2040 ގެ ތަސައްވުރާ ގުޅޭގޮތުން ކުޑަކުދިންތަކެއް ލިޔުނު ދެ ފޮތެއް ރައީސް އަށް

2040 ގެ ތަސައްވުރާ ގުޅޭގޮތުން ކުޑަކުދިންތަކެއް ލިޔެފައިވާ ދެ ފޮތެއް ރައީސުލްޖުމްހޫރިއްޔާއަށް ހަދިޔާކުރުން -- ފޮޓޯ/ ރައީސް އޮފީސް

'ވިޝަން 2040' އަދި '2040 ވަޓް ވުޑް އިޓް ބީ ލައިކް؟' ގެ ނަމުގައި 2040 ގެ ތަސައްވުރާ ގުޅޭގޮތުން ދިވެހި ކުޑަކުދިންތަކެއް ލިޔެފައިވާ ދެ ފޮތެއް ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ހަދިޔާކޮށްފި އެވެ.

ރައީސަށް އެ ފޮތްތައް ހަދިޔާކޮށްފައި ވަނީ އުގައިލް ފައުންޑޭޝަނާއި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ފަރާތުންނެވެ.

އެ ދެ ފޮތް އެ މަނިކުފާނަށް ހަދިޔާކޮށްފައި ވަނީ އެކަމަށްޓަކައި މިއަދު ހެނދުނު ރައީސް އޮފީހުގައި ބޭއްވި ހާއްސަ ހަފުލާއެއްގަ އެވެ.

އެ ދެ ފޮތަކީ ޕްރޮފެސަރ ހަސަން އުގައިލްގެ އުގައިލް ފައުންޑޭޝަންގެ ކިޑްސް ސާކަލްއިން އެކުލަވައިލާ ތައްޔާރުކޮށްފައިވާ ދެ ފޮތެވެ. އޭގެތެރެއިން 'ވިޝަން 2040' ފޮތަކީ ހަތް އަހަރާއި 10 އަހަރާ ދެމެދުގެ ކުޑަކުދިންތަކެއް، އެ ކުދިން 2040 ވަނަ އަހަރު ދުނިޔެ އޮންނާނެކަމަށް ތަސައްވުރު ކުރާ ގޮތާ ގުޅޭގޮތުން ލިޔެފައިވާ ފޮތެކެވެ.

އަދި '2040 ވަޓް ވުޑް އިޓް ބީ ލައިކް؟' ފޮތަކީ 11 އަހަރާއި 14 އަހަރާ ދެމެދުގެ ކުޑަކުދިންތަކެއް 2040 ވަނަ އަހަރުގެ ތަސައްވުރާ ގުޅޭގޮތުން އެކުލަވައިލާފައިވާ ފޮތެކެވެ.

އެގޮތުން މީގެ 20 އަހަރު ފަހުން ދުނިޔޭގެ ކަންކަން އޮންނާނެގޮތުގެ ތަސައްވުރާއި، މީހުން އަދާކުރާނެ ވަޒީފާތަކާއި، ޗުއްޓީ ހޭދަކުރުމަށް ޖައްވަށް ދަތުރުފަތުރު ކުރުމާއި، އާ ހޯދުންތަކާއި، އެފަދަ އެތައްކަމެއް އެ ކުދިންގެ ތަސައްވުރުގައި ހުރިގޮތް އެ ދެ ފޮތުގައި ލިޔުމުންނާއި ކުރެހުމުގެ ޒަރީއާއިން ހިމަނާފައިވެއެވެ.

ނަންދިނުމުން ފެށިގެންގޮސް ބަނޑޭރިގަނޑާއި ފޮތުގެ ހުރިހާ ކޮންޓެންޓެއް ތައްޔާރުކޮށްފައި ވަނީ ކުޑަކުދިންނެވެ. އެ ދެ ފޮތް ތައްޔާރުކުރުމުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުން 400 އަށް ވުރެ ގިނަ ކުދިން އޮންލައިންކޮށް ބައިވެރިވެފައިވެ އެވެ.

comment ކޮމެންޓް