ޖިހާދަށް ނުފުރޭ ގޮތަށް ނިންމި ނިންމުން ބާތިލްކުރި މައްސަލަ އިސްތިއުނާފްކޮށްފި

އޮގަސްޓް 26، 2019: ޕީޕީއެމް އަދި ޕީއެންސީގެ ކުރީގެ މަޖިލިސް މެމްބަރުނާއި، ޔާމީން ސަރުކާރުގެ މިނިސްޓަރުން ޖުމްހޫރީ ޕާޓީއާއި ގުޅުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކުރީގެ ނައިބު ރައީސް އަބްދުﷲ ޖިހާދު ބޭސްފަރުވާއަށް ދުބާއީއަށް ފުރުމުގެ ހުއްދަ ނުދޭން ކްރިމިނަލް ކޯޓުން ނިންމި ނިންމުން ހައިކޯޓުން ބާތިލްކުރުމުން އެ މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފްކޮށްފި އެވެ.

ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ކުރި ޓުވީޓެއްގައި ބުނީ ޖިހާދުގެ މައްސަލަ އިސްތިއުނާފްކުރީ ހައިކޯޓުގެ ނިންމުމާމެދު ހިތްހަމަނުޖެހޭތީ ކަމަށެވެ.

ޖިހާދުގެ މައްޗަށް ދައުލަތުން ވަނީ ދައުލަތަށް ފައިދާއެއް ލިބެން އޮތް ކަމެއްގައި އެހެން ގޮތަކަށް އަމަލު ކުރުމުގެ ދައުވާ ކޮށްފަ އެވެ. އެ މައްސަލަ ކޯޓުގައި އޮއްވައި ޖިހާދު ވަނީ ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ފުރަން އެދިވަޑައިގެންފަ އެވެ.

ޖިހާދު ރާއްޖެއިން ބޭރަށް ފުރަން ކޯޓުގެ ހުއްދައަށް އެދިފައި ވުމުން، ޕީޖީއިން ވަނީ އޭނާ ފިލައިގެން ހިނގައިދާނެ ކަމަށް ބުނެ ފުރުމުގެ ފުރުސަތު ނުދިނުމަށް އެދިފަ އެވެ. އެކަމާ މެދު ގޮތެއް ނިންމަން ޑިސެމްބަރު މަހުގެ 24 ވަނަ ދުވަހު ކްރިމިނަލް ކޯޓުގައި ބޭއްވި އަޑުއެހުމުގައި އެ ކޯޓުގެ ގާޒީ މުހައްމަދު ސަމީރު ނިންމެވީ ޖިހާދަށް ފުރަން ހުއްދަ ނުދިނުމަށެވެ. އެއީ އޭނާ އަނބުރާ ނައުމުގެ އިހްތިމާލު އޮތުމުން ކަމަށް ބުނެ އެވެ. އޭނާގެ ޕާސްޕޯޓު ހިފަހައްޓަން އަމުރު ކުރީ 20 ޖެނުއަރީ 2021ގެ ނިޔަލަށެވެ.

އެ ނިންމުން ޖިހާދުގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފު ކުރުމުން ހައިކޯޓުން މިއަދު ނިންމީ ކްރިމިނަލް ކޯޓުގެ އަމުރަކީ ޝަރުއީ އަދި ގާނޫނީ އުސޫލުތަކާ ހިލާފަށް ނެރެފައިވާ އަމުރެއް ކަމަށެވެ. މައްސަލަ ބެއްލެވި ތިން ފަނޑިޔާރުން ކަމަށްވާ ހުސެއިން ޝަހީދާއި، އަބްދުއްރައޫފް އިބްރާހިމާއި، ހާތިފް ހިލްމީވެސް އެކަމަށް އެއްބަސްވި ނަމަވެސް، އެ ބޭފުޅުންގެ މެދުގައި ހިލާފުތަކެއް ހުއްޓެވެ.

މީހެއް ފިލައިގެން ގޮސްދާނެތީ ޕާސްޕޯޓު ހިފަހައްޓާއިރު، ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 75 ވަނަ މާއްދާގެ (ށ)އާ އެއްގޮތަށް އަމަލު ކުރިތޯ ބަލަންވާނެ ކަމަށް ފަނޑިޔާރު ހުސެއިން ޝަހީދުގެ ރައުޔުގައިވެ އެވެ.

އެ މާއްދާގައި ވަނީ، ޕާސްޕޯޓު ހިފަހައްޓަން ބޭނުންވާ މީހާގެ ނަމާއި އެޑްރެހާއި ޕާސްޕޯޓު ނަންބަރާއި، ޕާސްޕޯޓު ހިފަހައްޓަން ބޭނުންވާ މީހާ ކޮށްފައިވާކަމަށް ތުހުމަތުކުރެވޭ ކުށާއި އޭނާ އެ ކުށް ކުރިކަމަށް ލިބިފައިވާ ހެއްކާއި، އޭނާ ދިވެހިރާއްޖެ ދޫކޮށް ފިލައިގެންދާން އުޅޭ ކަމަށް ބެލެވޭ ސަބަބާއި އެކަމާ ކަމާގުޅޭގޮތުން ލިބިފައިވާ ހެއްކާއި އޭނާ ދިވެހިރާއްޖޭގައި މަޑުކުރުވަންޖެހޭ ސަބަބު އަދި ޕާސްޕޯޓު ހިފަހައްޓަން ބޭނުންވާ މުއްދަތު ބަޔާން ކުރަން ޖެހޭނެ ކަމަށެވެ.

ފަނޑިޔާރު ޝަހީދުގެ ރައުޔުގައި ވަނީ، ޖިހާދު ދިވެހިރާއްޖެ ދޫކޮށް ފިލައިގެންދާން އުޅޭކަމަށް ބެލޭވޭ އެއްވެސް ސަބަބެއް ޕީޖީގެ ސިޓީގައި ބަޔާންކޮށްފައި ނުވާ ކަމަށެވެ. އަދި އޭނާ ފިލާފާނެ ކަމަށް ބެލެވޭ ހެއްކެއްވެސް ޕާސްޕޯޓު ހިފަހަައްޓަން އެދޭ މުއްދަތެއްވެސް ބަޔާންކޮށްފައި ނުވާ ކަމަށެވެ.

ޖިހާދު ފުރައިގެން ދާންއުޅޭކަމަށް ލިބިފައިވާ ހެއްކަކީ އޭނާ ފުރައިގެން ދިއުމުގެ ހުއްދައަކަށް އެދި ކްރިމިނަލް ކޯޓަށް ހުށަހެޅި ފޯމާއިއެކު ހުށަހަޅާފައިވާ ޓިކެޓު ކަމަށް ދައުލަތުން ހައިކޯޓުގައި ބުންޏަސް ކުށެއްގެ ތުހުމަތުގައިވާ މީހަކު ޝަރީތްކުރުމާއި ބެހޭ ޖިނާއީ އިޖުރާއަތާއި އެއްގޮތަށް ރާއްޖެއިން ބޭރަށް ފުރަން އެދި ހުށަހަޅާ ޓިކެޓަކީ އޭނާއާއި ދެކޮޅަށް ބޭނުންކުރެވޭނެ ހެއްކެއްކަމުގައި ބެލެވޭނެ އުސޫލެއް ދައުލަތުން ހުށަހަޅާފައި ނުވާ ކަމަށްވެސް އެ ރައުޔުގައިވެ އެވެ.

ޖިހާދަށް ތުހުމަތު ކުރެވޭ ކުށަކީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ބުނާ ފަދަ ޖިނާއީ ބޮޑު ކުށެއް ކަމަށް ދައުލަތުން ބުންޏަސް އެއީ އެފަދަ ކުށެއް ނޫން ކަމަށްވެސް އޭނާގެ ރައުޔުގައިވެ އެވެ. ނަމަވެސް، އެކަމަށް ފަނޑިޔާރު އަބްދުއްރައޫފް އިބްރާހިމް ތާއީދު ނުކުރައްވަ އެވެ. އެ ނުކުތާ ފިޔަވައި ފަނޑިޔާރު ޝަހީދުގެ ހުރިހާ ނުކުތާތަކަށް އޭނާ ތާއީދު ކުރެއްވި އެވެ.

ފަނޑިޔާރު ހާތިފް ހިލްމީގެ ރައުޔަކީވެސް ޖިހާދަށް ފުރަން ފުރުސަތު ދޭން ނުޖެހެންވީ ސަބަބެއް ނެތް ކަމަށެވެ. ނަމަވެސް، އޭނާ ފާހަގަ ކުރެއްވި ކަންކަން ފަނޑިޔާރު ޝަހީދާ ތަފާތެވެ.

ފަނޑިޔާރު ހާތިފް ހިލްމީގެ ރައުޔުގައި ބުނެފައި ވަނީ މީހެއްގެ ޕާސްޕޯޓު ހިފަހައްޓާ ނަމަ ފުރިހަމަވާން ޖެހެނީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 75 ވަނަ މާއްދާގެ (ރ)ގައި ބަޔާންކުރާ ތިންކަން ކަމަށެވެ. އެއީ ޕާސްޕޯޓް ހިފަހައްޓަން ބޭނުންވާ މީހާ ކުށެއް ކޮށްފައިވާކަމަށް ނުވަތަ ކުށެއް ކުރަމުންދާކަމަށް ނުވަތަ ކުށެއް ކުރަންއުޅޭ ކަމުގެ ހެކި ލިބިފައިވުން، އޭނާ ދިވެހިރާއްޖެ ދޫކޮށް ފިލައިގެންދާން އުޅޭ ކަމުގެ ހެކި ލިބިފައިވުން އަދި އޭނާ ދިވެހިރާއްޖޭގައި މަޑުކުރުވަންޖެހޭ ސަބަބެއް އޮތުމެވެ.

ޖިހާދު ފުރައިގެން ދާން އުޅޭ ކަމުގެ ހެކި ލިބިފައިވިޔަސް އެއީ އޭނާ ފިލައިގެންދާނެ ކަމުގެ ހެކި ލިބުން ކަމުގައި ނުބެލެވޭނެ ކަމަށް އޭނާގެ ރައުޔުގައިވެ އެވެ.

comment ކޮމެންޓް