ދެއްވަދޫ ކްލަސްޓާ: ދާންދޫއިން ދެ މީހަކު، ވިލިނގިލިން މީހަކު ޕޮޒިޓިވްވެއްޖެ

ގއ. ދާންދޫ: އެ ރަށު ތިން މީހަކު ޕޮޒިޓިވްވެފައިވޭ

ކޮވިޑް ފެތުރިފައިވާ ގއ. ދެއްވަދޫއިން ދަތުރުކުރި މީހަކާ ކޮންޓެކްޓުވެ، އެ އަތޮޅު ދާންދޫއިން ދެ މީހަކާއި ވިލިނގިލިން މީހަކު ކޮވިޑް-19އަށް ޕޮޒިޓިވްވެއްޖެ އެވެ.

އެ ކޭސްތައް ފެނުމާ އެކު ދާންދޫ އަދި ވިލިނގިލި ވަނީ މޮނިޓަރިންއަށް ލާފައި ކަމަށް އެޗްޕީއޭއިން ބުންޏެވެ.

ދެއްވަދޫގައި ކޮވިޑް އުޅޭކަން އެންމެ ފުރަތަމަ ފާހަގަވީ މިދިޔަ މަހު 24 ވަނަ ދުވަހު ކަރަންޓީންގައި ހުރި ކުއްޖަކު ޕޮޒިޓިވްވެގެން ރެންޑޮމް ސާމްޕަލް ނެގުމުން އިތުރު ކޭސްތަކެއް ފެނުމުންނެވެ.

ދެއްވަދޫން ފެނުނު 24 ކޭސްއާއެކު، އެ ރަށާ ގުޅުން ހުރި ކޭސްތަކުގެ އަދަދު މިހާރު ވަނީ ޖުމްލަ 30އަށް ވުރެ މައްޗަށް އަރާފަ އެވެ. އެ ކްލަސްޓާއިން މީގެ ކުރިން ލ. ފޮނަދުއިން ހަތަރު މީހަކާއި ހުޅުމާލެއިން ދެ މީހަކު ޕޮޒިޓިވްވެފައިވެ އެވެ.

މިއަދު އެ ކްލަސްޓާއަށް ވަނީ އަނެއްކާވެސް ޕޮޒިޓިވް ކޭސްތަކެއް އިތުރުވެފައިވާ ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ވަނީ ބުނެފަ އެވެ. އެގޮތުން މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ ދާންދޫއަށް ނިސްބަތްވާ ކުޑަކުއްޖަކާއި ދެ މީހުންނެވެ. އޭގެ ތެރެއިން އެކަކު މިވަގުތު ހުރީ ގއ. ވިލިނގިލީގަ އެވެ.

އެނގިފައިވާ ގޮތުން، ދާންދޫއިން ޕޮޒިޓިވްވި އެކަކީ އުމުރުން ނުވަ އަހަރުގެ ކުޑަކުއްޖެކެވެ. އެ ކުއްޖާ އަކީ އެ ރަށު ސްކޫލުގެ ދަރިވަރެކެވެ. ދެން އެ ރަށުން ޕޮޒިޓިވްވީ 20 އަހަރުގެ އަންހެނެކެވެ.

ވިލިނގިލިން ޕޮޒިޓިވްވި 18 އަހަރުގެ އަންހެން ކުއްޖާއަކީ ވިލިނގިލީގައި ހުންނަ ގއ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރެކެވެ. އޭނާ އަކީ ދާންދޫއިން ޕޮޒިޓިވްވި މީހުންނާ ކޮންޓެކްޓުވި މީހެކެވެ.

ދާންދޫ އާއި ވިލިނގިލި މިހާރު މޮނިޓަރިންއަށް ލާފައިވާ އިރު ދާންދޫ ކައުންސިލުގެ ރައީސް އިސްމާއިލް މުހައްމަދު "ސަން"އަށް ވިދާޅުވި ގޮތުގައި، ޕޮޒިޓިވްވި މީހުންގެ ކޮންޓެކްޓުންގެ ގޮތުގައި 20އަށް ވުރެ ގިނަ މީހުން ފާހަގަކުރެވިފައިވެ އެވެ.

އޭނާ ވިދާޅުވީ، އެ ރަށުން ޕޮޒިޓިވްވި މީހުންނަކީ ޑިސެމްބަރު 30ގައި ދެއްވަދޫއިން ދާންދޫއަށް ދިޔަ ބަޔަކާ ކޮންޓެކްޓުވި މީހުން ކަމަށެވެ.

މިހާރު ރަށް މޮނިޓަރިންއަށް ލާފައި އޮތަސް، ދާންދޫއިން އާދައިގެ މަތިން އަތޮޅުގެ އެހެން ރަށްރަށަށް މީހުން ދަތުރުކޮށްފައި އެބަ ހުއްޓެވެ.

comment ކޮމެންޓް