ހާސިލް - 62

"އައި މިސް މައި މޯމް އެންޑް ޑޭޑް ވެރީ މަޗް، ޒޭން..." އެތެރެއަށް ފިޔަވަޅެއް އަޅައިލަމުން ޒީޝާންއަށް ބުނެވުނެވެ.

ގޭތެރޭގައި ރަސްކަން ކުރަމުން ދިޔައީފަޅު ކަމެވެ. ލިފްޓުން ނުކުމެވެނީ ސިޓިން ރޫމް ތެރެއަށްކަމުން، އެއްފަރާތުގައި ހުރި ހުދާ ކަޅުކުލައިގެ ސޯފާތައް ރީތިކޮށް ފެނެއެވެ. ސޯފާތަކުގެ ފަހަތުގައި ޖަހާފައިވާ ބިއްލޫރިތަކުން ބޭރު ރީތިކޮށް ފެނެއެވެ. އެ ދިމާލުގައި ބޭރަށް ނުކުމެވޭގޮތަށް ހުރި ދޮރު ވެސް ހުރީ ބިއްލޫރިންނެވެ. ސޯފާތަކުގެ ފަަހަތަށް ވާ ގޮތަށް ތިރިއަށް ފައިބާ ސިޑިހުއްޓެވެ. އެ ސިޑިން ފޭބޭނީ ޒީޝާންމެން މަންމަމެން އުޅުނު އެޕާރޓްމެންޓް ތެރެއަށެވެ. ޒީޝާންމެންގެ ކަނާއަތްފަރާތަށް ވާގޮތަށް ކައްކާ ބައި ހުރިއިރު އެތަން ވެސް ވަކިށްލާފައިވަނީ ބިއްލޫރި ޖަހައިގެންނެވެ. އެދެމީހުންގެ ކަނާއަތް ފަރާތުން ސޯފާތަކުގެ އެއްފަރާތުގައި ދެ ކޮަޓަރި ހުއްޓެވެ.

ޒީޝާންއަށް ހިތްވަރު ދިނުމުގެ ގޮތުން އަރްޒަންއަށް، ޒީޝާންގެ އުނަގަނޑުގައި އަތް ޖައްސައިލާ އޭނާގެ ގަޔާ ކައިރިކޮށްލެވުނެވެ. ހިތްވަރުގަދަ ކަމަށް ދެއްކިގެން ހުއްޓަސް، ޒީޝާންގެ ހިތުގައި އަޅާނޭ ވޭން އޭނާއަށް އަންދާޒާކޮށްލެވުނެވެ. ޒީޝާން އޭނާގެ މަންމަދެކެ ލޯބިވީ ވަރުވެސް އެންމެ ގާތުން ފެނުނީ އޭނާއަށެވެ.

"އިޓްސް އޯކޭ ލަވް... އިންޝާ ﷲ ދެން ބައްދަލުވާނީ ސުވަރުގެއިން..." އަރްޒަން ބުނެލިއެވެ. ޒީޝާން އަރްޒަންއަށް ބަލައިލަމުން ހިނިތުންވެލިއެވެ. ޕެންޓް ހައުސް ތެރެއަށް ވަދެ ސޯފާގައި ދެމީހުން އިށީނދެލިއެވެ. އިރުކޮޅަކު ޒީޝާންއަށް، އެއްޗެއް ނުބުނެ އިދެވުނެވެ. އަދިވެސް އޭނާ ހަމައަކަށް ނޭޅެއެވެ. މަންމަމެންގެ ހަނދާންތައް އޭނާއަށް އުނދަގޫ ކުރަނީއެވެ. އަރްޒަން ގާތުގައި އިނުމަކީ އޭނާއަށް ލިބުނު އެންމެ ބޮޑު ހިތްވަރެވެ.

"ޒޭންއަށް އެނގޭތަ އަހަރެން އެ ވިލެޖްގައި އުޅުނުއިރުކަންތައް ވީ ގޮތް؟..." ކަމެއް ހަނދާންވާ ފަދައަކުން، ޒީޝާން އަހައިލިއެވެ. އަރްޒަން ދެފަރާތަށް ބޯ ހޫރައިލިއެވެ.

"އެކަމަކު، އަހަރެން ހުރިހާ ކަމެއްވެސް އެނގެން ވަރަށް ބޭނުން..." އަރްޒަން ޝައުޤުވެރިވިއެވެ.

"އަަހަންނަށް އެންމެ ފުރަތަމަ ހޭލެވުނުއިރު އޮވެވުނީ ހަރު ތަންމައްޗެއްގައި، އެ ތަނުގެ ދަށުގައި ހުރީ ރުކގެ ފަން ކަހަލަ ގޮތަކަށް ހުރި އެއްޗެއް އަޅާފައި. ވަރަށް ފަޤީރުބައެއް... ފަޤީރު ވިލެޖެއް.... ލޯ ހުޅުވައިލުމާއެކު، މީހަކު ގޮވައިލި އަޑުއިވުނު. އެކަމަކު އެ ކީ އެއްވެސް އެއްޗެއް އަހަންނަކަށް ނޭނގުނު... އެމީހުން ވާހަކަ ދައްކަމުން ދިޔައީ އެހެން ބަހަކުން ކަމަށް ވީތީ... އަހަރެންގެ ހަނދާނަކު އަަހަންނަކީ ކާކުކަމެއް ނެތް! އަހަންނަށް ކިޔާ ނަމެއް ނެތް! ހޭލެވުނުއިރު އަހަރެންގެ ސިކުނޑި ހުރީ ހުސްކޮށް... އަހަރެންގެ އަތްފައި ހަރަކާތެއް ނުކުރޭ، ލޯ ހުޅުވައިލެވުނު ނަމަވެސް، އެހެން މީހުންކިޔާ އެއްޗެހި އަޑު އިވޭކަން އެކަނި. އަހަރެންގެ ދޫވެސް ކުޑަމިނުން ހަރަކާތެއް ނުކުރޭ... އެމީހުން އަހަންނަށް ކުރީ ފަތް ޕިލާވެލީގެ ފަރުވާއެއް. އަހަރެންގެ އަތްތަތަން ވެސް ބިނދިފަ، ފައިގެ ބޮޑުބައި ކަފައިގެން ގޮސް ހަލާކުވެފަ... ހަށިގަނޑުގައި އޭރު އެޅި ވޭން އަހަރެން ދުވަހަކުވެސް ހަނދާނެއް ނުނެތޭނެ..."

"ޒީ ... އުނދަގޫވަންޏާ ތި ހުރިހާ ވާހަކައެއް ނުކިޔައިދިނަސް އެންމެ ރަނގަޅޭ..." ޒީޝާންއަށް އުނދަގޫވާހެން ހީވެ، އަރްޒަންއަށް ބުނެވުނެވެ. އޭނާ ކޮންމެހެން ޒީޝާންއަށް ތަކުލީފުދީގެން އެ ވާހަކަތައް އަޑުއަހަން ބޭނުންނުވާކަމަށް ބުންޏެވެ.

"އިޓްސް އޯކޭއޭ ޒޭން، އެހެން ނޫނަސް އަހަރެން ހުރީ ކޮންމެވެސް ދުވަހަކުން މިވާހަކަތައް ކިޔައިދޭން ނިންމައިގެން." ޒީޝާން ބުނެލިއެވެ. އޭނާ ފުންނޭވާއެއް ދޫކޮށްލާ އަނެއްކާވެސް ވާހަކަދައްކަން ފެށިއެވެ.

"އެއްވެސް ހަނދާނެއް ނެތްކަމުގައިވީ ނަމަވެސް އެއީ އަހަންނާ މުޅިން ތަފާތު ބައެއް ކަމުގައި އަހަންނަށް އިޙްސާސްވި. އެ މާހައުލު ވެސް އަހަންނާ މުޅިން ބީރައްޓެހި. އަހަންނަށް ފުރަތަމަ އަނގައިން ބުނެވުނު ދިުވަހު ވާހަކަ ދެއްކުނީ ދިވެހި ބަހުންކަންވެސް އަހަންނަކަށް ނޭނގޭ. އެމީހުން ކިޔާ އެއްވެސް އެއްޗެއް އަހަންނަކަށް ނޭނގޭ... އެނގޭހާވެސް އެއްޗަކީ އަހަރެންނަކީ އެ މީހުންނާ ތަފާތު މީހެއްކަން... އެމީހުން ދިން ބޭސް ފަރުވާގެ އެހީގައި އަހަރެން މަޑުމަޑުން ރަނގަޅުވާން ފެށި، ހިނގޭވަރުވުމުން އަހަރެން ނުކުމެ އުޅެން ފެށިން، އެމީހުން ދައްކާ ވާހަކަތައް ކޮންމެވެސް، ވަރަކަށް ފަހުމްވާން ވެސް ދުވަސްކޮޅެއް ނެގި. ސިކުނޑިއަށް ކުރި އަސަރާއެކު އެކަންކުރަން އުނދަގޫވި، މަޑުމަޑުން އެމީހުންނާއެކު އަހަރެން އުޅެންފެށިން، ހިނގަން ފެށިން، އެތަނުގައި އެހެން އުޅެނިކޮށް އެއްދުވަހަކު އަހަންނާ ދިމާވީ ޒުވާނަކާ... އެ ޒުވާނާ ކުއްލިއަކަށް އަހަރެންނަށް އެނގޭ ބަހަކުން ވާހަކަ ދެއްކުމުން ހައިރާންވި. އޭނާ އަހަންނަށް ދެއްކީ ފޮޓޯއެއް. އެ ފޮޓޯގައި ހުރީ އަހަރެންކަން ޔަޤީންވި. އެއީ އަހަރެންނާ ގުޅުމެއް ވާ މީހެއްކަމުގައި ސިކުނޑި ބުނެދިން. އޭނާއާ ދިމާވުމަށްފަހު އޭނާއާ އެކު އަހަރެން ރާއްޖެއަންނަން ދަތުރު ފެށީ... އެއީ އުނދަގޫ ދަތުރެއް. އެތަނުގައި އޭރު އަހަރެން އުޅޭތާ ދުވަސްތަކެއްްވެއްޖެ، ކޯމާގައި ދެމަސް ދުވަހު އޮވެފައި ހޭއެރި ކަމަށް ވެސް ވަނީ. މިކޮޅުގައި ޒީޝާންގެ ސިފައިގައި އެހެން މީހަކު އުޅުމަކީ އަހަރެން މިކޮޅަށް އައުމަށް އެޅުނު އެންމެ ބޮޑު ހުރަސް. "

"އުނދަގުލުންވެސް އެކަން ކުރެވުނު. އަހަންނާ ފުރަތަމަ ދިމާވީ އަޔާންއާ... އެކޮޅުން ދިމާވީ އަޔާންގެ ރަޙްމަތްތެރިއެއްކަމަށްވާ ތާމިރުއާކަން ވެސް އެނގުނީ އެ ހިސާބުން... އަދި އަޔާންގެ ފަރާތުން އަހަންނަށް އެނގުނީ އޭނާއަށް އަހަރެން ފެނުނީ ކިހިނެއްކަމާއި އަހަރެމެން ދެމެދުގައި އޮތީ ކިހާވަރެއްގެ ގުޅުމެއްކަން. ޑޮކްޓަރަށް ދެއްކުމުން އެނގުނީ އެމްނީޝިއާ ކަން. އެ ހިސާބުން އަހަރެން ފަރުވާ ފެށިން. އަހަރެންގެ ހަނދާންތައް އަންނަމުން ދިޔާ ވަރަށް ވެސް ލަހުން. ގިނަފަހަރު މަންޒަރުތައް ފެންނަނީ ފްލޭޝްބެލްތަކެއްގެ ސިފައިގައި. މީހުންގެ މޫނެއް ސާފެއް ނުވޭ. ބުނާ އެއްޗެހި ސިކުނޑީގައި ގުގުމާފައި ހުންނަނީ... ކޮންމެވެސް ވަރަކަށް ހަނދާންތައް އައުމުން އަރްޒަންއާ ބައްދަލުކުރަން އަޔާލް ކަފާ ދިނީ. އެއީ އޭރު އަހަރެމެން ޖިންނިއާ ތައްޔާރުވާން ވެސް ޖެހޭތީ. " ޒީޝާން ވާހަކަ ހުއްޓައިލިއެވެ. އޭނާ އަރްޒަންއަށް ބަލައިލިއެވެ.

"އިޓްސް އޯކޭ ޒީ... މިރެއަށް ވާވަރުވެއްޖެ" އަރްޒަން ބުނެލިއެވެ. އޭނާ ޒީޝާންގެ ނިތުގައި ބޮސްދިނެވެ. ޙަޔާތުގެ ބާކީ އޮތް ދުވަސްތަކުގައި އޭނާ ޒީޝާންއަށް ހުރިހާ އުފަލެއް ހޯދާދޭނެކަމަށް ވައުދުވިއެވެ. އިތުރަށް އެފަދަ ހިތްދަތި ތަޖުރިބާއެއް ކުރަން ނުޖެހޭނޭކަމުގައި އޭނާ ވައުދުވިއެވެ.

ދެމަފިރިން ނިދަން ކޮޓަރިއަށް ވަތްނާ މާގިނަ އިރެއްނުވެ ސިޓިން ރޫމުގައި ދިއްލާފައި ހުރި ބޮކި ނިވި ދިއްދެން ފެށިއެވެ. ގޭތެރެއަށް ފިނިކަމެއް ވެރިވެ، ދުންތަކުން ގޭތެރެ ފުސްވަމުންދިޔައެވެ. އެ ފުސް ދުންތަކުގެ ތެރެއިން ސިފަވީ އަންހެން ކުއްޖެއްގެ ސޫރައެވެ. އާއެކެވެ. އެެއީ ޝިންޝިނާ ނޫން ދެވަނަ މީހެއް ނޫނެވެ. އޭނާ ހުރީ، ޒީޝާންގެ ސިފައިގައި ނަމަވެސް އެ ދެލޯ ވަނީ ހުދުކުލައަކުން ދިއްލިފައެވެ. މޫނުމަތީގައި ވަނީ ރުޅިވެރި އަސަރުތަކެވެ. ދެބުމަ ގޮށް ޖަހާލައިގެން ހުރިއިރު، އޭނާގެ ނަޒަރު ހުރީ ކޮޓަރީގެ ދޮރަށް ހުއްޓިފައެވެ.

އެކަނިމާއެކަނި އަރްޒަންއާ އެކު އެއް ކޮޓަރިއެއް ހިއްސާކުރަން ޖެހުމުން ޒީޝާން އިނީ ޖެހިލުންވެފައެވެ. ލަދުވެތިކަން އޭރުވެސް، އޭނާގެ މޫނުމަތިން ފެންނަމުން ދިިޔައެވެ.

"ޒީ..." ޒީޝާންގެ ކައިރީގައި އިށީނުމަށްފަހު، އަރްޒަން ގޮވައިލިއެވެ. އޭނާ މަޑުމަޑުން ޒީޝާންގެ އަތުގައި ހިފައްޓައިލިއެވެ. އެއަށްފަހު އޭނާ ޒީޝާންއާ ކައިރިވެލިއެވެ. އެއީ، އަމިއްލައަށް އިސްނަގައިގެން އަރްޒަން އެ ގޮތަށް ޒީޝާންއާ ކައިރިވިި ފުރަތަމަ ފަހަރެވެ. ޒީޝާންގެ ކަނދުރާގައި ދަތްދޮޅުި އަޅުވައިލަމުން އޭނާ ކުރިމައްޗަށް ބަލައިލި ވަގުތު، ޝިންޝިނާ ފެނިގެން ސިހޭގޮތްވިއެވެ. ޒީޝާންގެ ކޮނޑުގައި އަޅާ ކޮށްޕައިލަމުން އޭނާ ތެދުވިއެވެ. އަރްޒަން ކޮށްޕައިލިލެއް ބާރުކަމުން، ޒީޝާންއަށް ތަދުވެސް ވިއެވެ.

"ޒޭން... " ކުއްލިއަކަށް ކޮޅަށް ތެދުވި، އަރްޒަންއަށް ބަލައިލަމުން ޒީޝާންއަށް ގޮވައިލެވުނެވެ. ޒީޝާންއަށް ފުރަގަސްދީގެން ހުރި އަރްޒަންގެ ފަރާތުން އެއްވެސް ޖަވާބެއް ނުލިބި ގިނައިރުވާން ފެށުމުން، އަރްޒަންގެ އަތުގައި ހިފައިލަމުން ޒީޝާން ކޮޅަށް ތެދުވެލިއެވެ.

"ޒޭން..." އޭނާ އަރްޒަންގެ ކުރިމައްޗަށް އަރާ އެ އަތުގައި ހިފާ ދެފަހަރަކު ތަޅުވައިލީ އޭނާއަށް އަރްޒަންގެ ފަރާތުން އެއްވެސް އިޝާރާތެއް ނުލިބުމުންނެވެ.

"އާނ އާނ..." ހުއްޓިފައިހުރި އަރްޒަންއަށް ހަމަހޭވެރިކަން ވެ އޭނާ ޒީޝާންއަށް ބަލައިލިއެވެ.

"ކިހިނެއްވީ ޒޭން؟ އެތަނުގައި ކާކު ހުރީ"

"މީހަކު ނެތޭ ޒީ..." އަރްޒަން އެވާހަކަ ބުނާކަށް ބޭނުމެއް ނުވިއެވެ. އޭނާ ބޭނުންވަނީ ސިއްރުކުރާށެވެ.

"އަހަރެން ބޮލުގައި ރިއްސަން ފަށައިފި... ވަރަށް ބޮޑަށް..." އަރްޒަން ބުނެލިއެވެ. އެއަށްފަހު އޭނާ ގޮސް އެނދުގައި އޮށޯވެލިއެވެ. ޒީޝާން އަރްޒަންއަށް ބޭސް ގެނެސްދެމުން ބޭސް ކާން އެދުނެވެ. "ނިދާލީމަ ރަނގަޅުވާނެ" ބޭސް ކާން ދެކޮޅު ހަދަމުން އަރްޒަން ބުނެލިއެވެ. އޭނާ ބޭސްކާކަށް އެއްގޮތަކަށްވެސް ޤަބޫލެއް ނުވިއެވެ. އަރްޒަން ނިދުމުން، ޒީޝާންވެސް އެއްޗެހި ބަދަލްކޮށްގެން އައިސް އަރްޒަންގެ އެއްފަރާތުގައި އޮށޯވެލީއެވެ.

******

ހެނދުނު ހޭލައިގެން އަރްޒަން، ފާޚާނާއަށް ވަދެ މޫނު ދޮންނަ ތަށި ދޮށުގައި ހުއްޓުނެވެ. އެއާއެކު އޭނާގެ އަތުގެ ކުޑަ ހުޅާ ދިމާލުގައި ހުރި ނިޝާން ލޮލުގައި އަޅައިގަތެވެ. އޭނާގެ އަތުގެ އެ ދިމާލުގައި ނޫފައިގަނެފައި ހުރި ތަން ހުރީ ސީދާ މީހަކު އަތުގައި ބާރަށް ހިފެއްޓުމުން ހުންނާނޭ ފަދަ ގޮތަކަށެވެ. އިނގިލިތައް ހުރި ބައްޓަން ހުރި ގޮތަށް އަރާފައިވާއިރު، އަރްޒަންއަށް އޭނާގެ ކަރުދޮށުން ވެސް އެފަދަ ނިޝާންތަކެއް ފެނުނެވެ. ހަމަ އޭގެ އިތުރުން އޭނާގެ މޭމަތީގައިވެސް ހުއްޓެވެ. ޒީޝާންއަށް އެ ނިޝާންތައް ފޮރުވަން ބޭނުންވީ ކީއްވެކަމެއް ނޭނގުނެވެ. އެހެންކަމުން އޭނާ އެ ދުވަހު ލީވެސް އަތް ދިގު ޓީޝާޓެކެވެ. އަރްޒަން ކޮޓަރިން ނުކުތްއިރު ސިޓިން ރޫމް ތެރޭގައިވެސް ޒީޝާން ފެންނާކަށް ނެތެވެ. އޭނާ ބޭރަށް ނިކުމެވޭ ގޮތަށް ހުރި ބިއްލޫރި ދޮރާ ދިމާލަށް ހިނގައިގަތީ އެ ދެޮރު ހުޅުވާފައި ހުރުމުންނެވެ. ނުކުތް އިރު ޒީޝާން ރެއިލިންގައި އަތް އަޅުވާލައިގެން ހުއްޓެވެ.

އެއީ ތަނަވަސް ބޮޑު ޓެރެސްއެކެވެ. އެތަނުގެ އެއްފަރާތުގައި ހުރި މޭޒުދޮށުގައި ހަތަރު ގޮނޑި ބަހައްޓާފައިވާއިރު ވާއަތް ފަރާތުގައި ހުރީ އުނދޯއްޔެކެވެ. ވަކި ހިސާބަކުން ހިޔާކޮށްފައި ހުރިއިރު އެތަނުގައި ސޯފާތައް ބެހެއްޓިފައި ހުއްޓެވެ. ކިތަންމެހާވެސް އެތަން ހިތްގައިމެވެ. ޒީޝާން ކައިރިއަށް ގޮސް ހުއްޓިލަމުން އަރްޒަން މަޑުމަޑުން އޭނާގެ އަތް ޒީޝާންގެ އުނަގަނޑުގައި ޖައްސައިލިއެވެ. އޭނާ ލާނެއް ސަމާސާއެއް ކޮށްލުމުން ޒީޝާންއަށް ތެޅިގަނެވުނެވެ. ތުންފަތް ވެރިވި ލުއި ހިނިތުންވުމާއެކު، އޭނާ ޒީޝާން ގާތުން މާފަށް އެދުނެވެ.

"ކޮންކަމަކާ..." ޒީޝާން ސުވާލުކޮށްލިއެވެ.

"ރޭގަ އަހަންނަށް ނިދުނީމައެއްނު ދެން ކޮންކަމަކާ..." އަރްޒަންގެ ތުންފަތް މަތީގައި އޭރުވެސް ހިނިތުންވުމެއް ވެއެވެ.

"މިހާރު ކިހިނެއްތަ؟ އަހަރެން ހުންނާނެ ސައި ތައްޔާރުކޮށްފަ. ހިނގާ ސައިބޯން ދަމާ..." ޒީޝާން ބުނެލިއެވެ.

"ނޭނގެ ހަމަ ކުއްލިއަކަށް ބޮލުގައި ރިއްސައި ގަތީ... މިހާރު ރަނގަޅުވެއްޖެ" އަރްޒަން ބުނެލިއެވެ. ދެމަފިރިން ސައިބޯން ވަނީވެސް އެތަނުގައި އިރުކޮޅަކު މަޑުކޮށްލުމަށްފަހުއެވެ.

*****

ކައިވެނި ކުރިތާ މާގިނަ ދުވަހެއްނުވެ، އެ ދެމީހުންގެ ދޭތެރެއަށް ދުރުކަމެއް ވެރިވެއްޖެކަމުގެ އިޙްސާސް ޒީޝާންއަށް، ކުރެވޭކަށް މާގިނަ ދުވަހެއް ނުނެގިއެވެ. ކައިރީގައި ހުންނަ ވަގުތުގައި ވެސް އޭނާއަށް އެއްވެސް ސަމާލުކަމެއް އަރްޒަން ނުދިނުމާއެކު، އަޅައިލުން ކުޑަވުން ފަދަ އަމަލްތައް ޒީޝާންއަށް ފާހަގަވާން ފެށިއެވެ. ހަމައެއާއެކު އަރްޒަން ގިނަ ރޭރޭ ސޯފާގައި ނިދުން ވެސް އާއްމުކަމަކަށް ވެއްޖެއެވެ. އޭނާ ޒީޝާންއާ އެކު އެއް އެނދެއްގައި ނިދަންވެސް ބޭނުންނުވާ ފަދައެވެ. އެ ދުރުކަން އެ ދެމެދަށް ވެރިވާން ޖެހުނު ސަަބަބެއް ވިސްނާ ވިސްނާވެސް ޒީޝާންއަކަށް ނޭނގުނެވެ.

ވިއްސާރަ ދުވަހެއްގެ ހެނދުނުގެ ވަގުތެވެ. ކޮޓަރިން ޒީޝާން ނުކުތްއިރުވެސް، އަރްޒަން އޮތީ ގަދަ ނިދީގައެވެ. އޭނާ މަޑުމަޑުން އަރްޒަންއާ ކައިރިއަށް ޖެހިލާ އަރްޒަންގެ އަތުގައި ކޮއްޓައިލިއެވެ.

"ޒޭން... ޒޭން..." ޒީޝާން އަރްޒަންއަށް ގޮވައިލުމުން އެ އަތް ފޮޅުވައިލުމަށްފަހު، އަރްޒަން އަނެއްފަރާތަށް އެނބުރިލިއެވެ. އަނެއްކާވެސް ޒީޝާން އަރްޒަންއަށް ގޮވައިލިއެވެ.

"ކިހާ ދެރަކަމެއްތަ އުނދަގޫ ނުކޮށްބަލަ!" ރުޅިވެރިކަން އެކުލެވޭ ރާގަކަށް އަރްޒަން އެހެން ބުނެލުމަށްފަހު، ޒީޝާންގެ ކޮނޑުގައި ހިފާ ކޮއްޕައިލިއެވެ. ނުވިސްނާ ހުރި ޒީޝާން ބޯ ނިތްކުރިމަތި ސޯފާގެ ކަނުގައެވެ. ޖެހުމާއެކު އޭނާގެ ނިތްކުރިމަތި ފަޅައިގެން ގޮސް ލޭ އަންނަން ފެށިއެވެ. އަމިއްލަ އަތުން ނިތުގައި ހިފައްޓައިގެން ހުރެ އޭނާ ސިންކާ ދިމާލަށް ހިނގައިގަތެވެ. ލޭތައް ސާފުކޮށްލުމަށްފަހު، އޭނާ އެތަނުގައި މަލަން ކޮޅެއް އަޅައިލިއެވެ. އޭރުވެސް އެ ދެލޮލުގައި ކަރުނަ ވިދަމުން ދިޔައެވެ. އަރްޒަން ހޭލީ އެ ދުވަހު ދިހައެއް ޖަހާ ބޮޑުވީ ފަހުންނެވެ.

ކޮޓަރިއަށް ވަތްއިރު، ޒީޝާން އެނދުމަތީގައި އިށީނދެ އިންތަން ފެނުމުން އޭނާ ކިހިނެއްވީތޯ ސުވާލުކޮށްލިއެވެ. އޭރު ވެސް ޒީޝާންގެ ނިތްކުރިމަތީގައި ހަލާކުވެފައިވާ ތަން އޭނާގެ ލޮލުގައި އަޅައިގަތް ހެނެއް ހިޔެއްނުވެއެވެ.

"ޒޭން ކީއްވެތަ ތިހެން ތިހަދަނީ؟" ޝަކުވާ ނުކޮށް ހުންނަން ކިތަންމެ ބޭނުންވިޔަސް، ވެފައި ހުރި ދެރައެއްގެ ބޮޑުކަމުން ޒީޝާންގެ ދުލުން އެ ބަސްތައް ނިކުތީ ބޭއިޚްތިޔާރުގައެވެ. ކަރުނަތއް ކޯތާފަތް މަތިން ތިރިއަށް ރޮނގުދެމިގެން ދާން ފެށިއިރު، އޭނާއަށް ހަމަ ރަނގަޅަށް ވެސް ރޮވިއްޖެއެވެ.

އަރްޒަންގެ އެ ދުރުކަން އޭނާގެ ހިތަށް ތަދުކުރަނީއެވެ. އިންތިހާ ވޭން ދެނީއެވެ. އޭނާ އަރްޒަން ދެކެވާ ލޯބީގެ ބަދަލުގައި އަރްޒަންގެ ފަރާތުން ފެންނަނީ ފަރުވާކުޑަކަމެވެ. ކުރީގެ އަރްޒަންއާ މިހާރުގެ އަރްޒަންއާ ހާސްބައި ތަފާތެވެ. އެ ތަފާތު އަރްޒަންއަށް އަންނަން ޖެހުނު ސަބަބެއް އެއްގޮަތަކަށް ވެސް ޒީޝާންއަކަށް ނުވިސްނުނެވެ.

ޒީޝާން ރޯން ފެށުމުން ވެސް، އަރްޒަންގެ ހިތަށް އެއްޗެއް އެރިހެނެއް ހިޔެއް ނުވެއެވެ. އޭނާ ޒީޝާން އެކަނި ކޮށްލުމަށްފަހު، ވަނީ ފާހާނާއަށެވެ. އެއާއެކު ޒީޝާންގެ ހިތްދަތިކަން ދެގުނަވެގެން ދިޔައެވެ. އަރްޒަން ފާހާނައިގައި ހުރިއިރުވެސް ޒީޝާންގެ މަޑު ގިސްލުމުގެ އަޑު އިވިއިވި ހުއްޓެވެ. އޭނަ ނުނިކުތީވެސް ގަސްތުގައެވެ. ޒީޝާން ރޯން ފަށާ ކޮންމެ ފަހަރަކު އޭނާއަށް އުނދަގޫވަނީއެވެ.

ފާހާނާއިން އަރްޒަން ނުކުތީ އެ އަޑު އެކީ ކެނޑުނުފަހުންނެވެ. ނުކުތްއިރު ފާޚާނާ ދޮރުމަތީގައި ޒީޝާން ހުރީ އަރްޒަންގެ ގަމީސް ހިފައިގެންނެވެ. އޭނާ އެ ގަމީސް އަތުލަމުން އެ ލާން ފެށިއެވެ.

"ޒޭން... ކީއްވެތަ ތިހެން ތިހަދަނީ؟"

"އަހަރެން މިހާރު ކީއްކުރީތަ؟" އަރްޒަން ރުންކުރު ގޮތަކަށް އަހައލިއެވެ. އަރްޒަންގެ ރާގު ހުރި ގޮތުން އިތުރު އެއްޗެއް ބުނަން ޒީޝާންއަކަށް ނުކެރުނެވެ. އޭނާގެ ހިތުގައި އެތަކެއް ސުވާލެއް އުތުރި އަރަމުން ދިޔަނަމަވެސް، އަރްޒަންގެ ކުރިމަތީގައި މީހާ ފިނޑިވިއެވެ. އަނގަ ހުޅުވައިލަން ނުކުރުނެވެ.

"އަހަރެން މިހާރު ޒީޝާން ދެކެ ފޫހިވޭ!" އެއްވެސް ވިސްނުމެއް ނެތްފަދަ ގޮތަކަށް އަރްޒަން ބުނެލިއެވެ. އެއަށްފަހު އޭނާ ގަމީހުގެ ގޮށްތައް އަޅުވަން ފެށިއެވެ.

"ފޫހިވޭ..." ޒީޝާންއަށް ވައި އަޑުން އެ ބަސްތައް ބޭރުކޮށްލެވުމާއެކު، ތުންފަތުގައި ދަތް އަޅައިލެވުނެވެ. އޭނާ ކަރުނަތައް ހިންދައިލަން މަސައްކަތް ކުރިއެވެ. އަރްޒަންގެ ފަރާތުން އެފަދަ ޖުމްލަތައް އިވޭ ކޮންމެ ފަހަރަކު ހީވަނީ މިޔަ ތޫނު ހަންޖަރަކުން އޭނާގެ މޭވެސް ކަފާ ކުދިކުދި ކުރާ ހެންނެވެ.

އެ ތުނިތުނި ހިތަށް ލިބެނީ އިންތިހާ ވޭނާއި ކެކުޅުމެވެ. ކަރުނަތައް ކޮންޓްރޯލް ކުރަން އެތައް މަސައްކަތެެއް ކުރިނަމަވެސް އޭނާއަށް އެކަން ކުރަން އުނދަގޫވެ، އެންމެ ފަހުން ކޯތާފަތް މަތިން ކަރުނަތައް ރޮނގުދެމިގެން ދާން ފަށައިފިއެވެ.

"ކިރިޔާ ކަމެއްވާއިރަށް ރޯން ޖެހޭތަ؟ ޒީޝާންއަށް ތިނޫން ކަމެއް ކުރާކަށް ނޭނގޭތަ؟ އެހެންވީމައޭ އަހަރެން ޒީޝާންދެކެ ފޫހިވާން ފެށީ. އަހަންނަށް މިހާރު ކަމުދަނީ އެހެން މީހަކު... ބޭނުންވަނީ ވެސް އެހެންމީހަކު..." އަރްޒަންގެ ޖުމްލައާއެކު އިސްޖަހާލައިގެން ހުރި ޒީޝާންއަށް އަރްޒަންއަށް ބަލައިލެވުނެވެ.

"ކީކޭ؟" މަޑުމަޑުން އޭނާއަށް އެހެން އަހައިލެވުނީ އިވުނު ޖުމްލަތައް ގަބޫލުކުރެވުމުންނެވެ. މީހާގެ މޭގައި ގަދަވި ރިހުން މުޅި ހަށިގަނޑަށް ފެތުރި ފައިން ވަރުދޫވިއެވެ. ކޮޅަށް ހުންނަން ދަތިވުމާއެކު، އޭނާއަށް ފާރުގައި ލެނގިލެވުނެވެ.

އިތުރު އެއްޗެއް ބުނަން އުޅުނު ނަމަވެސް، އޭނާ ދޫ ހަރަކާތެއް ނުކުރިއެވެ. މީހާ ހުއްޓުން އަރާގޮތްވެ ސިކުނޑީގެ މަސައްކަތްވެސް ހިނދުކޮޅަކަށް މަޑުޖެހިލިއެވެ. ސިކުނޑީގައި އަރްޒަން ދެންމެ ބުނި ޖުމްލަތައް ތަކުރާރުވާން ފެށީއެވެ. ޒީޝާން އެ ހުރި ގޮތަށް ބެހެއްޓުމަށްފަހު، އަރްޒަން ކޮޓަރިން ނުކުންނަން ހިނގައިގަތެވެ. ދޮރުގެ ތަޅުގައި ހިފައިލުމަށްފަހު، އޭނާ މަޑުޖެހިލިއެވެ. އެއަށްފަހު، އެނބުރި ޒީޝާންއަށް ބަަލައިލއެވެ.

"ތި ދެމީހުންގެ ސޫރަ އެއްގޮަތަކަށް ހުރި ނަމަވެސް އަހަރެން މިހާރު ބޭނުންވަނީ ޝިންޝިނާ" އެހެން ބުނެލުމަށްފަހު، އަރްޒަން ނިކުމެގެން ދިޔައީއެވެ.

"ޝިންޝިނާ... ޒޭން އެހެން އެ ބުނީ ކިއްވެބާ؟" ޒީޝާންއަށް އަމިއްލަ ނަފްސާ ސުވާލުކޮށްލެވުނެވެ.

ކަރުނަތައް ފުހެލަމުން، އޭނާ ހަމަޖެހެން މަސައްކަތްކުރިއެވެ. ކައިވެންޏަށްފަހު، އޭނާއަށް އުފަލެއް ލިބުނީ އެއްނޫނެވެ. ހިންހަމަ ޖެހުމެއް ލިބުނީއެއްނޫނެވެ. ލިބުނީ ހިތާމަޔާއި ހިތްދަތިކަމެވެ. އިތުރު ތަކްލީފްތަކެކެވެ.މާޔޫސްކަމާއި ވޭނާ އުދާހެވެ. އާރާއާ އެވާހަކަތައް ހިއްސާކުރަން އުޅެފައިވެސް، އޭނާ މަޑުޖެހިލީ ކައިވެންޏަށް ގިނަ ދުވަސްތަކެއް ނުވާއިރު، އެފަދަ ވާހަކަތަކެއް ހިއްސާކުރަން ރަނގަޅު ނުވާނޭކަމަށް ވިސްނުނީތީއެވެ. އެކަމަކު މިހާރު ކަންތައްތައް ވަމުން ދާ ގޮތުން އޭނާ ބޭނުންވަނީ، މީހެއްގެ ޚިޔާލެއް ވެސް ހޯދައިލާށެވެ. އަދި އަމްދުން މިއަދު އަރްޒަން ޝިންޝިނާގެ ވާހަކަ ބުނުމުން އޭނާގެ ހިތަށް ބިރުވެރިކަން ވަނެވެ. އިރުފާން ބުނިގޮތުންނަމަ، މިހާރު އެ ޖިންނީގެ އެއްވެސް އުނދަގުލެއް ނެތެވެ. ވީއިރު އަރްޒަން އެހެން އެ ބުނީ ކީއްވެހެއްޔެވެ؟. އަނެއްކާ އަރްޒަން ހަމަ ހަޤީގަތުގައިވެސް ޝިންޝިނާ ދެކެ ލޯބިވަނީ ހެއްޔެވެ؟. ނޫނެކެވެ. އިންސާނަކަށް ޖިންނިއަކު ދެކެ ހަމަ ބުއްދީގައި ހުރެގެން ލޯތްބެއް ނުވެވޭނެއެވެ. އެއީ ވާނެ ކަމެއް ނޫނެވެ. އަނެއްކާވެސް ޝިންޝިނާ އަރްޒަންގެ ސިކުނޑިއާ ކުޅެނީހެއްޔެވެ؟. އެ ދެމެދަށް ވެރިވެގެން އުޅޭ ދުރުކަމުގެ ހަޤީޤީ އަސްލަކީ ކޮބައިހެއްޔެވެ؟. އެއީ ޝިންޝިނާއަށް ވެދާނެހެއްޔެވެ؟.

އާރާއަށް ގުޅާ ބައްދަލުކުރަން ބޭނުންވާ ޒީޝާން ބުނުމުން އާރާ ބުނީ އޭނާ މިއަދު ކުޑަކޮށް ބިޒީ ކަމުގައެވެ. ޖިނާންއާ ދެމީހުން ކައިވެނީގެ ވާހަކަ ދައްކާތާ ދުވަސްކޮޅެއް ވެއްޖެކަމުގައްޔާއި، މިރޭ އޭނާ އުޅެނީ ބައްޕަމެން ގެއަށް ގޮސްލަން ކަމުގައެވެ. އާއިލާ ރޫޅުނުފަހުން، އާރާ އުޅެމުން ދިޔައީ މަންމަ ފަރާތު ބޮޑު ދައިތައެއްގެ ގާތުގައެވެ. އެހެންކަމުން ކައިވެނީގެ ކުރިން ބައްޕައާ ބައްދަލުކުރަން ދާން އާރާ ބޭނުންވީއެވެ. ބައްޕަގެ އެއްވެސް އޯގާތެރިކަމެއް ނުލިބުނު ނަމަވެސް ބައްޕަ ވާނީ ބައްޕައަށްތާއެވެ. ވަލީ ދޭނީ ބައްޕައެވެ.

އާރާ އާ ޒީޝާންއާ ދެމީހުން ދިމާވީ އޭގެ ހަފްތާއެއްހާ ދުވަސް ފަހުންނެވެ. އާރާ ޒީޝާން ކައިރިއަށް އައިއިރު، އަރްޒަންއެއް ގެއަކު ނެތެވެ. ދެ އެކުވެރިކަން ކޮފީއެއް ހަދައިގެން ނުކުތީ ޓެރެސްއަށެވެ. އުނދޯލީގައި ޒީޝާން އިށީނދެލުމުން އާރާ ޖައްސައިލީ ކުރިމަތީގައި ހުރި ކޮފީ ޓޭބަލް ކައިރީގައި ހުރި ގޮނޑިތަކުން ގޮނޑި އެއްގައެވެ. އެކުވެރިޔާގެ މޫނުމަތީގައިވި މާޔޫސްކަން އާރާއަށް ސިއްރެއް ނުވެއެވެ. އޭނާ ޒީޝާންއަށް ފުން ނަޒަރެއް ދެމުން ސުވާލުކޮށްލިއެވެ.

"ޒީ... ކިހިނެއްވީ ހާދަ މާޔޫސްވެފަ، ކަމެއް ގޯސްވީތަ؟" އޭނާއަށް ސުވާލުކޮށްލެވުނެވެ. ދެފަރާތަށް ޒީޝާން ބޯ ހޫރައިލި ނަމަވެސް އޭނާގެ ލޮލުގެ ތެރެއަށް ކަރުނަތައް ޖަމާވެއްޖެއެވެ.

"ޒީ. އޭތް... ކީއްވެ ތި ރޮނީ. ޒޭން އެއްޗެއް ބުނީތަ؟" އާރާއަށް ކޮފީތަށި ބަހައްޓަމުން ތެދުވެވުނެވެ. އޭނާ ތެދުވެލާ ޒީޝާންގެ ކޮނޑުގައި އަތް ޖައްސައިލިއެވެ. އަދި ބާރުކޮށްލިއެވެ.

"އާރޫ... އަހަރެން ކިހިނެއް ހަދާނީ؟." ޒީޝާންއަށް ބުނެވުނެވެ. އަރްޒަންގެ އެފަދަ ވާހަކައެއް އޭނާ، ހިއްސާކުރާނީވެސް ކިހިނެއް ހެއްޔެވެ؟. އެއީ މިދުނިޔޭގައި އޭނާގެ ހުރިހަމައެކަނި މީހާއެވެ. އޭނާ އެންމެ ލޯބިވާ މީހާއެވެ. އޭނާގެ ހިތުގެ ވިންދެވެ. ތުންފަތުގައި ދަތް އަޅައިލަމުން އޭނާ ކަރުނަތައް ހުއްޓުވޭތޯ މަސައްކަތް ކުރިއެވެ. މިއީ އަނެއްކާ އޭނާގެ މަންމަމެން ނުޤަބޫލުގައި ކައިވެނިކުރުމުން ވީ ގޮތެއް ހެއްޔެވެ؟. މަންމަމެން ނިޔާވީ އަރްޒަންއާ ނުޤަބޫލުވެފައި ތިއްބާ ކަމަށް އަރްޒަން އޮތީ އޭނާ ކައިރީގައި ބުނެފައެވެ. ހިތަށް ވެރިވަނީ ނުބައި ވަސްވާސްތަކެވެ. ޝައްކާއި ވަހުމާއި ޝަކުވާއެވެ.

"ޒީ އައި އޭމް ޔުއަރ ބެސްޓް ފްރެންޑް... ޔޫ ކޭން ޝެއާރ އެވްރީތިންގް ވިތް މީ... ޕްލީޒް ބުނެބަލަ!" އެކުވެރިޔާގެ ކަރުނަތައް ފުހެލަމުން އާރާ ބުނެލިއެވެ. އޭނާ ވެސް ހުރީ ހާސްވެފައެވެ. އަނެއްކާ އަރްޒަންއާ ދެމީހުން މައްސަލައެއް ޖެހުނީހެއްޔެވެ؟.

"އާރޫ އޭނަ އަބަދު ބުނަނީ އޭނާއަށް އަހަރެން ކަމުނުދެޔޭ... ޒޭންއަށް ކަމުދަނީ އޭނަޔޭ" ޒީޝާންއަށް ބުނެވު ނެވެ.

"ކާކުތަ؟ ބަތޫލްތަ؟ އަނެއްކާ އެހެން ކުއްޖެއްތަ؟" އާރާއަށް އަހައިލެވުނެވެ. ޒީޝާން ދެފަރާތަށް ބޯ ހޫރައިލިއެވެ.

"ދެން ކާކުތަ؟ ޒީ އަހަރެން ގާތު ބުނެބަލަ!" އާރާ ބުނެލި އެވެ.

"ޝިންޝިނާއޭ... މިދިޔަ ހަފްތާއެއްހާ ދުވަހުގެ ތެރޭގައި އަހަންނާ ދިމާލަށް އޭނާ އެހެން ނުބުނާ ދުވަހެއް ނުވޭ..." ޒީޝާން ބުނެލި އެވެ.

"އެއީ އަނެއްކާ ދެމީހުން މައްސަލައެއް ޖެހިގެން އުޅޭތީ ބުނާ އެއްޗެއްތަ؟." އާރާއަށް ސުވާލުކޮށްލެވުނެވެ.

"އަހަރެމެން ދެމެދުގައި މައްސަލަޖެހޭ ވަރުގެ ކަމެއް ނުހިނގާ... އެކަމަކު އެއްކަމެއްވެސް ރަނގަޅަކަށް ނުދޭ ކީއްވެތަ އާރޫ؟..." ޒީޝާންއަށް ބުނެވުނެވެ. އޭނާއަށް ދެ އަތުގެ ތެރޭގައި މޫނު ފޮރުވައިލެވުނެވެ. ޒީޝާންއަށް ނޭނގުނު ކަމަކީ އެ އަޑު އަހަން އަރްޒަން ހުރިކަމެވެ. އޭރު އެ މޫނުމަތިން ރުޅިވެރި އަސަރު ފެންނަމުން ދިޔައެވެ. ދެބުމަ ގޮށްޖެހިފައިވާއިރު، ދެ އަތްވެސްވަނީ މުށްކެވިފައެވެ. އޭނާ އެތަނުގައި ހުރުމަށްފަހު ގޮސްވަނީ ކޮޓަރިއަށެވެ.

އާރާއާ ވާހަކަ ދައްކައިލެވުމުން ޒީޝާންގެ ހިތަށް ކުޑަކޮށް ލުއިވިއެވެ. އާރާ އެދުނީ ޒީޝާން ކަންބޮޑުނުވުމަށެވެ. އަރްޒަންއާ ދެމީހުން ވާހަކަ ދައްކާ މައްސަލަ ހައްލުކުރަން އާރާ ބުނެލި ނަމަވެސް، ޒީޝާން ކުއްލިއަކަށް ބުނެލި އެއްޗަކުން އޭނާވެސް ވަނީ ހާސްވެފައެވެ. އަރްޒަން ޝިންޝިނާގެ ވާހަކަ ބުނުމަކީ ކަމެއް ގޯސްވާން އުޅޭކަމުގެ ސިގްނަލެއް ކަމުގައި އާރާއަށް ވިސްނުނެވެ. އޭނާ ބޭނުންވީ އެރެއިން އެރެއަށްވެސް ޖިނާން ގާތު ބުނެގެން އިރުފާންއާ ބައްދަލުކޮށްފައި އެ ވާހަކަ ކިޔަދޭށެވެ. ނުބައެއް އުޅޭކަމުގެ އިޝާރާތެއް އާރާއަށް ލިބުމުން، އޭނާ ލަސްކުރާކަށް ބޭނުމެއް ނޫނެއެވެ. އެ ޖިންނި އަރްޒަން ދޫކޮށްލުމަކީ އެމީހުންނަށް ހީވިހީވުމަކަށް ވިއްޔާ ކިހާ ދެރަހެޔެއްވެ؟، އެއްވެސް "ރިސްކެއް" ނަގާކަށް އޭނާ ބޭނުމެއް ނޫނެވެ. އޭނާ ބޭނުންވަނީ ޔަޤީން ކުރާށެވެ. އޭނާގެ އެކުވެރިޔާ އެހާ ބޮޑު ނުރައްކަލެއްގެ ތެރޭގައި ބަހައްޓަން އޭނާގެ ހިތެއްވެސް ނޭދެއެވެ. އެކުވެރިޔާއަށް އިތުރު ދެރައެއް ލިބޭކަށްވެސް އާރާ ނޭދެއެވެ.

އެރޭ އޭނާ ޖިނާން ގާތު އެވާހަކަ ދެއްކުމުން ޖިނާން އަޔާންއަށް ގުޅާފައިވެސް އެވާހަކަ ހިއްސާކުރިއެވެ. އިރުފާންއާ އެރެއިން އެރެއަށް ބައްދަލުކުރުމަށްފަހު، އަޔާން އެވާހަކަ ހިއްސާކުރިއެެވެ.

"އެކަމަކު ކިހިނެއް އެހެންވާނީ؟" އިރުފާންއަށް ބުނެވުނެވެ.

"އޭރު އެކަމަކު ހަމަ އެއްގޮތަކަށްވެސް އޭގެ އެއްވެސް އަސަރެއް ނެތޭ. އަހަރެން ބެލީމޭ..." އިރުފާންއަށް ބުނެވުނެވެ. އޭނާއަށް ގޯސްކޮށް ކުރެވުނީ ކޮންކަމެއްހެއްޔެވެ؟ ވިސްނާ ވިސްނާވެސް އޭނާގެ ސިކުނޑިއަކަށް ނަޔެވެ.

"އަހަރެން އަދި އެހެެންވީމާ ބަލައިދޭނަން. މިރޭވެސް ތިކަން ކޮށްދީފާނަން." އިރުފާން ބުނެލިއެވެ. އޭގެ އުނދަގޫ ދެން ވެއްޖެނަމަ އޭނާއަށް ކޮންޓްރޯލް ނުކުރެވިދާނޭ ކަމުގެ ބިރުވެރިކަން އޭނާގެ ހިތުގައި ވިއެވެ. އިރުފާން އެހާ ހާސްވީ އެހެންވެއެވެ. ތިން މީހުން އެކުގައި އަރްޒަންމެން ގެއަށް ދާން މިސްރާބުޖެހިއިރު ތިން މީހުންގެ ހިތްވެސް ވަނީ ނުތަނަވަސްވެފައެވެ.

*****

ކާޑު ނޯންނާތީ އެންމެ މައްޗަށް އެމީހުންނަކަށް ނޭރެއެވެ. އަރްޒަންއަށް ގުޅަ ގުޅާވެސް ފޯނެއް ނުނެގިއެވެ. ޒީޝާންގެ ފޯނުވެސް އޮތީ ނިއްވާލާފައެވެ.

"އަހަންނަށް އެނގޭ ތިރީބައިގެ ކޯޑު. އެއް ދުވަހު އަރްޒަންކަމަކު ކިޔަންވެގެން ގޭގެ ކޯޑު ބުނީ... ހިނގާބަލަ އެތެރެއަށް."

"އާނ. އަހަންނަށްވެސް އެބަ އެހެންކަހަލަ އިޙްސާސްއެއް ކުރެވޭ... ކަމެއް ގޯސްވެއްޖެ! " އިރުފާން ބުނެލިއެވެ.

"ދެމީހުންގެ ފޯނަށްކަށްވެސް ނުގުޅޭ، ކޮންމެވެސް ނުބައެއް އެބައުޅޭ.... ހިނގާ އަވަހަށް ދާން..." އަޔާންއަށް ވެސް ބުނެވުނެވެ. ދިހަވަނަ ފްލޯއަށް ގޮސް އެމީހުން ޒީޝާންމެން މަންމަމެންގެ އެޕާރޓްމެންޓަށް ވަދެ މައްޗަށް އެރިއިރު އަރްޒަން ހުރީ ޒީޝާންގެ ކަރުގައި ހިފައިގެންނެވެ. ޒީޝާން ފާރާ ފިއްތާލައިގެން ހުރިއިރު ޒީޝާން ނޭވާ ނުލެވިގެން ތެޅީ ފޮޅެނީއެވެ.

"މީ ކަލޭ އާރާއާގާތު އެ ހުރިހާ ވާހަކައެއް ދެއްކީމައި ވީ ގޮތް..." އަރްޒަން ހަޅޭއްލަވައިގަތެވެ. އޭރު އެ އަޑުބަރުވެފައި ވެއެވެ. އިރުފާންއާއި އަޔާންގެ އިތުރުން ޖިނާންއަށް ލިބުނީ ކުއްލި ޝޮކެކެވެ. ޖިނާންގެ ފަހަތުގައި ހުރި އާރާވެސް ހުރީ ކަންބޮޑުވެފައެވެ. ހާސްވެ ބިރުގަނެފައެވެ.

"ކަލެމެން އެކަކަށްވެސް ސަލާމަތެއް ނުވެވޭނޭ. ކަލެއަށް އަހަރެންގެ ކިބައިން މި އިންސާނާ ސަލާމަތް ކުރުމަކީ ފަސޭހަކަމަކަށް ނުވާނެ!" ޝިިންޝިނާގެ އަޑުގައި ވަނީ ނުރައްކާތެރި އަސަރެކެވެ.

އެރޭ ކިޔަވައިގެން ވެސް އަރްޒަންއަށް ލުޔެއް ދެވޭވަރުވީ ވަރަށް އުނދަގުލުންނެވެ. ނިދިފައިވި އަރްޒަންއަށް ބަލައިލަމުން އިރުފާންއަށް ދޫކޮށްލެވުނީ ފުންނޭވާއެކެވެ. އާރާ ޒީޝާން އޭނާގެ މޭގައި ޖައްސާލައިިގެން ސޯފާގައި އިނެވެ. އޭރު ވެސް ޒީޝާން ރޮނީއެވެ. އިރުފާން އިށީނީ އެނދުގައެވެ.

"އަހަންނަށް އޭނާއާ ކުރިމަތި ލެވޭ ވަރަށް ވުރެ މާ ބާރުގަދަ. އޭނާ އެ ދިން އިންޒާރަކީ ކަމުގެ ނުރައްކާތެރިކަން ހާމަވާ ކަމެއް." ފަހަރަކު މީހެއްގެ މޫނަށް ވަކިވަކިން ބަލައިލަމުން އިރުފާން ބުނެލިއެވެ.

"ދެން އިތުރު ގޮތެއް އެބައޮތްތަ؟" އަޔާންއަށް އަވަސް އަވަހަށް ސުވާލުކޮށްލެވުނެވެ.

"އަހަރެންނަށް ގޮތް ހުސްވެއްޖެ. ކުރެވެން ހުރި ހުރިހާކެމެއް ވެސް މި ކުރަނީ. އެކަމަކު އޭތި ވަރަށް ބާރުގަދަ. އަހަރެންނަށް ކުރިމަތި ލެވޭވަރަށް ވުރެ މާ ބޮޑަށް ވެސް ބާރުގަދަ..." އިރުފާން ބުނެލިއެވެ.

"ދެން ކިހިނެއް ހަދާނީ؟" އަޔާންއަށް އަހައިލެވުނެވެ.

"ތަޖުރިބާ ހުރި މީހެއް ބޭނުންވާނެ..." އިރުފާން ބުނެލިއެވެ.

"ކާކު؟ އެކަހަލަ މީހަކު އެބަހުރިތަ؟" އަޔާންއަށް އަވަސް އަވަހަށް ސުވާލުކޮށްލެވުނެވެ.

"އެކަކު އެބަހުރި، އެކަމަކު އޭނާ މިހާރު އެކަހަލަ ކަންތައް ކުރުން ހުއްޓާލައިފައި ހުރީ..." އިރުފާން ބުނެލިއެވެ.

"އެއީ އަހަންނަށް އެނގޭ މީހަކީ... ޓްރައި ކޮށްލެވިދާނެ..." އިރުފާން ބުނެލިއެވެ. އޭނާ ފޯނު ނަގާ އެކުވެރިއަކަށް ގުޅައިލިއެވެ.

"އޭތް. ރާމިޒް އަހަންނަށް ކަމެއް ކޮށްދީބަލަ، ކަލޭގެ ދުރުތާ ތިމާގެ މީހަކާ ބައްދަލުކޮށްލަން ބޭނުންވަނީ... " ރާމިޒް އޭނާގެ ބޭނުން ހާމަކޮށްލިއެވެ.

"އަހަރެން މާދަމާ ގުޅައިލާނަން. އަނެއްކާ ކަމަކުތަ؟"

"އާނ... ބޮޑު ކަމަކު. އަހަންނަށް އޭނާއާ ބައްދަލުކުރެވޭ ގޮތަށް ކަންތައްތައް ހަމަޖައްސާފައި ޚަބަރެއް ވެބަލަ!" އިރުފާން ބުނެލިއެވެ. އެކޮޅުން އާއެކޭ ބުނެ ފޯނު ބޭއްވިއެވެ.

ޖެހިގެން އައި ދުވަހުގެ ހަވީރު އެގެއަށް އަންނަން ބުނުމުން އަރްޒަން ގޮވައިގެން މާލެ ދާން އަޔާންމެން ތައްޔާރުވިއެވެ. އިރުފާންގެ މަސައްކަތުން މިއަދުވެސް އަރްޒަންއަށް އުނދަގޫވީވަރު ކުޑައެވެ. މިވަގުތަށް މަޑުން ހުއްޓަސް އެ ޖިންނީގެ ކުޅިވަރު އަދި ނުނިމޭކަން އިރުފާންއަށް އެނގެއެވެ.

ރާމިޒް ބުނި އެޕާރޓްމެންޓަށް އައިސް އަރްޒަންމެން އެތެރެއަށް ވަނެވެ. ހަތަރު ވަނަ ފަންގިފިލާއަށް ފިއްތާލަމުން ތިން މީހުންވެސް މަޑުކޮށްލިއެވެ. ދޮރު ހުޅުވުމުން އެ ތިން މީހުންވެސް ނިކުމެ ބެލް އަޅައިލިއެވެ. ދޮރު ހުޅުވީ ފިރާޤެވެ. އޭނާ އެތިން ކުދިންނަށް އެތެރެއަށް ވަންނަން ތަން ދެއްކިއެވެ. އޭރު އޭނާއަށް އަރްޒަންއެއް ނުފެނެއެވެ. ލޮލުގައި އައިނު އަޅައިލަމުން އޭނާ ފަހަރަކު މީހަކަށް ވަކިވަކިން ބަލައިލިއެވެ. އަޔާންއާ އިރުފާންއާ ދެމީހުންގެ ފަހަތުން އެތެރެއަށް ވަތް އަރްޒަން ފެނުމާއެކު ފިރާޤުގެ ދެލޯ ބޮޑުވިއެވެ. އޭނާއަށް އައިނު ރަނގަޅުކޮށްލާ އަރްޒަންއަށް ބަލައިލެވުނެވެ. އެއާއެކު އޭނާއަށް ނިތުގައި އަތް ޖައްސައިލެވުނެވެ. ފިރާޤު ހާސްވީވަރު އޭނާގެ މޫނުމަތިން އެކަނިވެސް އެކަން ފެންނަން ފެށިއެވެ.

(ނުނިމޭ)

comment ކޮމެންޓް