ހޮންކޮންގްއިން 53 އެކްޓިވިސްޓުންނާއި ސިޔާސީ ލީޑަރުން ހައްޔަރުކޮށްފި

ހޮންކޮންގްއިން ވަނީ މިއަދު 50އަށް ވުރެ ގިނަ އެކްޓިވިސްޓުންނާއި އިދިކޮޅު ސިޔާސީ ފަރާތްތައް ހައްޔަރުކޮށްފަ -- ފޮޓޯ: އޭޕީ

ހޮންކޮންގް (ޖެނުއަރީ 6): ހޮންކޮންްގްއިން މިއަދު 53 އެކްޓިވިސްޓުންނާއި އިދިކޮޅު ސިޔާސީ ލީޑަރުން ހައްޔަރުކޮށްފި އެވެ.

ހޮންކޮންގްގެ 1،000އަށް ވުރެ ގިނަ ފުލުހުން ބައިވެރިވި އޮޕަރޭޝަނެއްގައި މިއަދު ހެނދުނު 23 އަހަރާ 64 އަހަރާ ދެމެދުގެ 53 މީހަކު ހައްޔަރުކޮށްފައިވާ ކަމަށް އެ ސިޓީގެ ފުލުހުން ބުންޏެވެ.

އެ މީހުން ހައްޔަރު ކުރީ ޗައިނާއިން މިދިޔަ ޖޫން މަހު ފާސް ކުރި އަމަނާ ބެހޭ ގާނޫނުގެ ދަށުންނެވެ. އަދި އެއީ އެ މީހުން ހޮންކޮންގްގެ ލެޖިސްލޭޓިވް ކައުންސިލް އިންތިހާބުގައި ވާދަ ކުރާނެ ޑިމޮކްރެޓިކް ކެންޑިޑޭޓުން ހޮވުމަށް ޖުލައި މަހު ބޭއްވި ޕްރައިމަރީތަކާ ގުޅިގެންނެވެ.

ހޮންކޮންގްގެ ސުޕްރިންޓެންޑެންޓް ލީ ކުވައި-ވާ ވިދާޅުވި ގޮތުގައި އޭގެ ތެރެއިން ހަ މީހަކު ހައްޔަރު ކުރީ ނުރަސްމީ ޕްރައިމަރީތައް އިންތިޒާމުކޮށް ދައުލަތާ ދެކޮޅަށް މަސައްކަތް ކުރުމުގެ ތުހުމަތުގަ އެވެ. އަދި ބާކީ މީހުން ހައްޔަރު ކުރީ އެ ހަރަކާތުގައި ބައިވެރިވުމުންނެވެ.

ހޮންކޮންގްގެ ލެޖިސްލޭޓިވް ކައުންސިލް އިންތިހާބު ބާއްވަން މީގެ ކުރިން ހަމަޖައްސާފައި އޮތީ މިދިޔަ ސެޕްޓެމްބަރު މަހުގެ ފަހެއްގައި ކަމަށްވީ ނަމަވެސް ކޮވިޑް-19 ބަލިމަޑުކަމާ ގުޅިގެން އެ ސިޓީގެ ސަރުކާރުން ވަނީ އެއް އަހަރަށް އެ އިންތިހާބު ފަސްކޮށްފަ އެވެ.

ހޮންކޮންގްއިން ހައްޔަރު ކުރި މީހުންގެ ތެރޭގައި ލެޖިސްލޭޓިވް ކައުންސިލްގެ ކުރީގެ މެމްބަރުންނާއި ޑިސްޓްރިކްޓު ކައުންސިލަރުންނާއި އިލްމުވެރިންނާއި ދަރިވަރު އެކްޓިވިސްޓުންނާއި މިދިޔަ އަހަރު ސަރުކާރާ ދެކޮޅަށް ބޭއްވި މުޒާހަރާތައް އިންތިޒާމު ކުރި މީހުން ހިމެނެ އެވެ. އަދި އެ ސިޓީގެ ގިނަ އަދަދެއްގެ އިދިކޮޅު ސިޔާސީ ފަރާތްތައް ތަމްސީލުކޮށް ދީފައިވާ ލޯ ފާމެއްގައި މަސައްކަތް ކުރާ އެމެރިކާގެ ވަކީލު ޖޯން ކްލޭންސީވެސް މިއަދު ހައްޔަރުކޮށްފައިވެ އެވެ.

މީގެ ކުރިން 150 އަހަރު ވަންދެން އިނގިރޭސިވިލާތުގެ ބާރުގެ ދަށުގައި އޮތް ހޮންކޮންގް 1997 ވަނަ އަހަރު ޗައިނާގެ ބަޔަކަށް ހެދީ "ވަން ކަންޓްރީ، ޓޫ ސިސްޓަމްސް" ނިޒާމުގެ ދަށުންނެވެ. އޭގެ ސަބަބުން ޗައިނާގެ ރައްޔިތުންނާ އަޅާ ބަލާއިރު ހޮންކޮންގެ ރައްޔިތުންނަށް ލިބޭ ސިޔާސީ އަދި ޝަރުއީ މިނިވަންކަން ބޮޑެވެ. ނަމަވެސް އިނގިރޭސިވިލާތުން ބުނާ ގޮތުގައި ޗައިނާއިން އަމަނާ ބެހޭ ގާނޫނު ފާސް ކުރީ އެ ނިޒާމާ ހިލާފަށެވެ.

ހޮންކޮންގްގެ އަމަނާ ބެހޭ ގާނޫނުގައި ވަނީ ޗައިނާއިން ހޮންކޮންގް ވަކި ކުރުމާއި މައި ސަރުކާރުގެ ބާރު ކަނޑުވާލަން މަސައްކަތް ކުރުމާއި ބޭރުގެ ބާރުތަކާއެކު ސިއްރިއްޔާތުގައި މަސައްކަތް ކުރުމާއިި ޓެރަރިޒަމްގެ އަމަލުތައް މަނާކޮށްފަ އެވެ. އަދި އެ ގާނޫނާ ހިލާފުވާ މީހުން އިންތިހާބުތަކުގައި ވާދަކުރުން މަނާކޮށް، އުމުރަށް ޖަލަށް ލެވިދާނެ އެވެ.

ހޮންކޮންގްގެ ގިނަ އަދަދެއްގެ މީހުން ވަނީ އެ ގާނޫނުގެ ސަބަބުން އެ ސަރަހައްދުގެ މިނިވަންކަން ގެއްލިގެންދާ ކަމަށް ބުނެ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

comment ކޮމެންޓް