މުވައްޒަފުން ކަރަންޓީން ވާން ޖެހި، ދެއްވަދޫގެ ސިއްހީ ހިދުމަތަށް ބުރޫއަރަނީ

ދެއްވަދޫ ސިއްހީ މަރުކަޒު: އެރަށު ސިއްހި ހިދުމަތްތަކަށް ވަނީ ބުރޫ އަރާފައި

ގއ. ދެއްވަދުއިން އިތުރު ޕޮޒިޓިވް ކޭސްތަކެއް ފެނި، އެރަށުގެ ފާމަސީއާއި ސިއްހީ މަރުކަޒުގެ މުވައްޒަފުންތަކެއް ކަރަންޓިންވާން ޖެހުމުން އެރަށުގެ ސިއްހީ ހިދުމަތްތަކަށް ބުރޫއަރަން ފަށައިފި އެވެ.

ދެއްވަދުއިން މިއަދު ހަތަރު މީހަކު ވަނީ ކޮވިޑް19އަށް ޕޮޒިޓިވްވެފައެވެ. އެއާއެކު މިހާތަނަށް އެރަށުން ޖުމްލަ 39 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ.

ދެއްވަދޫ ކައުންސިލްގެ ރައީސް އިބްރާހިމް ތައުފީގު "ސަން"އަށް މިއަދު ވިދާޅުވީ، މިއަދު ފެނުނު ބައެއް ކޭސްތަކުގެ ޑައިރެކްޓް ކޮންޓެކްޓުންގެ ތެރޭގައި ރަށުގެ އެސްޓީއޯ ފާމަސީގެ މުވައްޒަފަކާއި ސިއްހީ މަރުކަޒުގެ މުވައްޒަފުންތަކެއް ހިމެނޭ ކަމަށެވެ. އެއާއެކު އެމީހުން ކަރަންޓީންނަށް ދާން ޖެހުމުގެ ސަބަބުން އެތަންތަނުގެ ހިދުމަތްތައް ދިނުމަށް ދަތިތަކެއް ދިމާވަމުންދާ ކަމަށެވެ.

"އެސްޓީއޯ ފާމަސީގައި ހުންނަ ހަމައެކަނި މުވައްޒަފު ކަރަންޓީނަށް ދާން ޖެހުމުން މިހާރު ފާމަސީ ވަނީ ހުއްޓިފައި. ބޭސް ދޫކުރެވޭނެ ގޮތެއް ނެތް،" އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، މިވަގުތު ސިއްހީ މަރުކަޒުގައި ހިދުމަތަށް ނުކުމެ ހުންނެވި ދިވެހި ހަމައެކަނި މީހަކީ މެނޭޖަރު އެކަނި ކަމަށެވެ. ސިއްހީ މަރުކަޒުން ކަރަންޓީނަށް ދާން ޖެހުނީ ކިތައް މުވައްޒަފުން ކަމެއް އަދި ސާފެއް ނޫނެވެ.

ތައުފީގު ވިދާޅުވީ، ކޮވިޑް ފެތުތެރެން ފެށުމާއެކު ސިއްހީ މަރުކަޒުގައި މީގެ ކުރިން ހިދުމަތް ދެމުން އައީ، ރަށު ކައުންސިލް އިދާރާގެ ހަތަރު މުވައްޒަފުންނާއި ބޭރު ދެ ޑޮކްޓަރުންނާއި ރަށުން ބޭރުން ނަރުހަކާއި އެޗްޕީއޭ އޮފިޝަލަކާއެކު ކަމަށެވެ. އެހެން ނަމަވެސް ސިއްހީ މަރުކަޒުގެ މުވައްޒަފުންތަކެއް ކަރަންޓީނަށް ދާން ޖެހުމުގެ ސަބަބުން ވަރަށް ބޮޑަށް މިހާރު ހިދުމަތް ދިނުމަށް ދަތިވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ސިއްހީ މަރުކަޒުގެ މުވައްޒަފުންގެ ތެރެއިން މިވަގުތު ހިދުމަތަށް ނުކުމެ ތިއްބެވީ ޓެކްނީޝާނާއި ޑޮކްޓަރާއި މެނޭޖަރު،" އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ސިއްހީ ހިދުމަތް ދިނުމަށް އޮތް ދަތިތަކަށް ވީހާވެސް އަވަސް ހައްލެއް ހޯދުމަށް ކަމާ ބެހޭ ފަރާތްތަކާއެކު މަޝްވަރާ ކުރަމުންދާ ކަމަށެވެ.

ދެއްވަދުއިން ޕޮޒިޓިވްވި 39 މީހުންގެ ތެރޭގައި 70 އަހަރުގެ އުމުރުން ދުވަސްވީ މީހަކުވެސް ހިމެނެއެވެ. އޭނާއަށް ގއ. ވިލިނގިލީ ކޮވިޑް ފެސިލިޓީގައި އަންނަނީ ފަރުވާ ދެމުންނެވެ. ތައުފީގު ވިދާޅުވީ މިހާތަނަށް އެރަށުން ޕޮޒިޓިވްވި އެންމެންގެ ހާލުވެސް ރަނގަޅު ކަމަށެވެ.

ދެއްވަދޫން އެންމެ ފުރަތަމަ ކޮވިޑް ކޭސްއެއް ފެނުނީ މިދިޔަ މަހު 24 ވަނަ ދުވަހު ކަރަންޓީންގައި ހުރި މީހަކު ޕޮޒިޓިވްވެގެންނެވެ. މީގެ ކުރިން ބެލިފައި އޮތް ގޮތުގައި ރަށަށް ބަލި ފެތުރުނީ އެމީހާގެ ފަރާތުންނެވެ. އެހެން ނަމަވެސް އެޗްއީއޯސީން ބުނި ގޮތުގައި، މިހާތަނަށް ފެނުނު ކޭސްތަކަށް ބަލާއިރު ބަލި ރަށު ތެރެއިން މާ ކުރިންވެސް ފެތުރިފައިވާކަމަށް ލަފާ ކުރެވެއެވެ.

ދެއްވަދޫ ކްލަސްޓާއާ ގުޅުންހުރި ކޭސްތައް ހުޅުމާލެއާއި ލ. ފޮނުދޫއިންވެސް ފެނުނެވެ. އެއީ ލ. ފޮނަދުއިން ޕޮޒިޓިވްވި ހަތަރު މީހަކާއި ހުޅުމާލެއިން ޕޮޒިޓިވްވި ދެ މީހެކެވެ.

https://sun.mv/147853

އޭގެ އިތުރުން މިއަދު ގއ. ވިލިނގިލި އަދި ދާންދޫއިންވެސް ދެއްވަދޫ ކްލަސްޓާއާ ގުޅުން ހުރި ކޭސްތަކެއް ވަނީ ފެނިފައެވެ. އެއީ ދާންދޫ އިން ދެ މީހެއް އަދި ގއ. ވިލިނގިލިން އެކަކެވެ.

comment ކޮމެންޓް