ފްރާންސްގައި ރާއްޖެ އިޝްތިހާރު ކުރަން ޑިޖިޓަލް ކެމްޕެއިނެއް

އެއާ ފްރާންސްގެ ކްރޫ ވީއައިއޭގައި --- ސަން ފޮޓޯ: އިފާޒް

ލޯ ސީޒަނުގައިވެސް ރާއްޖޭގެ ފަތުރުވެރިކަން ޕްރޮމޯޓުކުރުމަށް ވިޒިޓް މޯލްޑިވްސް އިން ފްރާންސް ގައި ޑިޖިޓަލް މާކެޓިން ކެމްޕެއިނެއް ފަށައިފިއެވެ.

ފްރާންސްގެ އެންމެ ބޮޑު އެއް އޮންލައިން ޓްރެވަލް އެޖެންސީ، އޮޑިގެއޯ އާ ގުޅިގެން ފެށި މި ކެމްޕެއިން ޖެނުއަރީ ދޭކުން މާޗު ހަތަކާއި ހަމައަށް ކުރިއަށް ގެންދާނެއެވެ.

މިއީ ފްރާންސްގައި ރާއްޖެެ އިޝްތިހާރުކޮށް ލޯ ސީޒަނުގައިވެސް ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އިތުރު ކުރުމަށް ފެށި ކެމްޕެއިނެއް ކަމަށް ވިޒިޓް މޯލްޑިވްސް އިން ބުންޏެވެ.

މި ކެމްޕެއިނުގައި، ރާއްޖެެ އަކީ މި ހާލަތުގައިވެސް ޒިޔާރަތްކުރަން އެންމެ ރައްކާތެރި އެއް މަންޒިލުގެ ގޮތުގައި ޕްރޮމޯޓު ކުރާނެއެވެ.

ވިޒިޓް މޯލްޑިވްސް އިން ބުނީ ފްރާންސް މާކެޓުގައި ރާއްޖެ އިޝްތިހާރު ކުރުމަށް މި އަހަރު ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދާނެ ކަމަށެވެ.

އެގޮތުން ފޭމް ޓްރިޕްތަކާއި، މީޑިއާ ޓްރިޕްތަކުގެ އިތުރުން އޮންލައިން އަދި ޓުއާ އޮޕަރޭޓަރުންނާއެކު ކެމްޕެއިނުތައް ކުރިއަށް ގެންދާނެ ކަމަށާއި އައިއެލްޓީއެމް ވޯލްޑު ޓުއާގައި ބައިވެރިވެ ރާއްޖެ އިޝްތިހާރު ކުރުމުގެ ހަރަކާތްތައް ހިންގާނެ ކަމަށް ވިޒިޓް މޯލްޑިވްސް އިން ބުންޏެވެ.

ރާއްޖޭގެ ޓޫރިޒަމްގައި ފްރާންސް އަކީ މުހިއްމު މާކެޓެކެވެ. މިދިޔަ އަހަރު އެ ގައުމުން 28,031 ޓޫރިސްތުން ރާއްޖެ އައިސްފައި ވެއެވެ. މި އަހަރުގެ ފުތަރަމަ 10 ދުވަހު ފްރާންސްގެ 1,106 ޓޫރިސްތުން ރާއްޖެ އައިސްފައިވެއެވެ.

comment ކޮމެންޓް