ޓެރަރިޒަމް ސްޕޮންސާ ކުރާ ގައުމުތަކުގެ ލިސްޓަށް އެމެރިކާއިން ކިއުބާ އިތުރުކޮށްފި

އެމެރިކާގެ "ޓެރަރިޒަމް ސްޕޮންސާ ކުރާ ގައުމުތަކުގެ ލިސްޓު"ގައި ކިއުބާ އަނެއްކާވެސް ވަނީ ހިމަނާފަ -- ފޮޓޯ: ރޮއިޓާސް

ވޮޝިންޓަން (ޖެނުއަރީ 12): އެމެރިކާގެ "ޓެރަރިޒަމް ސްޕޮންސާ ކުރާ ގައުމުތަކުގެ ލިސްޓު"ގައި ކިއުބާ އަނެއްކާވެސް ހިމަނައިފި އެވެ.

އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މައިކް ޕޮމްޕިއޯ ވިދާޅުވި ގޮތުގައި ޓެރަރިޒަމް ސްޕޮންސާ ކުރާ ގައުމުތަކުގެ ލިސްޓަށް ކިއުބާގެ ނަން އިތުރުކޮށްފައިވާ ސަބަބުތަކުގެ ތެރޭގައި "ޓެރަރިސްޓުންނަށް ހިމާޔަތްދީ، ބައިނަލްއަގުވާމީ ޓެރަރިޒަމްގެ އަމަލުތަކަށް ތަކުރާރުކޮށް އެހީ ފޯރުކޮށްދިނުމާއި" ވެނެޒުއޭލާގެ ރައީސް ނިކޮލަސް މަޑޫރޯއަށް ތާއިދު ކުރުން ހިމެނެ އެވެ.

"މި ފިޔަވަޅާ އެކު އަޅުގަނޑުމެން އަނެއްކާވެސް ކިއުބާގެ ސަރުކާރު ޖަވާބުދާރީކޮށް، ސާފު މެސެޖެއް އެބަ ފޮނުވަން: ކާސްޓްރޯ ސަރުކާރުން އެބަ ޖެހޭ ބައިނަލްއަގުވާމީ ޓެރަރިޒަމަށް އެހީ ފޯރުކޮށް ދިނުމާއި އެމެރިކާގެ އިންސާފު ނަގާލަން މަސައްކަތް ކުރުން ހުއްޓާލަން،" ޕޮމްޕިއޯ ވިދާޅުވި އެވެ.

ކިއުބާއިން ވަނީ އެމެރިކާގެ އެ ނިންމުން ކުށްވެރިކޮށްފަ އެވެ. އަދި ޑިމޮކްރެޓިކް ޕާޓީގެ މެމްބަރުން ވިދާޅުވި ގޮތުގައި އެއީ ދެން އެގައުމުގެ ވެރިކަމަށް ވަޑައިގަންނަވާނެ ޖޯ ބައިޑެންގެ ސަރުކާރަށް ދަތި ކުރުމަށް ރައީސް ޑޮނަލްޑް ޓްރަމްޕާއި ޕޮމްޕިއޯ އެޅުއްވި ފިޔަވަޅެކެވެ.

އެމެރިކާއިން 2015 ވަނަ އަހަރު ކިއުބާއާ އަލުން ޑިޕްލޮމެޓިކް ގުޅުންތައް ގާއިމު ކުރީ ރައީސް ބަރަކް އޮބާމާގެ ވެރިކަމުގައި، ބައިޑެން ނައިބު ރައީސްގެ ގޮތުގައި ހުންނަވަނިކޮށެވެ. އަދި ޓެރަރިޒަމް ސްޕޮންސާ ކުރާ ގައުމުތަކުގެ ލިސްޓުން ކިއުބާ އުނި ކުރީ ވެސް އެ އަހަރު އެވެ.

މި މަހުގެ 20ގައި ވެރިކަމުގެ ހުވާ ކުރައްވާނެ ބައިޑެން ވަނީ އެމެރިކާއާ ކިއުބާގެ ގުޅުން މިހާރަށް ވުރެ ރަނގަޅު ކުރަން ބޭނުންވާ ކަމަށް ވިދާޅުވެފަ އެވެ.

އެމެރިކާ އާއި ކިއުބާގެ ގުޅުން ގޯސްވީ ކިއުބާގެ ވެރިއަކަށް ހުންނެވި، އެމެރިކާއަށް ތާއީދުކުރެއްވި ޑިކްޓޭޓަރު ފުލްގެންސިއޯ ބަޓިސްޓާގެ ވެރިކަން 1959ގައި ރައްޔިތުންގެ އިންގިލާބެއްގައި ވެއްޓުނު ފަހުންނެވެ. އަދި ކިއުބާގައި އޮތް އެމެރިކާގެ ނުފޫޒާ ދެކޮޅު ލީޑަރެއް ކަމަށްވާ ފިޑެލް ކާސްޓްރޯ އެގައުމުގެ ވެރިކަމާ ހަވާލުވެވަޑައިގަތް ފަހުންނެވެ.

comment ކޮމެންޓް