ގުޅީފަޅު އަދި ތިލަފުށިން ބިން ދޫކުރުން މެދުކަނޑާލައިފި

އެޗްޑީސީ-- ފައިލް ފޮޓޯ

ތިލަފުށި އަދި ގުޅިފަޅުން ބިން ދޫކުރުން ވަގުތީގޮތުން މެދުކަނޑާލުމަށް ނިންމައިފި އެވެ.

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް (އެޗްޑީސީ) އިން ނެރުނު ބަޔާނެއްގައި ބުނީ، އެ ކޯޕަރޭޝަނާއި ގްރޭޓާ މާލޭ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑް (ޖީއެމްއައިޒެޑްއެލް) އެއްކޮށްލުމާ ގުޅިގެން، ހުޅުމާލެ ތިލަފުށި އަދި ގުޅީފަޅު ހިމެނޭގޮތަށް ގްރޭޓާ މާލޭ އޭރިއާ ތަރައްގީކުރަން ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ސަރުކާރުގެ މަޝްވަރާއާއި ލަފާގެ މަތިން ކުރަމުން އަންނަ ކަމަށެވެ.

އެގޮތުން، ތިލަފުށި އަދި ގުޅިފަޅުން ބިންދޫކުރުމާއި ބިން ބޭނުންކުރުމަށް އެކުލަވާލާފައިވާ އުސޫލުތަކާއި ގަވާއިދުތައް މުރާޖައާކުރުމުގެ މަސައްކަތް ކުރިއަށް ދާކަމަށް ބަޔާނުގައިވެ އެވެ.

އޭގެ އިތުރުން މިވަގުތު ދޫކޮށްފައިވާ ބިންތަކުގެ މައްސަލަތައް ހައްލުކުރުމުގެ މަސައްކަތް ވެސް ކުރިއަށް ދާކަމަށް އެޗްޑީސީން ބުންޏެވެ.

އެހެންކަމުން ވަގުތީގޮތުންނާއި އެހެނިހެން ބޭނުންތަކަށް ތިލަފުށި އަދި ގުޅިފަޅުން ބިން ދޫކުރުން ވަގުތީގޮތުން މެދުކަނޑާލުމަށް އެ ކޯޕަރޭޝަނުން ނިންމާފައިވާކަމަށް ބަޔާނުގައިވެ އެވެ.

އެޗްޑީސީން ބުނީ ވަގުތީ ގޮތުންނާއި ދާއިމީގޮތުން އިތުރަށް ދޫކުރެވެން ހުރި ބިންތައް ދޫކުރުމަށް ކުރަންޖެހޭ މަސައްކަތްތައްކޮށް ނިމުމުން، އެ ބިންތަކަށް އެދުމުގެ ފުރުސަތު ހުޅުވާލާނެ ކަމަށެވެ.

ޖީއެމްއައިޒެޑްއެލް އަކީ ރައީސް ޔާމީންގެ ސަރުކާރުގައި ތިލަފުއްޓާއި ގުޅީފަޅު މެނޭޖްކުރުމަށް އުފެއްދި ކުންފުންޏެކެވެ. އަދި އެޗްޑީސީއަކީ ހަމައެކަނި ހުޅުމާލެ މެނޭޖް ކުރާ ކުންފުންޏެކެވެ. ނަމަވެސް މި ސަރުކާރުން ވަނީ ދެ ކުންފުނި އެއްކޮށްލައިފަ އެވެ.

އަދި ޖީއެމްއައިޒެޑްއެލްގެ އެންމެހާ އެސެޓްސް، ލައިބިލިޓީސް، މުއައްޒަފުން އަދި ހުރިހާ އެއްބަސްވުންތަކާއި ކުންފުނީގެ މައްޗަށް އޮތް އެންމެހާ އިލްތިޒާމްތަކާއި ޒިންމާތައް އެޗްޑީސީއަށް ބަދަލުކުރުމަށް ވަނީ ނިންމައިފަ އެވެ.

އެހެންކަމުން، އެ ނިންމުމާ ގުޅިގެން އެކުންފުންޏާއެކު ހެދިފައިވާ އެއްބަސްވުންތަކަށާއި ލިޔެކިޔުންތަކަށް ގެންނަންޖެހޭ އެންމެހާ ބަދަލުތައް ގެނައުމަށް އަންނަނީ މަސައްކަތް ކުރަމުންނެވެ.

comment ކޮމެންޓް