މެއިންޓެނެންސް ގަވައިދާ ހިލާފުވެގެން ފްލައިން ސްކޫލް ޖޫރިމަނާކުރީ 35،000 ރުފިޔާއިން

އޭއޭއޭގައި ބޭނުންކުރާ ބޯޓުތަކެއް - ސަން ފޮޓޯ/ ފަޔާޒު މޫސާ

މެއިންޓެނަންސް ދާއިރާގެ ގަވައިދުތަކާ ހިލާފުވެގެން އައްޑޫ ސިޓީ ގައި ހިންގާ އޭޝިއަން އެކެޑެމީ އޮފް އެރޮނޮޓިކްސް (އޭއޭއޭ) ޖޫރިމަނާ ކުރީ 35،000 ރުފިޔާ އިން ކަމަށް ސިވިލް އޭވިއޭޝަން އޮތޯރިޓީ އިން ބުނެފި އެވެ.

އެ އޮތޯރިޓީގެ އޮފިޝަލަކު ވިދާޅުވީ އެންފޯސްމެންޓް ގަަވައިދުގައިވާ ގޮތުން އޭއޭއޭ މިހާރު ޖޫރިމަނާ ކޮށްފައިވާ ކަމަށެވެ.

ގާނޫނުގެ ދަށުން ޖޫރިމަނާ ކުރެވޭނެ އެންމެ ބޮޑު އަދަދަކީ 100،000 ރުފިޔާ އެވެ.

ސިވިލޭވިއޭޝަނުން ބުނީ އެންމެ ފުރަތަމަ ކަމެއް ރަނގަޅު ކުރަން އެންގުމަަށްފަހު ޖޫރިމަނާ ކުރާނެ އަދަދާއި، އެކަން ތަކުރާރު ކުރާނަމަ ދެން ޖޫރިމަނާ ކުރާއިރު ދަރަޖައިގެ ތަފާތު އަންނާނެ ކަމަށެވެ.

އެގޮތުން އޭއޭއޭ މިފަހަރު ޖޫރިމަނާކުރީ 35،000 ރުފިޔާއިންނެވެ.

އޭއޭއޭ ޖޫރިމަނާކޮށް އެތަނުގެ ގިނަ ކަންތައްތަކެއް އިސްލާހު ކުރަން ސިވިލް އޭވިއޭޝަނާއި ޓްރާންސްޕޯޓު އޮތޯރިޓީ އަދި ހަޔާ އެޑިއުކޭޝަން މިނިސްޓްރީ އިން ވަނީ އެތަނަށް އަންގައިފަ އެވެ. އަދި އެތަނުގެ ކަންތައް ހިނގާގޮތް ބަލާ ދަރިވަރުންނަށް ދިމާވާ ދަތިތައް ހައްލު ކުރުމުގައި ސްކޫލުން އަމަލުކުރާ ގޮތް ބެލުމަށް ސިވިލް އޭވިއޭޝަނުގެ އިންސްޕެކްޓަރަކު ވެސް ވަނީ އޭއޭއޭ ގައި ހަރަކާތްތެރިވެފަ އެވެ.

އެގޮތުން އިންސްޕެކްޓަރުގެ ފުރަތަމަ ދަތުރުގައި މިދިޔަ މަހުގެ 24 އިން 28 އަށް އެ ތަނުގައި ހަރަކާތްތެރިވި ކަމަށާއި އޭގެ ފަހުން މި ޖެނުއަރީ މަހުގެ ފަހަކުން 10 އަށް އޭއޭއޭގައި އިންސްޕެކްޓަރަކު ހަރަކާތްތެރިވި ކަމަށް ސިވިލް އޭވިއޭޝަނުން ބުންޏެވެ.

"އިންސްޕެކްޓަރު ބަލާނެ ކަންތަކުގެ ތެރޭގައި އޭއޭއޭ އަށް ރަނގަޅު ކުރަން އެންގި ކަންތައް، ޓައިމްލައިން އާއި އެއްގޮތަށް ކުރޭތޯ، ދަރިވަރުންގެ ޝަކުވާތަކަށް އޭއޭއޭ އިން ރެސްޕޮންޑު ކުރާގޮތް، މިކަންތައް ބަލާނެ،" ސިވިލް އޭވިއޭޝަނުގެ އޮފިޝަލް ވިދާޅުވި އެވެ.

ފްލައިން ސްކޫލުގައި ކިޔަވާ ދަރިވަރުންގެ ކޯސް ނުނިމި ދިގުލައިގެންދާ މައްސަލަ އާއި ދަރިވަރުންނާއި މެދު ތަފާތުކުރުން ގެންގުޅޭ މައްސަލާގައި ހައްލެއް ހޯދފައިނުވާތާ އެތައް ދުވަހެއް ވެއްޖެއެވެ.

ދަރިވަރުންގެ އަތުން ޑޮލަރުން ފީ ނަގާ މައްސަލަ ބޮޑުވެ އެކަން ރަނގަޅު ކުރުމަށް އޭއޭއޭ އަށް ވަނީ އަންގައިފައެވެ. ދަރިވަރުންގެ ތަމްރީނުތައް ޝެޑިއުލް ކުރެވެމުންދާ ގޮތާއި ތާވަލް އާންމު ކުރަން އަންގާފައިވާއިރު ދަރިވަރުންގެ ފްލައިން އަވާސް ހަމަކުރުމަށް ބޭނުންވާ އަދަދަށް މަތިންދާބޯޓުތައް ފްލައިން ކޮންޑިޝަން އަށް ގެންދިޔުމަށްވެސް ވަނީ އަންގައިފައެވެ.

އެކަށީގެންވާ ޓައިމްލައިނެއްގައި މަތިންދާބޯޓުތައް ސާވިސަބްލް ނުކުރެވޭ ހާލަތެއް ދިމާވެއްޖެނަމަވެސް، ދަރިވަރުންގެ ތަންރީނުތަކަށް ބޭނުންވާ މިންވަަރަށް ސްކޫލުން ޓެމްޕަރަރީކޮށް ލީޒްކޮށްގެންވިޔަސް ނުވަތަ އެހެން އިންތިޒާމެއްގެ ދަށުން ވިޔަސް، ކޮމްޕެލެކްސް މަތިންދާބޯޓު ގެންނަން ޖެހޭނެކަމަށްވެސް ވަނީ އަންގައިފައެވެ

އޭއޭއޭގައި ކިޔެވުމަށް ހުރަސްއެޅިފައިވާ ކުދިންނަށް ބޭރުގެ ސްކޫލަކުން ކޯސް ފިރިހަމަ ކުރެވޭނެ އިންތިޒާމް ހަމަޖައްސާނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ އާއި ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. ހަސަން އިބްރާހިމް ވަނީ ދާދިފަހުން ވިދާޅުވެފައެވެ.

comment ކޮމެންޓް