ދެހާސް ނުވަ ވަނަ އަހަރު ޒީ ޓީވީ އިން ގެނެސްދިން މަގްބޫލު ޑްރާމާ "ޕަވިތްރަ ރިޝްތާ"ގެ ސީކުއަލް ގެ ޓީޒާ އާންމުކޮށްފިއެވެ.
އާންމުންގެ މެދުގައި މަގްބޫލުވި މި ޑްރާމާގެ ސީކުއަލް އުފަައްދަން ނިންމީ މިދިޔަ އަހަރު މަރުވި ބޮލީވުޑްގެ އެކްޓަރު ސުޝާންތު ސިންހް ރާޖްޕުތު އަށް ދޭ ޓްރިބިއުޓެއްގެ ގޮތުންނެވެ. މި ފަހަރު މި ޑްރާމާގައި ސުޝާންތު ކުޅުނު ކެރެކްޓާ ކުޅޭނީ ޝަހީރު ޝެއިހެވެ. ޝަހީރަކީ ސްޓާޕްލަސްއިން ގެނެސްދިން ޑްރާމާ "ޔޭ ރިޝްތޭހޭ ޕިޔާރު ކޭ" ގެ ލީޑު އެކްޓަރެކެވެ.
ޕަވިތުރަ ރިޝްތާގެ ލީޑު ރޯލު ކުޅުނީ ސުޝާންތު އާ އޭނާގެ ކުރީގެ ލޯބިވެރިޔާ އަންކިތާ ލޯކަންޑޭއެވެ. ސީކުއަލްގައިވެސް އަންހެން ލީޑު ކެރެކްޓަރ "އަރްޗަނާ"ގެ ރޯލު ކުޅޭނީ އަންކިތާއެވެ.
މި ޑްރާމާގެ ޓީޒާ ދައްކާލިއިރު މި ޓީޒާ އަށް ބޮޑު ތަރުހީބެއް ލިބިގެން ދިޔައިރު 2009 ވަނަ އަހަރު މި ޑްރާމާގެ ޓީޒާގައި އަރްޗަނާ ފެނިގެންދިޔަ ގޮތާ ދާދި އެއްގޮތަކަށް މި ފަހަރުގެ ޓީޒާގައި ވެސް އަރްޗަނާ ވަނީ ދައްކާލާފައެވެ.
ޕަވިތުރަ ރިޝްތާއަކީ ސުޝާންތު އެންމެ ފުރަތަމަ ލީޑު ރޯލު ކުޅުނު ޓީވީ ޑްރާމާއެވެ. ޓީވީ ޑްރާމާތަކުން ބޮލީވުޑަށް ނުކުތް ސުޝާންތު ކުޅުނު އެންމެ ފުރަތަމަ ޑްރާމާއަކީ ސްޓާ ޕްލަސްގެ "ކިސް ދޭޝް މޭހޭ މޭރާ ދިލް" އެވެ.
ދެހާސް ތޭރަވަނަ އަހަރު ސުޝާންތަށް ބޮލީވުޑްގެ ފިލްމު "ކައި ޕޯ ޗޭ"އިން ޖާގަ ލިބުމުން ވަނީ އެ ޑްރާމާ ދޫކޮށްލާފަ އެވެ. ޕަވިތްރަ ރިޝްތާގެ ސެޓުން އަންކިތާ އާ ސުޝާންތުގެ އެކުވެރިކަން ލޯތްބަށް ބަދަލުވެގެން ދިޔައިރު އެ ގުޅުން ދެމިގެން ދިޔައީ 2016 ވަނަ އަހަރާ ހަމައަށެވެ. މި ޑްރާމާ އާންމުންނާ ހަމައަށް އައީ 2009 އިން 2014 ވަނަ އަހަރުގެ ނިޔަލަށެވެ.