ޝަރީއަތް ނިމެންދެން ބަންދު ކުރާ ނުވަތަ "ވާނުވާ" ބަންދުގެ މައްސަލައަށް ކުރިއަށް އޮތް އަހަރެއްހާ ދުވަހުގެ ތެރޭގައި ފާހަގަކުރެވޭ އިސްލާހީ ބަދަލެއް އަންނާނެ ކަމަށް ޕީޖީ އޮފީހުން ބުނެފި އެވެ.
ބަންޑާރަނައިބު އެކުލަވާލާފައިވާ ޖިނާއީ މައްސަލަތަކުގައި އަމަލު ކުރާ ސިޔާސަތުގައިވާ ގޮތުން ޝަރީއަތް ނިމެންދެން ބަންދު ކުރާ މީހުންގެ މައްސަލައާ ގުޅޭ ރިޕޯޓެއް އަހަރަކު ދެފަހަރު އެކުލަވާލައި ޕީޖީ އޮފީހުން މަޖިލީހަށް ހުށަހަޅަން ޖެހެ އެވެ. އެގޮތުން މިދިޔަ އަހަރުގެ ދެވަނަ ރިޕޯޓު ޑިސެމްބަރު 31 ވަނަ ދުވަހު މަޖިލީހަށް ވަނީ ހުށަހަޅައިފަ އެވެ.
ޝަރީއަތް ނިމެންދެން ބަންދު ކުރާ މީހުން ގިނަ ދުވަސްތަކެއް ވަންދެން ޖަލުގައި ތިބެން ޖެހޭ މައްސަލައަށް ހައްލެއް ހޯދަން މިދިޔަ އަހަރު ޖިނާއީ އިޖުރާއަތުގެ ގާނޫނަށް ވަނީ އިސްލާހެއް ގެނެސްފަ އެވެ. ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 60 ވަނަ މާއްދާއަށް އިތުރުކުރި އަކުރުގައި ބުނަނީ ޝަރީއަތް ނިމެންދެން މީހަކު ބަންދުކުރަން ފަނޑިޔާރު ނިންމައިފި ނަމަ، ކޮންމެ 30 ދުވަހަކުން އޭނާގެ ބަންދު ރިވިއު ކުރުމުގެ އަޑުއެހުމެއް ބާއްވަން ވާނެ ކަމަށެވެ.
ޕީޖީ އޮފީހުން މަޖިލީހަށް ހުށަހެޅި ރިޕޯޓުގައި ބުނެފައި ވަނީ، ވާނުވާ ބަންދުގެ މައްސަލައަށް ހައްލެއް ހޯދުމަށް ގާނޫނަށް ގެނައި އިސްލާހުން އެދެވޭ ނަތީޖާތަކެއް ހާސިލުކުރެވޭ ކަމަށެވެ. އަދި އެއީ ވަރަށް ގިނަ މުއައްސަސާތަކެއް ގުޅިގެން ހައްލު ކުރަން ޖެހޭ މަސައްލައަކަށްވާއިރު، މިހާރު ފެންނަނީ ހުރިހާ މުއައްސަސާތަކެއްގެ މަސައްކަތްވެސް އެއް މިސްރާބަކަށް ހުރިތަން ކަމަށް އެ ރިޕޯޓުގައިވެ އެވެ.
ޕީޖީ އޮފީހުގެ ރިޕޯޓުގައި ބުނެފައި ވަނީ ކުރިއަށް އޮތް އަހަރެއްހާ ދުވަހުގެ ތެރޭގައި ވާނުވާ ބަންދުގެ މައްސަލައަށް ފާހަގަކުރެވޭ ފަދަ އިސްލާހީ ބަދަލެއް އަންނާނެ ކަމަށް ފެންނަ ކަމަށެވެ.
"ކުރިއަށް އޮތް އަހަރެއްހާ ދުވަހުގެ ތެރޭގައި ޝަރީއަތުން ހުކުމެއް ކުރުމުގެ ކުރިން ބަންދުގައި ބައިތިއްބާ މީހުންގެ މައްސަލަތަކަށް ފާހަގަކުރެވޭ ފަދަ އިސްލާހީ ބަދަލެއް އަންނާނެ ކަމަށް އަޅުގަނޑަށް ފެނެ އެވެ،" ޕީޖީ އޮފީހުގެ ރިޕޯޓުގައިވެ އެވެ.
އެހެން ނަމަވެސް، ބަންދު ކުރާ މީހުން ކޯޓަށް ހާޒިރު ކުރާނީ ބަންދުކޮށްގެން އުޅޭ އިދާރާއިންކަން ޖިނާއީ އިޖުރާއަތުގެ ގާނޫނަށް ގެނައި އިސްލާހުން ސާފު ވިޔަސް، އެކަން ކުރުމުގައި އިސްނަގަން ޖެހެނީ ކޮން އިދާރާއަކުންކަން ސާފުނުވާ ކަމަށް އެ ރިޕޯޓުގައި ބުނެފައިވެ އެވެ. އެއީ ކޯޓުތަކުން ކުރަން ޖެހޭ ކަމެއްތޯ، ތަހުގީގީ އިދާރާއިން ކުރަން ޖެހޭ ކަމެއްތޯ ނުވަތަ ޕީޖީ އޮފީހުން ކުރަން ޖެހޭ ކަމެއްތޯ ސާފުނުވާ ކަމަށް ބުނެފައިވެ އެވެ.
އެ ސުވާލު ކުރިއަށް އޮތް ތަނުގައި ނުއުފެދޭނެ ގޮތަކީ ގިނަ މުއައްސަސާތައް ގުޅިގެން ކުރަން ޖެހޭ ކަންކަން އިސްވެ ކުރާނެ އިދާރާއެއް ގާނޫނުގައި ކަނޑައެޅިގެން ލިޔުން ކަމަށް އެ ރިޕޯޓުގައިވެ އެވެ.
ޕީޖީ އޮފީހުން ބުނީ، ގާނޫނަށް ގެނައި އިސްލާހާއެކު ރިއިވު ކުރުމަކީ ކޯޓުން ކުރަންވަން ޖެހޭ ކަމެއް ކަމަށް އެ އޮފީހަށް ގަބޫލުކުރެވޭ ކަމަށެވެ. އެކަމާ ގުޅިގެން، އެ މަސައްކަތް ގެންދަން ގަސްތުކުރާ ގޮތެއް ސާފުކޮށްދިނުމަށް އެދި އެ އޮފީހުން ކްރިމިނަލް ކޯޓަށް ސިޓީއެއްވެސް ފޮނުވާފައިވާނެ ކަމަށް ރިޕޯޓުގައިވެ އެވެ.
އޭގެ އިތުރުން، ބަންދު މުރާޖައާ ކުރުމުގެ އަޑުއެހުންތައް ކޮންމެ 30 ދުވަހަކުން ތާވަލުކުރަމުން ގެންދިޔުމަށް ޑީޖޭއޭއާއެކު އެއްބަސްވެފައިވާ ކަމަށްވެސް ޕީޖީ އޮފީހުން ބުންޏެވެ.
"މިކަމާ ބެހޭގޮތުން މި އޮފީހާއި ޑިޕާޓްމެންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަނާ ވާހަކަ ދެކެވި މި އޮފީހުން ކޯޓަށް ހުށަހަޅާ މައްސަލައެއްގައި ޝަރީއަތް ނިމެންދެން މީހަކު ބަންދުގައި ހުރި ނަމަ، އެ މީހެއްގެ ބަންދު މުރާޖައާ ކުރުމުގެ އަޑުއެހުންތައް 30 ދުވަހަށް ވުރެ ގިނަ ނުވާނެހެން ތާވަލުކުރަމުން ގެންދިޔުމަށް އެއްބަސްވެފައިވެ އެވެ،" ޕީޖީގެ ރިޕޯޓުގައިވެ އެވެ.
ކޯޓުގައި ހުރި ގިނަ މައްސަލަތަކެއްގެ ކުރިއަށް އޮތް ހަ މަސް ދުވަހުގެ ޝެޑިއުލްތައް ޑީޖޭއޭއިން ފޮނުވަމުންދާ ކަމަށްވެސް ޕީޖީ އޮފީހުން ބުންޏެވެ.
ތަހުގީގު މަރުހަލާގައި މީހުން ޝަރީއަތް ނިމެންދެން ބަންދު ކުރަން އެދެނީ ފުލުހުންނެވެ. އެެހެންކަމުން، މީހަކު ޝަރީއަތް ނިމެންދެން ބަންދު ކުރަން ފުލުހުން އެދިގެން އެ މީހާ ބަންދުކުރާނަމަ އެކަމުގެ މައުލޫމާތުވެސް ޕީޖީ އޮފީހާ ހިއްސާކުރަމުން ގެންދިޔުމަށް ފުލުހުން ގާތުގައިވެސް އެދިފައިވާނެ ކަމަށް ޕީޖީއިން ބުނެފައިވެ އެވެ. އެއީ މައްސަލަ ޕީޖީ އޮފީހަށް ހުށަހެޅުމުން ބަންދު ކުރި މީހާގެ ބަންދު މުރާޖައާ ކުރަން ޖެހޭ ދުވަސް ބަލައި އެކަން ކުރުމަށް ކަމަށް ބުނެފައިވެ އެވެ.
ބަންދު މުރާޖައާ ކުރުން މީގެ ކުރިން ކުރަމުން އައީ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުގެ އިދާރީ ކަމެއްގެ ގޮތުގަ ކަމަށެވެ. ކުރިންވެސް، ކުރަމުން އައި އިދާރީ މުރާޖައާ އަދިވެސް ކުރަމުންދާ ކަމަށް ބުނެފައިވެ އެވެ.
ޕީޖީ އޮފީހުން ބުނި ގޮތުގައ ރިޕޯޓު އެކުލަވާލި މުއްދަތުގެ ތެރޭގައި ޝަރީއަތް ނިމެންދެން ބަންދުގައި ތިބީ 327 މީހުން ކަމަށެވެ.
ޖަލުތަކާއި ޕެރޯލްގެ ގާނޫނުގައިވާ ގޮތުން ތަހުގީގު މަރުހަލާގައި މީހުން ބައިތިއްބަން ޖެހެނީ ކަސްޓޯޑިއަލް ޖަލެއްގަ އެވެ. ޝަރީއަތަށް މައްސަލަ ހުށަހެޅުމަށް ފަހު ޝަރީއަތް ނިމެންދެން ބަންދު ކުރާނަމަ ބައިތިއްބަނީ ކަރެކްޝަންސްގެ ރިމާންޑު ޖަލެއްގަ އެވެ. ނަމަވެސް ކޮވިޑް-19އާ ހެދި ރިމާންޑު ޖަލުތަކުގައި އުފެދިފައިވާ ޖާގައިގެ ދަތިކަމާހެދި، ރިޕޯޓު އެކުލަވާލުމާ ހަމައަށް 29 މީހަކު ކަސްޓޯޑިއަލް ޖަލުތަކުގައި ބަންދުކޮށްފައި އެބަތިބި ކަމަށް ޕީޖީގެ ރިޕޯޓުގައިވެ އެވެ.
އޭގެ ތެރޭގައި ރިމާންޑު ޖަލަށް ބަދަލު ނުކުރެވި 100 ދުވަހަށްވުރެ ގިނަ ދުވަސްވެފައި ތިބި މީހުންވެސް އެބަ ތިބި ކަމަށް ޕީޖީ އޮފީހުން ބުންޏެވެ.
ރިމާންޑު ޖަލުތަކުގައި 149 މީހުން، މާފުށީ ޖަލުގައި 134 މީހުން ހުޅުމާލޭ ޖަލުގައި 14 މީހުން އަދި އައްސޭރި ޖަލުގައި ކުޑަކުއްޖަކު އެބަ ހުރި ކަމަށް ޕީޖީ އޮފީހުން ބުންޏެވެ.
ޝަރީއަތް ނިމެންދެން ބަންދުކޮށްފައިވާ މީހުންގެ ބަންދުގެ މުއްދަތު ރިވިއު ކުރުމަށްފަހު 39 މީހަކު ޝަރުތުތަކާއެކު ދޫކޮށްލަން އަދި ތިން މީހަކު ޑީޕޯޓުކޮށްލަން ނިންމާފައިވާ ކަމަށްވެސް ޕީޖީ އޮފީހުން ބުންޏެވެ.
ޖިނާއީ އިޖުރާއަތުގެ ގާނޫނަށް ގެނައި ދެވަނަ އިސްލާހުގައި ވަނީ އޯޑިއޯ ވީޑިއޯ މެދުވެރިކޮށް ބާއްވާ ޝަރީއަތުގެ މަޖިލީހެއްގައި މީހަކު އިއުތިރާފުވެއްޖެ ނަމަ އޭނާގެ މައްސަލަ ދެން ކުރިއަށްގެންދަން ޖެހޭނީ އޭނާ ހުރި ރަށެއްގެ ކޯޓެއްގައި ކަމަށެވެ. އެހެންކަމުން، މީހަކު އެފަދަ އަޑުއެހުމެއްގައި އިއުތިރާފުވުމުން މައްސަލަ އޮތް ކޯޓަކުން އަނބުރާ ގެނެސް، އެ މީހާ ހުރި ރަށުގެ ކޯޓަށް ހުހަޅަން ޖެހޭ ކަމަށާއި އެކަމަށް ވަގުތު ހޭދަވާ ކަމަށް ޕީޖީ އޮފީހުން ބުނެފައިވެ އެވެ.
މާފުށީ ޖަލުގައި ގިނަ އަދަދެއްގެ މީހުން ތިބޭތީ، އެ މީހުން އިއުތިރާފުވާ މައްސަލަތައް ހުށަހަޅަން ޖެހެނީ މާފުށީ ޖަލަށެވެ. އެހެންވެ، އެ ޖަލަށް ހުށަހަޅަން ޖެހޭ މައްސަލަތައް ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށާއި، އެކަމާ ގުޅިގެން މާފުށީ ކޯޓުގެ ވަސީލަތްތައް އިތުރުކޮށްފި ނަމ ނުނިމި ހުރި މައްސަލަތައް ނިންމުމަށް އިތުރު ބާރަކަށް ވެގެންދާނެ ކަމަށް އެ ރިޕޯޓުގައިވެ އެވެ. އެކަމާ ގުޅިގެން ޖޭއެސްސީއާ މަޝްވަރާ ކުރަމުންދާ ކަމަށް އެ ރިޕޯޓުގައިވެ އެވެ.