ސިޓީއެއް އާންމުކުރި މައްސަލައިގައި މުންދު ފުލުހަށް ހާޒިރުކޮށްފި

މުންދު މިއަދު ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ-

ސިޓީއެއް އާންމުކުރި މައްސަލައިގައި ޕީއެންސީގެ ނައިބު ރައީސް މުހައްމަދު ހުސެއިން ޝަރީފް (މުންދު) މިއަދު ފުލުސް އޮފީހަށް ހާޒިރުކޮށްފިއެވެ.

އޭނާ ހާޒިރުކޮށްފައި ވަނީ ދަރުމަވަންތަ ހޮސްޕިޓަލް ރަހުނުކުރުމާ ގުޅޭގޮތުން ފިނޭންސް މިނިސްޓްރީން ފޮނުވާފައިވާ ސިޓީ އާންމުކުރި މައްސަަލައިގައެވެ.

ދައުލަތަށް ބޭނުންވާ ފައިސާ ހޯދަން ކަަމަށް ބުނެ 300 މިލިއަން ޑޮލަރުގެ ސުކޫކު ވިއްކަން ދަރުމަވަންތަ ހޮސްޕިޓަލް ރަހުނު ކުރަން ކަމަށް ބުނެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހްއަށް ފޮނުވާފައިވާ ސިޓީއެއް ލީކްކޮށްލީ މުންދުއެވެ.

އެ މައްސަލައިގައި އިދިކޮޅު ޕީޕީއެމް، ޕީއެންސީން ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔައިފައިވެއެވެ.

ފުލުހަށް ހާޒިރުކޮށް މުންދުގެ ފޯނު ދިނުމަށް އެދުނުކަމަށްވެސް އޭނާ ވިދާޅުވިއެވެ. ނަމަވެސް ކޯޓު އަމުރެއްނެތި ފޯނު ދޭން މުންދު ވަނީ ދެކޮޅު ހައްދަވައިފައެވެ.

ފިނޭންސް މިނިސްޓްރީން ފަހުން ބުނީ ސުކޫކު އިޝޫކުރުމުގެ އެއްވެސް މަރުހަލާއެއްގައި ދަރުމަވަންތަ ހޮސްޕިޓަލު ރަހުނެއް ނުކުރާނެ ކަމަށެވެ.

މިނިސްޓްރީއިން ބުނީ ސުކޫކު ވިއްކުމަށްޓަކައި އެސެޓެއްގެ ގޮތުގައި ދަރުމަވަންތައް ހޮސްޕިޓަލްގެ ބެނެފިޝަލް އޯނަޝިޕް ބަދަލުކުރުމަކީ ޝަރުއީ އަދި ގާނޫނީ ގޮތުން ހޮސްޕިޓަލު އެއްވެސް ފަރާތަކަށް ވިއްކާލުމެއް ނޫން ކަމަށެވެ. އަދި ސުކޫކު އިޝޫ ކުރުމުގެ އެއްވެސް މަރުހަލާއެއްގައި ދަރުމަވަންތަ ހޮސްޕިޓަލުގެ މިލްކުވެރިކަން ފިނޭންސް މިނިސްޓްރީ ފިޔަވާ އެހެން އެއްވެސް ފަރާތަކަށް ބަދަލު ނުކުރެވޭނެ ކަމަށްވެސް މިނިސްޓްރީއިން ބުނެ އެވެ.

comment ކޮމެންޓް