޭނީ ކޮން ބަޔެއްތޯ،" މި ކެޓަގަރީ އާއެކު އާބާދީގެ ދެބައިކުޅަ އެއްބައި ހިމެނޭނެ ކަމަށް ޑރ. ފައިސަލް ވިދާޅުވިއެވެ.

އާންމުކޮށް ވެކްސިނެއް އުފައްދައި ބޭނުން ކުރުމަށް 3-10 އަހަރު ހޭދަވާ ކަމަށާއި ނަމަވެސް ބޮޑު ބަލިމަޑުކަމެއްގެ ތެރޭގައި އެތައް ބަޔަކު މަރުވެ، ބަލިވެ، މުޅި ދުނިޔެ ހުއްޓުމަކަށް ދާނަމަ އެ ބައްޔަކުން އަރައިގަތުމަށް ބޭނުންވާ ވެކްސިން އުފެއްދުން އަވަސް ކުރަން ޖެހޭ ކަމަށް ޑރ. ވިދާޅުވި އެވެ.

ކޮވިޑް ވެކްސިން އުފެއްދުމަށް ހޭދަވީ އެއް އަހަރެވެ.

ރާއްޖޭގައި ވެކްސިން ބޭނުން ކުރުމަށް ބަލާ ކަމަކީ ވެކްސިންގެ ރައްކާތެރިކަމަށް ޑަބްލިއުއެޗްއޯ އިން އާނ ބަސް ބުނެފައިވޭތޯ ކަމަށާއި، އޭގެ އިތުރުން ވެކްސިން އުފައްދާ ހިސާބުން އެ ލިބޭ މީހާ އާއި ހަމައަށް އަންނަ ފިނި ހޫނުމިނަށްވެސް ބަލާ ކަމަށް ޑރ. ވިދާޅުވިއެވެ.

ވެކްސިން ޖެހުން ފެށުމަށް މިހާރު އެކަމުގައި ހަރަކާތްތެރިވާ ފަރާތްތަކަށް ޓްރެއިނިން ދިނުމުގެ މަސައްކަތްވެސް މިހާރު ރާއްޖޭގައި ވަނީ ފަށައިފައެވެ.

އެޗްއީއޯސީ އިން ބުނީ ރާއްޖެ އަށް ވެކްސިން ގެނެސް، ވެކްސިން ދޭން ފެށޭނެ ސީދާ ތާރީހެއް އަދި ބުނަން ދަތި ކަމަށެވެ.

ސަރުކާރުން ހާމަކޮށްފައިވާގޮތުން ރާއްޖެ އަށް ގެންނާނީ އޮކްސްފޯޑް ޔުނިވާސިޓީ އާއި އެސްޓްރާޒެނެކާ ކުންފުނިން އުފެއްދި ކޮވިޑް-19ގެ ވެކްސިން އެވެ. އެ ވެކްސިން ގެނައުމަށް މާލިއްޔަތު ގަވައިދުގެ ބައެއް މާއްދާތަކަށް އަމަލު ކުރުންވެސް ވަނީ ސަސްޕެންޑު ކޮށްފައެވެ.

comment ކޮމެންޓް