ސްޓާޕްލަސް އިން ދައްކަމުން އަންނަ އެންމެ ދުވަސްވީ ޑްރާމާ "ރިޝްތާ ކިޔާ ކެހެލާތާ ހޭ" ފަހަތަށް ޖައްސާލުމަށްފަހު އެ ޗެނަލުން ގެނެސްދޭ "އަނުޕަމާ" އެއްވަނަ އަަށް ޖެހިލައިފިއެވެ.
އާ އަހަރުގެ ފުރަތަމަ ހަފުތާއާއެކު ޓީވީ ޝޯތައް ބަލާ މީހުންގެ ފޭވަރިޓް ޝޯތަކަށް ބަދަލު އައިރު މިހާރު އެންމެ ގިނަ މީހުން ބަލަނީ އަނުޕަމާއެވެ. ޓާގެޓް ރޭޓިން ޕޮއިންޓްސް (ޓީއާރްޕީ) ގެ ރޭޓިން އަށް ބަލާއިރު ލިސްޓުގެ ދެވަނަ މަގާމް ލިބެނީ ދާދިފަހުން ފެށި ޑްރާމާ "އިމްލީ"އަށެވެ. އެ ޑްރާމާގައި އިމްލީގެ ރޯލު ކުޅެނީ ސުމްބުލް ތައުގީރެވެ.
އާންމުންގެ މެދުގައި ބޮޑު މަގްބޫލުކަމެއް ހޯދާފައިވާ އަނުޕަމާ ގިނަ ބަޔަކު ބަލާ އެންމެ ބޮޑު އެއް ސަބަބަކީ ހަގީގީ ދިރިއުޅުމުގައި ވެސް ދިމާވާ ކަންތައްތައް މި ޑްރާމާއިން ވަރަށް ތަފްސީލީ ގޮތެއްގައި އަލިއަޅުވާލެވިފައިވާތީއެވެ. ލިސްޓުގެ އެއްވަނައިގައި އަނުޕަމާ އޮތީ 3.9 ގެ ރޭޓިން އަކާއެކުގައެވެ. އިމްލީ އަށް ލިބުނީ 3.1 ގެ ރޭޓިންއެކެވެ. އަނުޕަމާގެ ރޯލު ކުޅެނީ ރުޕާލީ ގަންގޫލީ އެވެ.
ލިސްޓުގެ ތިން ވަނައިގައި އެއް ރޭޓިންއެއްގައި ދެ ޑްރާމާއެއް ހިމެނިފައި އެބައޮތެވެ. އެއީ 2.9 ގެ ރޭޓިން އާއެކު "ގުމް ހެ ކިސީ ކޭ ޕިޔާރް މޭ" އާއި "ކުންޑަލީ ބާގްޔާ"އެވެ. އަދި ހަތަރު ވަނައިގައި "ޔޭ ރިޝްތާ ކިޔާ ކެހެލާތާ ހޭ" އޮތް އިރު ފަސް ވަނަ މަގާމުގައި އޮތީ އިންޑިއަން އައިޑަލްއެވެ.