ގައުމު ބިނާކުރަން އެމްއެންޔޫ އިން ހާއްސަ ސްކޮލާޝިޕްތަކެއް

ސްކޮލާޝިޕްތައް އިފްތިތާހުކުރަން ގައުމީ ޔުނިވާސިޓީގައި މިއަދު ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ/ އެޑިއުކޭޝަން މިނިސްޓްރީ

ގައުމު ބިނާކުރުމަށް ރާއްޖޭގެ ގައުމީ ޔުނިވާސިޓީ އިން ހާއްސަ ސްކޮލާޝިޕެއް ދޭން ނިންމައި، ސްކޮލާޝިޕަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

މިއަދު ޔުނިވާސިޓީގައި ބޭއްވި ރަސްމިއްޔާތެއްގައި އެ ސްކޮލާޝިޕްތައް އިފްތިތާހްކޮށްދެއްވީ އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު އަލީ އެވެ.

އެމްއެންޔޫ އިން ބުނީ ސްކޮލާޝިޕްގެ މައިގަނޑު މަގުސަދަކީ މި ވަގުތަށް ގައުމަށް ބޭނުންވާ ކޯސްތަކަށް އިއުލާނުކުރުމުން އެދާއިރާއަކަށް ދަރިވަރުން ނުލިބޭ ހާއްސަ ދާއިރާތަކުން މީހުން ބިނާ ކުރުން ކަމަށެވެ.

އެގޮތުން 2021 ވަނަ އަހަރަށް ހާއްސަކުރެވޭ ދާއިރާތަކަކީ ފަށާ ތައުލީމުގެ މުދައްރިސްކަމާއި، މަސައްކަތްތެރިކަމުގެ ތެރެއިން ވެލްޑިންގ އާއި އެއާ ކޮންޑިޝަނިން އާއި މެރިޓައިމް ދާއިރާ ހިމެނެ އެވެ.

ސްކޮލާޝިޕް ދެނީ އަންޑަގްރެޖުއޭޓް އަދި ސަބްޑިގްރީ (ސެޓްފިކެޓް/ އެޑްވާންސްޑް ސެޓިފިކެޓް/ޑިޕްލޮމާ) ލެވެލްގެ ކޯސްތަކުގައި ކިޔެވުމަށެވެ.

ސްކޮލަޝިޕްގައި ކިޔަވާ ކޯހުގެ ޓިއުޝަން ފީ އާއި ކޮންމެ މަހަކު އެލަވަންސްގެ ގޮތުގައި 5000 ރުފިޔާ، ފޮތާއި އެހެނިހެން ތަކެތި ގަތުމަށް ކޮންމެ ޓާމަކު 5000 ރުފިޔާ އަދި ސްކޮލާޝިޕް ލިބޭ ފުރަތަމަ މަހު "އެސްޓެބްލިޝްމަންޓް" ގްރާންޓެއްގެ ގޮތުގައި 5000 ރުފިޔާ ދިނުމަށް ވަނީ ހަމަޖެހިފަ އެވެ.

ބެޗްލާ އޮފް ޕްރައިމަރީ އެޑިޔުކޭޝަންގެ ސްކޮލާޝިޕްތައް އަމާޒު ކޮށްފައިވަނީ ޕްރައިމަރީ ޓީޗަރުން މަދު، 60 ރަށަކުން ހޮވާލެވޭ 30 ފަރާތަކަށެވެ.

ފަށާ ތައުލީމުގެ މުދައްރިސުން ތަމްރީން ކުރުމަށް ޔުނިވާސިޓީން ކަނޑައެޅީ 15 ސްކޮލާޝިޕް އެވެ. ނަމަވެސް އެޑިއުކޭޝަން ޑިވެލޮޕްމަންޓް ފަންޑުން ހަރަދުކުރާގޮތަށް، އެޑިއުކޭޝަން މިނިސްޓްރީ އިން ވަނީ 15 ސްކޮލާޝިޕް އިތުރުކޮށްދީފަ އެވެ.

ސެޓިފިކެޓް ތިނެއްގެ އެއާކޮންޑިޝަނިން އަދި ސެޓިފިކެޓް ތިނެއްގެ ވެލްޑިން އިން ދިނުމަށް ހަމަޖެހިފައި ވަނީ 12 ފުރުސަތެވެ. ހުރިހާ ކޯސްތަކަށް ވެސް ހޭދަވާނީ ފުލްޓައިމް ކޯހެއްގެ މުއްދަތެވެ.

އެމްއެންޔޫ އިން ބުނީ ކޯސްތަކަށް ކުރިމަތިލުމުގެ ފެންވަރު ކަމުގައި ބަލާނީ އެކޯހަކަށް ވަނުމަށް ކަނޑައެޅިފައިވާ ޝަރުތުތައް ކަމަށެވެ. އަދި ދަރިވަރުން ހޮވާނީ ކޯހަކަށް ކުރިމަތިލާ ދަރިވަރުންގެ ފެންވަރަށް ނުވަތަ އެކެޑެމިކް މެރިޓަށް ބަލައިގެން ކަމަށެވެ.

ސްކޮލާޝިޕްގެ ހާއްސަ ޝަރުތުތަކުގެ ތެރޭގައި، ސްކޮލާޝިޕަށް ކުރިމަތިލާ ކޯހާ އެއްފެންވަރުގެ ނުވަތަ އެއަށްވުރެ މަތީ ފެންވަރުގެ ސަނަދެއް ހާސިލުކޮށްފައި ނުވުމާއި، އާމްދަނީ ލިބޭ، ހަފުތާއަކު 20 ގަޑިއިރަށް ވުރެ ގިނައިރު އުޅެންޖެހޭ އެއްވެސް ވަޒީފާއެއް އަދާނުކުރުން ހިމެނެ އެވެ.

ސްކޮލާޝިޕްގެ އާންމު ޝަރުތުތަކުގެ ތެރޭގައި ހިމެނެނީ ދިވެހި ރައްޔިތެއްކަމުގައި ވުމާއި، ގައުމީ ޔުނިވާސިޓީގެ ފުލްޓައިމް ދަރިވަރެއްގެ ގޮތުގައި ކިޔެވުމަށް އެއްބަސްވުމާއި، ކިޔެވުމަށް އެހެން ސްކޮލާޝިޕެއް ލިބިފައި ނުވުމާއި، ސްކޮލާޝިޕަށް އެދޭ ކޯހުގެ ކިޔެވުން ފެށުމަށް ކަނޑައެޅިފައިވާ މުއްދަތުގައި ކިޔެވުން ފެށުމަށް ހުރަހެއް ނެތުމާއި،
މުދައްރިސުންނަށް އަމާޒުކުރެވޭ ރަށްތަކުގެ ވަޒަންވެރިއެއް ކަމަށްވުމާއި އަދި ދާއިމީ ވަޒީފާއެއް އަދާ ކުރަމުން ނުދިއުން ހިމެނެ އެވެ.

ސްކޮލާޝިޕް ދޭ އެއްވެސް ދަރިވަރަކު އޭނާގެ ކޯސް ފަސް ކޮށްފިނަމަ ސްކޮލާޝިޕް ގެއްލޭނެ އެވެ. އަދި ދަރިވަރު ކިޔަވާ ކޯސް ބަދަލުކުރިޔަސް ސްކޮލާޝިޕް ގައި ފައިސާ ދިނުން ހުއްޓޭނެ އެވެ.

ކޯސް ނިމުމުގެ ކުރިން އެއްވެސް ސަބަބަކާ ހުރެ، ކިޔެވުން މެދުކަނޑާލައިފިނަމަ، ނުވަތަ ކިޔަވާ މާއްދާތައް ކަނޑައެޅިފައިވާ މާއްދާތަކަށް ވުރެ މަދުކޮށްފިނަމަ، ސްކޮލާޝިޕްގެ ފައިސާ ދިނުން ހުއްޓައިލެވޭނެ ކަމަށާއި ކިޔަވާ ކޯހުގެ މާއްދާތަކަށް ހާޒިރުވުން 80 ޕަސެންޓަށް ވުރެ މަދުވެއްޖެނަމަ، ސްކޮލާޝިޕް ދިނުން ހުއްޓައިލެވޭނެ ކަމަށް އެމްއެންޔޫ އިން ބުންޏެވެ.

ސްކޮލާޝިޕްތަކަށް އެދި ހުށަހަޅާނީ އޮންލައިންކޮށެވެ. ސްކޮލާޝިޕަށް އެދި ހުށަހެޅުމުގެ ފަހު ތާރީހަކީ 18 ފެބުރުއަރީ ވާ ބުރާސްފަތި ދުވަހުގެ މެންދުރު 2:00ގެ ނިޔަލަށެވެ. ސްކޮލާޝިޕަށް ދަރިވަރުން ހޮވާނީ 2021 ވަނަ އަހަރުގެ ފުރަތަމަ ޓާމުގަ އެވެ.

comment ކޮމެންޓް