ހަތް އަހަރަށް ފަހު ޔުނައިޓެޑް ތާވަލުގެ އެއްވަނައަށް

މެންޗެސްޓާ ޔުނައިޓެޑާއި ބާންލީ ކުޅުނު މެޗުގެ ތެރެއިން: އެ މެޗު 0-1 އިން ކާމިޔާބު ކުރީ ޔުނައިޓެޑް --- ފޮޓޯ/ ގެޓީ

ހަތް އަހަރުގެ ދިގު އިންތިޒާރަކަށްފަހު އިނގިރޭސި ޕްރިމިއާ ލީގުގެ އެންމެ ކާމިޔާބު ޓީމު، މެންޗެސްޓާ ޔުނައިޓެޑް ލީގު ތާވަލުގެ އެއްވަނައަށް ޖެހިލައިފި އެވެ.

އެންމެ ފަހުން ޔުނައިޓެޑް ލީގު ތާވަލުގެ އެއްވަނައިގައި އޮތީ 2013 ވަނަ އަހަރު އެ ޓީމުގެ ލެޖެންޑަރީ ކޯޗު އެލެކްސް ފާގަސަންގެ ފަހު އަހަރު އެވެ. އެ ފަހަރުގެ ލީގު ޔުނައިޓެޑުން ހޯދި އިރު، އޭގެ ފަހުން މި ވޭތުވެ ދިޔަ ހަތް އަހަރަކީ އެ ޓީމަށް ހިތި އަހަރުތަކެކެވެ. އަހަރުތަކަށްފަހު އެ ޓީމު އަލުން ލީގުގެ އެންމެ އުހަށް އެރީ ރޭ ބާންލީ އަތުން ހޯދި މޮޅާ އެކު އެވެ.

ބާންލީގެ އަމިއްލަ ދަނޑުގައި ރޭ ކުޅުނު އެ މެޗުން ޔުނައިޓެޑް ކުރި ހޯދީ 0-1ގެ ނަތީޖާއަކުންނެވެ. މި މޮޅާ އެކު ކުޅުނު 17 މެޗުން 36 ޕޮއިންޓް ހޯދައިގެން ތިން ޕޮއިންޓްގެ ލީޑަކާ އެކު ޔުނައިޓެޑް އެއްވަނައަށް ޖެހިލި އިރު، ދެވަނައިގައި އޮތް ލިވަޕޫލަށް ލިބެނީ 33 ޕޮއިންޓް އެވެ.

ލިވަޕޫލް އެންމެ ފަހުން ސައުތަމްޓޮން އަތުން ބަލިވުމާ އެކު ރޭގެ މެޗުން އެއްވަރެއް ކޮށްލައިގެން ވެސް އެއްވަނައަށް އެރުމުގެ ފުރުސަތު ޔުނައިޓެޑަށް އޮތް އިރު، ލިވަޕޫލަށް އަނެއްކާ އެއްވަނަ ހޯދުމުގެ ފުރުސަތު އަންނަ އާދީއްތައިގައި ލިބޭނެ އެވެ. އެއީ އަމިއްލަ ދަނޑުގައި ޔުނައިޓެޑާ ދެކޮޅަށް ކުޅޭ މެޗު ކާމިޔާބު ކޮށްގެންނެވެ.

ޔުނައިޓެޑުން ރޭގެ މެޗަށް ނުކުތީ ނަސްލީ ތަފާތު ކުރި ކަމަށް ބުނާ ޕޯސްޓެއްގެ ސަބަބުން ތިން މެޗުގެ ސަސްޕެންޝަނެއްގައި ހުރުމަށް ފަހު އެނބުރި އައި އެޑިސަން ކަވާނީ ޓީމުގައި ހިމަނައިގެންނެވެ. މެޗުގައި މޮޅަށް ކުޅުނު ޔުނައިޓެޑުން އެ މެޗުގައި ޖެހި ހަމަ އެކަނި ގޯލު އެ ޓީމަށް ޖަހައިދިނީ އަންނަ ޓްރާންސްފާ މާކެޓުގައި އެ ޓީމުން ދާނޭ ކަމުގެ "ޔޯލަ" ވާހަކަތަކެއް ފެތުރިފައިވާ ޕޯލް ޕޮގްބާ އެވެ.

ޕޮގްބާ މެޗަށް ފަހު ބުނީ، އެންމެ ފަހުގެ ޗެމްޕިއަން ލިވަޕޫލާ ދެކޮޅަށް ކުޅެން އޮތް މެޗަށް ފުރިހަމައަށް ތައްޔާރު ކަމަށާއި، އަމާޒަކީ އެ މެޗު ނިމޭ އިރު ލީގުގެ އެއްވަނައިގެ ގޮތުގައި ދެމި އޮތުން ކަމަށެވެ.

"އެއީ ގިނަ ބަޔަކު ބަލާ ހިތްވާ ރީތި ފުޓުބޯޅައެއް ފެނިގެންދާނެ މެޗެއް. މި މެޗަކީ ލީގުގެ އެއްވަނާގައި ދެމި އޮތުމަށް މުހިއްމު މެޗަކަށް ވާނެ. ވަރަށް ރަނގަޅަށް ތައްޔާރުވާނަން." ޕޮގްބާ ބުންޏެވެ.

comment ކޮމެންޓް