ކަސްރަތު ނުފަށާތިބި މީހުންވެސް ހަށިހެޔޮ ދިރިއުޅުމަކަށް މަސައްކަތް ފަށަން ރައީސްގެ އިލްތިމާސެއް

މާލޭ ކުޅިވަރު އެކުވެނީގައި ތަރައްގީކުރި ސިންތެޓިކް ޓްރެކު ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސް ސޯލިހު ވާހަކަފުޅު ދައްކަވަނީ -- ފޮޓޯ: ރައީސް އޮފީސް

މާލޭ ކުޅިވަރު އެކުވެނީގައި ތަރައްގީކުރި ސިންތެޓިކް ޓްރެކަކީ ރައްކާތެރިކަމާއެކު ދޮށީ އުމުރުގެ މީހުންނަށް ހިނގައި ކަސްރަތު ކުރެވޭނެ ރަނގަޅު ފެންވަރެއްގައި ތަރައްގީ ކޮށްފައިވާ ތަނެއް ކަމަށާއި މިހާތަނަށް ކަސްރަތު ނުފަށާ ތިބި ފަރާތްތަކުންވެސް އެތަނަށް ގޮސް ހަށިހެޔޮ ދިރިއުޅުމަކަށް މަސައްކަތް ކުރެއްވުމަކީ ވަރަށް ބޭނުންތެރި ކަމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ސިންތެޓިކް ޓްރެކް ހުޅުވުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ ސިންތެޓިކް ޓްރެކާއެކު އެތައް އަހަރެއްވަންދެން އެތްލީޓުން ކުރަމުން ދިޔަ ޝަކުވާތަކަށް ކޮންމެވެސް ވަރެއްހެ ހައްލެއް އަންނާނެ ކަމަށެވެ.

"މިއަދު މި ހުޅުވޭ ސިންތެޓިކް ޓްރެކަކީ، ރާއްޖޭގެ އެތުލީޓުން އެތައް އަހަރެއް ވަންދެން، ކުރަމުން އައި ޝަކުވާތަކަށް ލިބުނު، ކޮންމެވެސްވަރެއްގެ ހައްލެއްކަމަށް އަޅުގަނޑު ދެކެން. އަދި ކަސްރަތުކުރެއްވުމަށް މި ޓްރެކަށް ވަޑައިގަންނަވާ ބޭފުޅުންނަށްވެސް ލިބޭ ވަރަށް ބޮޑު ހިތްހަމަޖެހުމަކަށް، މި ޓްރެކް ވެގެންދާނެ،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅވީ ޓްރެކަށް ގެނައި ބަދަލާއެކު ރާއްޖޭގައި ބާއްވާ ގައުމީ ކަސްރަތު މުބާރާތްތަކާއި، ސްކޫލްތަކުގެ ކަސްރަތު މުބާރާތްތަކުގެ ފެންވަރު، ރަނގަޅުވެ، ބޭރުގެ މުބާރާތްތަކަށް އެތުލީޓުން ތައްޔާރުކުރުމަށް ވެސް، އެހީއަކަށް ވެގެންދާނެ ކަމަށެވެ.

ރައީސް ވިދާޅުވީ ސިންތެޓިކް ޓްރެކް ހާއްސަ ވަނީ ހަމައެކަނި އެތްލީޓުންނަށް ނޫން ކަމަށެވެ.

"މިއީ މާލެ ސަރަޙައްދުގައި ދިރިއުޅޭ އެންމެންގެ އާންމު ސިއްހަތާވެސް ވަރަށް ބޮޑަށް ގުޅިފައިވާ ތަނެއް. އެހެންކަމުން، މިއީ ކުޅިވަރު ވަސީލަތްތައް ތަރައްގީކުރުމާއި، ދުޅަހެޔޮ ހަށިހެޔޮ ދިރިއުޅުމެއް ހޯދައިދިނުމުގެ ސިޔާސަތުގެ ދަށުން، ވަރަށް ހާއްސަ އިސްކަމެއްދީގެން ކޮށްފައިވާ މަސައްކަތެއް،" އެމަނިކުފާނު ވިދާޅުވިއެވެ.

ކުޅިވަރުގެ ރޮނގުން ދެކޭ ހުވަފެންތައް، ހަގީގަތަކަށް ހެދޭނެ މަގު، ދިވެހި ޒުވާނުންނަށް ފަހިކޮށްދިނު މަކީ އެންމެ ބޮޑު އަމާޒު ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ތޮއްޖެހިފައިވާ މާލޭގައި ދިރިއުޅޭ ރައްޔިތުންގެ އާންމު ސިއްގަތު ރަނގަޅުކުރުމަށްޓަކައި، ކޮށްދެވެންހުރި ކޮންމެ ކަމެއް ކުރުމަކީވެސް އަމާޒު ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވަނީ ސިންތެޓިކް ޓްރެކްގެ މަސައްކަތަށް އެކި ގޮތްގޮތުން އެހީތެރިކަމާއި އެއްބާރުލުން ދިން ފަރާތްތަކަށް ޝުކުރު އަދާކުރައްވައިފައެވެ. އަދި ކުޅިވަރާ ގުޅުންހުރި ވަސީލަތްތަކުގެ ބޭނުން ހިފައި، ބައިނަލްއަގުވާމީ މުބާރާތްތަކުން ރާއްޖެއަށް ރީތި ނަން ހޯދައިދޭނެ ގިނަ ޒުވާނުންތަކެއް އުފެދިގެން ދިޔުމަކީ އުއްމީދެއް ކަމަށް ރައީސް ވިދާޅުވިއެވެ.

މީގެ އިތުުރުން ރައީސް ވިދާޅުވީ ކުޅިވަރުގެ ޒަރީއާއިން، އާންމު ސިއްހަތަށް ރައްޔިތުން ދޭ ސަމާލުކަން އިތުރުވެގެން ދިޔުމަކީވެސް، އެދިލައްވާ ކަމެއް ކަމަށެވެ.

comment ކޮމެންޓް