ކުރެއްދޫ މައްސަލާގައި ދައުވާ ނުކުރަން ނިންމައިފި

ކުރެއްދޫ އައިލެންޑް ރިސޯޓު --

ކުރެއްދޫ ރިސޯޓުން ކޮވިޑް19 އަށް ޝައްކު ކުރެވުނު މީހާގެ މައުލޫމާތު ކަމާ ބެހޭ އިދާރާތަކާ ހިއްސާނުކުރި މައްސަލާގައި ދައުވާ ނުކުރަން ނިންމައިފި އެވެ.

ޕްރޮސެކިޔުޓާ ޖެނެރަލްގެ އޮފީހުން މިގޮތަށް ނިންމާފައި ވަނީ އެ މައްސަލާގައި ހާދިސާ ހިނގިގޮތް ބެލިއިރު، އެ މައްސަލާގައި ހެލްތު ޕްރޮޓެކްޝަން އެޖެންސީ އިން ގަވައިދުން ފޮނުވަންޖެހޭ ބައެއް މައުލޫމާތު އެކަމަށް ކަނޑައަޅާފައިވާ ވަގުތުތަކުގައި ފޮނުވާފައިވާކަން ނުވަތަ ނޫންކަން އަދި އެއާ ގުޅުންހުރި ބައެއް ކަންތައް ސާފުވެފައި ނުވާތީ ކަމަށެވެ. ނަމަވެސް އެޗުޕީއޭ އިން ބުނީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހު 2 ވަނަ ދުވަހު ރިސޯޓް ކްލިނިކްތަކުގައި މަސައްކަތް ކުރާ ޑޮކްޓަރުންނާއި މެނޭޖުމަންޓްގެ ބޭފުޅުންނަށް ކޮރޯނާއާ ބެހޭ މައުލޫމާތު ހިއްސާކޮށްފައިވާނެ ކަމަށެވެ. އަދި އެ ބައްދަލުވުންތަކުގައި ކުރެއްދޫ ރިސޯޓްގެ ދެ މުވައްޒަފަކު ވެސް ބައިވެރިވި ކަމަށެވެ.

ރާއްޖެއިން އެންމެ ފުރަތަމަ ކޮވިޑް-19ގެ ކޭސްތައް ފެނުނީ މިދިޔަ މާޗް މަހުގެ ހަތް ވަނަ ދުވަހު އެވެ. އެއީ ކުރެއްދޫ ރިސޯޓުން ޕޮޒިޓިވްވި ދެ މީހެކެވެ. އެ މީހުންގެ ގަޔަށް ވައިރަސް އެރި ކަމަށް ބެލެވުނީ، ކުރެއްދޫގައި ޗުއްޓީ ހޭދަކޮށްފައި ފުރި ފަހުން ވައިރަހަށް ޕޮޒިޓިވްވިކަން އިނގުނު އިޓަލީ މީހެއްގެ ގައިންނެވެ.

ކޮވިޑަށް އެމީހުން ޕޮޒިޓިވްވިކަން އެނގިހުރެ ފުރުވާލިކަމުގެ ތުުހުމަތުގައި ފުލުހުން އެ މައްސަލަ ތަހުގީގު ކުރިއެވެ. ޕީޖީ އިން ބުނީ ފުލުހުން އެ މައްސަލަ ތަހުގީގު ކުރިއިރު ޖިނާއީ ދައުވާ ކުރާ ވަރަށް ހެކި ނުލިބޭ ކަމަށެވެ.

comment ކޮމެންޓް