ގަތަރާއެކު އަލުން ހާރިޖީ ގުޅުންތައް ގާއިމްކުރަން ރާއްޖެއިން ނިންމައިފި އެވެ. ރާއްޖެއިން އެ ނިންމުން ނިންމި އިރު، ސައުދީ އަރަބިއްޔާ އާއި މެދު އިރުމަތީގެ އެހެން ގައުމުތަކުން ވެސް ވަނީ ގަތަރާ އެކު ސުލްހަވެ އަޅާފައިވާ އެންމެހާ ދަތިކުރުމުގެ ފިޔަވަޅުތައް ނިމުމަކަށް ގެނެސް އަލުން ގުޅުން ގާއިމްކޮށްފަ އެވެ.
މީގެ ކުރިން ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ޖޫން، 2017 ގައި ރާއްޖެއިން ގަތަރާ އެކު އޮތް ހާރިޖީ ގުޅުންތައް ވެސް ނިމުމަކަށް ގެނައީ ސައުދީ އަރަބިއްޔާ އާއި ގަތަރުގެ ގުޅުން ގޯސްވެ، ސައުދީއިން ގަތަރާ ގުޅުން ކަނޑާލައި ދަތިކުރުމުގެ ފިޔަވަޅުތައް އެޅުމާ ގުޅިގެންނެވެ.
ގަތަރާއި އަދި ކޮމަންވެލްތާ އެކު އަލުން ހާރިޖީ ގުޅުން ގާއިމް ކުރުމަކީ މި ސަރުކާރުގެ ވައުދެކެވެ. ނަމަވެސް، ކޮމަންވެލްތާ އެކު ގުޅުން ގާއިމްކުރި ނަމަވެސް ގަތަރާ އެކު ގުޅުން ގާއިމްކޮށްފައެއް ނުވެ އެވެ.
ގަތަރާއެކު ހާރިޖީ ގުޅުން އަލުން ގާއިމްކުރުމަށް ނިންމިކަން ހާމަކުރައްވާ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ގަލްފް ކޯޕަރޭޝަން ކައުންސިލްގެ ބައްދަލުވުމުގެ ތެރެއިން ގަތަރާއި އެ ސަރަހައްދުގެ އެހެން ގައުމުތަކާ އެކު އޮންނަ ގުޅުން ރަނގަޅުވާތަން ފެންނަމުންދާތަން ފެނުމަކީ އުފާކުރައްވާ ކަމެއް ކަމަށެވެ.
މިނިސްޓަރު ޝާހިދު ވިދާޅުވީ ގަތަރުގެކަމާބެހޭ ފަރާތްތަކާ އެކު މަޝްވަރާ ކުރައްވާފައިވާ ކަމަށާއި އެ މަޝްވަރާތަކަށް ފަހު، ރާއްޖެއިން އެ ގައުމާއެކު އަލުންް ގުޅުން ގާއިމް ކުރަން ނިންމާފައިވާ ކަމަށެވެ.
ފޮރިން މިނިސްޓްރީ އިން ބުނީ ގަތަރާއެކު އަލުން ހާރިޖީ ގުޅުން ގާއިމް ކުރުމާ ގުޅޭގޮތުން މިނިސްޓަރު ޝާހިދު، ގަތަރުގެ މިނިސްޓާ އޮފް ސްޓޭޓް ފޯ ފޮރިން އެފެއާޒް ސުލްތާން ބިން ސާދު އަލް މުހައިރީ އާއެކު ރޭ މަޝްވަރާ ކުރައްވާފައިވާ ކަމަށެވެ.
ކުރީގެ ރައީސް ޔާމީންގެ ސަރުކާރުން ގަތަރާއެކު ގުޅުން ކަނޑާލީ ޓެރަރިޒަމާއި ހައްދުފަހަނަ އަޅައިދިއުމަށް މަގުފަހިވާ ހަރަކާތްތަކާ ދެކޮޅު ހެދުމުގެ ގޮތުން ކަމަށް އޭރު ފޮރިން މިނިސްޓްރީން ބުނެފައިވެ އެވެ.
ރާއްޖެއާއި ގަތަރާ ދެމެދު އެންމެ ފުރަތަމަ ހާރިޖީ އަދި ސިޔާސީ ގުޅުން ގާއިމުކުރީ 1984 ވަނަ އަހަރުގެ މެއި މަހުގެ 26 ވަނަ ދުވަހު، ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ސަރުކާރުގަ އެވެ. ގަތަރަކީ ރާއްޖެއަށް ބޮޑެތި އެހީތަކެއް ފޯރުކޮށްދޭ، އަދި ބޮޑެތި އިންވެސްޓްމެންޓްތަކެއް ވެސް ގެނެސްފައިވާ ގައުމެކެވެ.