މޫދުގައި އަޅާފައިވާ ވާތަކުގައި ތާށިވެ، އެންމަޑި މަރުވުން އިތުރުވާތީ އިލްތިމާސެއް

ފޮޓޯ: މަންޓާ ޓްރަސްޓް

އުޅަނދު ފަހަރު އެޅުމަށްޓަކައި މޫދުގައާއި ކަނޑުގައި އަޅާފައިވާ ވާތަކުގައި ތާށިވެ، އެންމަޑި މަރުވަމުންދިއުމުގެ ހާދިސާތައް އިތުރުވަމުން އަންނަ ކަމަށް އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އެޖެންސީން (އީޕީއޭ) އިން ބުނެފި އެވެ.

ރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ގާނޫނުގެ ދަށުން ދިރޭ ތަކެތީގެ ނަސްލު ރައްކާތެރިކުރުމުގެ ގޮތުން ކަނޑުގެ މާހައުލުގައި އުޅޭ މަޑީގެ ހުރިހާ ބާވަތެއް ވަނީ 16 ޖޫން 2014ގައި ހިމާޔަތްކޮށްފަ އެވެ.

އަދި ރާއްޖެ އިން ފެންނަ އެންމަޑީގެ ދެބާވަތަކީ އިންޓަނޭޝެނަލް ޔޫނިއަން ފޯ ކޮންޒަވޭޝަން އޮފް ނޭޗާ (އައިސީޔޫއެން) ރެޑްލިސްޓްގައި "ވަލްނަރަބަލް" ދިރުންތަކެއްގެ ގޮތުގައި ފާހަގަކޮށްފައިވާ ދިރުންތަކެކެވެ.

އީޕީއޭ އިން މިއަދު ކުރި އިއުލާނެއްގައި ބުނީ ފަހަކަށް އައިސް، އުޅަނދު ފަހަރު އެޅުމަަށް ޓަކައި، މޫދުގައާއި ކަނޑުގައި އަޅާފައިވާ ވައުތަކުގައި ތާށިވެ، އެންމަޑި މަރުވަމުންދިއުމުގެ ހާދިސާތައް އިތުރުވަމުންދާކަން އެ އެޖެންސީއަށް ފާހަގަކުރެވިފައިވާ ކަމަށެވެ.

"ވީމާ، އުޅަނދު ފަހަރު އެޅުމަށް ޓަކައި، މޫދުގައާއި ކަނޑުގައި އަޅާފައިވާ ވައުތަކުގެ ސަބަބުން އެންމަޑި ފަދަ ކަނޑުގެ ބޮޑެތި ދިރުންތަކަށް ގެއްލުންނުވާނެ ގޮތަށް، މިފަދަ "މޫރިންގ ސިސްޓަމް"ތައް ފަރުމާކޮށް އެޅުމަށް އިލްތިމާސްކުރަމެވެ." އީޕީއޭ އިން ބުންޏެވެ.

އީޕީއޭ އިން ބުނީ އެންމަޑި، ވައިފިޔަމަޑި އަދި މަޑީގެ ބާވަތްތަކަކީ ރާއްޖެއަށް ތިމާވެށީގެ ގޮތުންނާއި އިގްތިސޯދީ ގޮތުން މުހިންމު ދިރުންތަކަށް ވާއިރު، އެތަކެއްޗާއި އެތަކެތީގެ މާހައުލު ހިމާޔަތް ކުރުމުގައި އެންމެންގެ އެއްބާރުލުން ބޭނުންވާ ކަމަށެވެ.

comment ކޮމެންޓް