ބެންޒެމާ ބްލެކްމެއިލް ކުރި މައްސަލަ އަލުން ހިލި، އަޑުއެހުންތައް ކުރިއަށް

ރެއާލް މެޑްރިޑްގެ ފޯވާޑް ކަރިމް ބެންޒެމާ-- ފޮޓޯ: އޭޕީ

ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ ފްރާންސްގެ ފޯވާޑް ކަރީމް ބެންޒެމާ، އޭނާގެ ކުރީގެ ގައުމީ ޓީމުގެ ޓީމްމޭޓް މެތިއު ވަލްބުއެނާއަށް ބްލެކްމެއިލް ކުރި މައްސަލަ އަލުން ފެންމަތިވެ، އަޑުއެހުންތައް ފަށައިފި އެވެ.

ރެއާލްއާ އެކު ގިނަ ކާމިޔާބީތަކެއް ހޯދައި، ރެކޯޑްތަކެއް ވެސް މުގުރާލާފައިވާ ބެންޒެމާ 2015 ވަނަ އަހަރު ފްރާންސްގެ ގައުމީ ޓީމުގެ ސްކޮޑުން ބާކީ ކުރީ ބްލެކް މެއިލް ކުރިކަމުގެ ތުހުމަތާ ގުޅިގެން ކޯޓުން މައްސަލަ ބަލަން ފެށުމުންނެވެ. ބެންޒެމާ ގައުމީ ޓީމުން ސަސްޕެންޑް ކުރީ ފްރާންސްގެ ގައުމީ ޓީމުގައި ހިމެނޭ މެތިއު ވެލްބުއެނާ، ބްލެކްމެއިލް ކުރިކަމުގެ ތުހުމަތުގައި އެ ގައުމުގެ ފުލުހުން ބަލަމުން އަންނަ މައްސަލައަކާ ގުޅިގެންނެވެ.

ފްރާންސްގެ ފުޓްބޯޅަ އިދާރާއިންން އޭރު ބެންޒެމާ ސަސްޕެންޑް ކުރުމަށްފަހު ބުނެފައި ވަނީ ކޯޓުން ބެންޒެމާގެ މައްޗަށް ނެރެފައިވާ ބައެއް އަމުރުތަކާއި ގުޅިގެން އޭނާ ސަސްޕެންޑްކޮށްފައިވާ ކަމަށާއި އެ ސަސްޕެންޝަން އުވާލާނީ އެ އަމުރުތައް ބާތިލް ކުރުމުން ކަމަށެވެ.

ބްލެކްމެއިލް ކުރި މައްސަލަ ބަލައި ނިމެންދެން ބެންޒެމާ އާއި ވެލްބުއާނާ ބައްދަލު ކުރުން ކޯޓުން މަނާ ކުރުމުން، ބެންޒަމާގެ ފަރާތުން އެ މައްސަލަ ވަނީ ކޯޓުގައި އިސްތިއުނާފުކޮށްފަ އެވެ. ބެންޒެމާ ހުށަހެޅި ނުކުތާތަކަށް ޝަރީއަތް ހިންގުމަށްފަހު ކޯޓުން އޭރު އަމުރުކޮށްފައި ވަނީ ބެންޒެމާއާ އެއްކޮޅަށެވެ. އެހެން ނަމަވެސް ބެންޒެމާ ފަހުން ވަނީ އަމިއްލައަށް ގައުމީ ޓީމަށް ނުކުޅެން ނިންމާފަ އެވެ.

މި މައްސަލައިގައި ވަކި ގޮތެއް ނުނިމި އޮންނަތާ އަހަރުތަކެއް ފަހުން އަނެއްކާވެސް މައްސަލައިގެ އަޑުއެހުންތައް ވަނީ ފަށައިފަ އެވެ. ފްރާންސްގެ ކޯޓަކުން މައްސަލައިގެ އަޑުއެހުމެއް ބާއްވަން ނިންމާފައިވާކަން ހާމަކޮށްފައިވާ އިރު، ބެންޒެމާއާ އެކު އިތުރު ހަތަރު ކުޅުންތެރިއެއް އެ މައްސަލައިގައި ހިމެނޭ ކަމަށް ފްރާންސްގެ ރިޕޯޓްތަކުން ވަނީ ބުނެފަ އެވެ.

"މި މައްސަލަ އަލުން ބަލަން ފެށުމަކީ އެއްވެސް ގޮތަކަށް އިންސާފުވެރި ކަމެއް ނޫން. މިއީ ވަރަށް ސާފުކޮށް ކަން ނިމިފައި އޮތް ކަމެއް،" ފްރާންސްގެ ކޯޓުން މި މައްސަލަ ބަލަން ފެށުމާ ގުޅިގެން ބެންޒެމާގެ ވަކީލު ސިލްވިއަން ކޯމިއާ ބުނެފައިވެ އެވެ. "ބެންޒެމާ މި މައްސައިގައި އެއްވެސް ގޯހެއް ހަދާފައި ނުވާކަން އެތައް ގޮތަކުން ވަނީ ސާބިތުވެފައި."

comment ކޮމެންޓް