ދަރިވަރުންނަށް އާ ފެށުމެއް، ހުރިހާ ކުދިން އަލުން ސްކޫލަށް

މިއަދު ވަނީ ދެވަނަ ޓާމުގެ ކިޔެވުން ފަށާފައި. ނިއު ނޯމަލްގެ އުސޫލުތަކާ އެއްގޮތަށް، ބޭބީ ނާސަރީ އިން ފެށިގެން ގްރޭޑް 12 އާ ހަމައަށް ހުރިހާ ކުދިން ސްކޫލަށް ދާނެ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ދިރާސީ އާ އަހަރުގެ ދެވަނަ ޓާމުގެ ކިޔެވުން ފަށައި، ގާތްގަނޑަކަށް އަހަރެއްހާ ދުވަސް ފަހުން ހުރިހާ ގްރޭޑެއްގެ ދަރިވަރުން ސްކޫލަށް ހާޒިރުވާން ފަށައިފި އެވެ.

ރާއްޖެއިން ކޮވިޑް19 ފެނުމާ ގުޅިގެން 2020 މާޗު މަހުން ފެށިގެން ޖޫން މަހުގެ ނިޔަލަށް ސްކޫލުތައް ބަންދުކޮށްފައި އޮތުމަށްފަހު ހުޅުވާލީ ޖުލައި މަހު އެވެ. ނަމަވެސް އޭރު މާލެ ސިޓީގައި ސްކޫލަށް ގެންގޮސްގެން ކިޔަވައި ދީފައިވަނީ ގްރޭޑު 7-12 އިގެ ދަރިވަރުންނަށެވެ.

ނަމަވެސް މިއަދު ވަނީ ބޭބީ ނާސަރީ އިން ފެށިގެން ގްރޭޑް 12 އާ ހަމައަށް ކިޔެވުން ފަށައިފަ އެވެ. އަހަރުގެ ފުރަތަމަ ޓާމަށްފަހު ކުދިން ޗުއްޓީ އަށް ދިޔައީ ޑިސެމްބަރު ތިންވަނަ ދުވަހު އެވެ. ޓާމު ނިމޭނީ ޖޫން 24 ވަނަ ދުވަހު އެވެ.

ބިރުނުގަނޭ، ސްކޫލުތަކަކީ ރައްކާތެރި މާހައުލެއްކަން ޔަގީންކޮށްދޭނެ: މިނިސްޓަރު

ސްކޫލުތައް ހުޅުވުމާ ގުޅިގެން އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު އަލީ ވިދާޅުވީ ވޭތުވެދިޔަ އަހަރަކީ ވަރަށް ދަތި އަހަރެއް ނަމަވެސް ކުދިންގެ ކިޔެވުން މެދުނުކެނޑި ކުރިއަށް ގެންދިއުމަށް ޓީޗަރުންނާއި، ބެލެނިވެރިން އަދި ސްކޫލުތަކުގެ އިސްވެރިން ބުރަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށެވެ.

އަހަރުގެ ދެވަނަ ޓާމު ފެށިގެން ދާއިރު، ހުރިހާ ކުދިންނަށް ވެސް ސްކޫލަށް ގޮސް ކިޔެވުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް އުންމީދުކުރައްވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"އަޅުގަނޑަށް އެނގޭ ހުރިހާ ކުދިން ވެސް ކުޑަކޮށް ބިރުގެންފާނެ މިފަހަރު ސްކޫލަށް ހާޒިރުވެ ކިޔެވުމަށް. އެކަމަކު އަޅުގަނޑު ދަންނަވާލަން އޮތީ ކަންބޮޑު ނުވާށޭ. އަޅުގަނޑުމެން ސްކޫލުތަކުގެ ތައްޔާރީތައް ވެފަިއމިވަނީ ތިކުދިންނަށް ސްކޫލުތަކުގެ މާހައުލަކީ ރައްކާތެރި މާހައުލަކަށް ހެދުމަށްޓަކައޭ،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ އެކަން ކަށަވަރު ކުރުމަށްޓަކައި ކުރަންޖެހޭ ހުރިހާ ކަމެއް ސްކޫލުތަކުގެ ވެރިންނާއި މުދައްރިސުން ކުރަމުން އަންނަ ކަމަށެވެ.

ހުރިހާ ބެލެނިވެރިންނަށް މިނިސްޓަރު ވިދާޅުވީ ކުދިންނަށް ސްކޫލަށް ދިއުމުގެ ފުރުސަތު ނުލިބި ގޭގައި ތިބުމަކީ އެކުދިންނަށް ވަރަށް ބޮޑެތި ގެއްލުންތަކެއް ވާނެ ކަމެއް ކަމަށެވެ.

"އެހެންވީމަ ދަރިވަރުން ސްކޫލަށް ފޮނުއްވައިދެއްވާށެ. އަޅުގަނޑުމެން ޔަގީންކަން އަރުވަމޭ ސްކޫލުތަކުގެ މާހައުލަކީ ރައްކާތެރި ތަނަކަށް ހަދައިދޭނެކަން،" މިނިސްޓަރު ވިދާޅުވި އެވެ.

އެގޮތުން ސާފުތާހިރުކަމަށް ހާއްސަ ސަމާލުކަމެއް ދީގެން ހުރިހާ އިންތިޒާމުތަކެއް ވެސް ހަމަޖައްސާފައި ވާނެކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މިއަދު ސްކޫލުތައް ހުޅުވި އިރު، ހުރިހާ ސްކޫލެއްގައި ވެސް އަމަލުކުރާނީ ނިއުނޯމަލްގެ އުސޫލުތަކަށެވެ. ނިއު ނޯމަލް ގައި ކިޔެވުން ކުރިއަށް ގެންދާނެ އުސޫލު އެޑިއުކޭޝަނުން ވަނީ ސްކޫލުތަކާ ހިއްސާ ކޮށްފަ އެވެ.

ނިއު ނޯމަލް ގައިޑްލައިންގައި ބުނާގޮތުން ސްކޫލުތަކުގައި ފޭސް ޓު ފޭސްކޮށް ކިޔަވައިދެން ފަށާއިރު ތިން ކެޓަގަރީ އަކަށް ވަނީ ބަހާލައިފަ އެވެ. ސްކޫލުގައި ކިޔަވާ ކުދިންގެ ނިސްބަތިން އެގޮތަށް ބަހާލާފައިވާއިރު ސިންގަލް ސެޝަން އަށް، ހަފްތާއަކު ފަސް ދުވަހު ކުދިން ސްކޫލަށް ދާން ޖެހޭ ސްކޫލުތަކާއި، ހަފްތާ އަކު ފަސް ދުވަހު ދެ ސެޝަަނަށް ކިޔަވައިދޭ ސްކޫލުތަކާއި، ކުދިންގެ ނިސްބަތުން ކޮންމެ ދުވަހަކު ސްކޫލަށް ގޮސް ކިޔަވައިދޭނެ ޖާގަ ނެތްނަމަ ދެދުވަހުން އެއް ދުވަހު ކުދިން ސްކޫލަށް ގޮސްގެން ކިޔަވައިދޭނެ އިންތިޒާމު ހަމަޖައްސަންޖެހޭ ސްކޫލުތައް ހުރެ އެވެ. އެފަދަ ސްކޫލުތަކުގައި ކުދިން ސްކޫލަށް ގެންގޮސްގެން އަދި އޮންލައިންކޮށްވެސް ކިޔަވައިދޭން ޖެހެ އެވެ.

ކީސްޓޭޖު އެކަކުން ފަހަކަށް ކުދިން ސްކޫލުގައި ހަތަރު ގަޑިއިރާ ފަސް ގަޑިއިރާ ދެމެދުގެ ވަގުތެއް ހޭދަކުރަން ޖެހޭނެއެވެ. ފައުންޑޭޝަން ސްޓޭޖުގެ ދަރިވަރުން ހޭދަކުރަން ޖެހޭނީ ދެ ގަޑިއިރެވެ. އަދި ސެޝަންގެ އެއް ގަޑިއިރު ކުދިންގެ ޓެމްޕަރޭޗާ ބަލައި، އަތްދޮވެ، ފިޒިކަލް އެކްޓިވިޓީސް ތަކަށް ހާއްސަ ކުރަން ޖެހެއެވެ.

މިއަދު ދެވަނަ ޓާމުގެ ކިޔެވުން ފެށި ނަމަވެސް، މޮނިޓަރިންގެ ހާލަތުގައި އޮތް ގއ. ދެއްވަދޫ، ލ. ފޮނަދޫ އަދި ގަމުގެ ސްކޫލުތައް ނުހުޅުވާނެ އެވެ.

comment ކޮމެންޓް