އަދާލަތުގެ ރައީސްކަން އަންހެނުންނަށްވެސް ކުރެވޭ ގޮތަށް ޕާޓީގެ ގަވައިދަށް އިސްލާހެއް ހުށަހަޅައިފި

އަދާލަތު ޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ -- ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

އަދާލަތު ޕާޓީގެ ރައީސްކަން އަންހެނުންނަށްވެސް ކުރެވޭ ގޮތަށް އެ ޕާޓީގެ އަސާސީ ގަވައިދު ނުވަތަ ދުސްތޫރަށް އިސްލާހެއް ހުށަހަޅައިފި އެވެ.

އަދާލަތު ޕާޓީގެ ދުސްތޫރު އެކުލަވާލި އިރުވެސް އެ ޕާޓީގެ ދުސްތޫރުގައި އޮންނަނީ އެ ޕާޓީގެ ރައީސަކަށް އަދި ނައިބު ރައީސަކަށް ވާދަ ކުރުމުގެ ޝަރުތުތަކުގެ ތެރޭގައި ފިރިހެނަކަށްވުން ހިމަނާފަ އެވެ. ނަމަވެސް، މީގެ ހަފްތާއެއްހާ ދުވަސް ކުރިން އެ ޕާޓީގެ ތެރެއިން ވަނީ އަންހެނުންނަށް ނައިބު ރައީސް ކަމަށް ވާދަ ކުރެވޭ ގޮތަށް ޝަރުތު ބަދަލުކޮށް، ދުސްތޫރަށް އިސްލާހެއް ގެނެސްފަ އެވެ.

އެ ބަދަލު ގެނެސްފައިވާއިރު، ޕާޓީގެ ރައީސް ކަމަށްވެސް އަންހެނުންނަށް ވާދަ ކުރެވޭ ގޮތަށް ދުސްތޫރަށް އިސްލާހެއް ހުށަހަޅުއްވާފައިވާކަން އަދާލަތު ޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މިއަދު ކުރެއްވި ޓްވީޓެއްގައި ވަނީ ހާމަކުރައްވައިފަ އެވެ.

"މިވަގުތު ޕާޓީ ކުރިއަށް ގޮސްފައި މިންވަރަށް ބަލާ، ޕާޓީ ހުޅުވާލާ، ޕާޓީގެ އެންމެ އިސް ސަފުގައި އަންހެނުންނަށް ހަރަކާތްތެރިވުމަށް އޮތް ފުރުސަތު އިތުރަށް ފަހިކުރުމަށް އަދާލަތު ޕާޓީގެ ރައީސްގެ ކިބައިގައި ހުރުން ލާޒިމު ކުރާ ޝަރުތުގެ ތެރެއިން ފިރިހެނަކަށްވުން އުނިކުރަން އިސްލާހެއް ހުށަހަޅައިފިން،" އިމްރާން ވިދާޅުވި އެވެ.

އެ އިސްލާހު ހުށަހެޅުއްވީ ޕާޓީގެ އިސް ސަފުގައި ހަރަކާތްތެރިވާ ފަރާތްތަކާއި ޕާޓީގައި ހިމެނޭ ދީނީ އިލްމުވެރިންނާވެސް މަޝްވަރާ ކުރުމަށްފަހު ކަމަށް އިމްރާން ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އެ އިސްލާހު ހުށަހެޅުއްވީ ޕާޓީގެ މަޝްވަރާ މަޖިލީހުގެ ހަތް މެމްބަރުންގެ ސޮޔާވެސް އެކު އެވެ.

އަދާލަތުގެ ރައީސަކަށް އަންހެނުންނަށް ނުވެވޭ ގޮތަށް ހަދާފައި ވަނީ، އެއީ ދީނުގައި ލާޒިމު ކުރާ ކަމަކަށް ނުވިޔަސް ޕާޓީ އުފެދުނު އިރު ޕާޓީގެ މެމްބަރުން ބޭނުންވީ އެގޮތް ކަމަށް އޭރުގެ ލީޑާޝިޕަށް ފެނުމުން ކަމަށްވެސް އިމްރާން މިއަދު ވިދާޅުވެފައިވެ އެވެ.

އަދާލަތުގެ ދުސްތޫރު ލިޔުއްވުމުގައި އިސްކޮށް އުޅުއްވި އެ ޕާޓީގެ ފުރަތަމަ ރައީސް ޝައިހު ހުސެއިން ރަޝީދު އަހުމަދު މީގެ ކުރިން "ސަން"އަށް ވިދާޅުވި ގޮތުގައި އެ ޕާޓީގެ ރައީސް އަދި ނައިބު ރައީސްކަން އަންހެނަކަށް ނުކުރެވޭ ގޮތް އޭރު ހެދީ އެ މަގާމުތަކަށް ހޮވޭ މީހުން ގައުމުގެ ރައީސް ކަމަށް ވާދަކޮށް އެކަން ކާމިޔާބު ކުރުމުގެ ފުރުސަތު އޮތުމުން ކަމަށެވެ. އަންހެނުން ގައުމުގެ ވެރިކަން ކުރުމަކީ ހުއްދަ ކަމެއް ކަމާ މެދު ދީނީ އިލްމުވެރިންގެ މެދުގައި ދެބަސްވުން އޮވެ އެވެ.

އަންހެނުންނަށްވެސް އަދާލަތުގެ ރައީސްކަން ކުރެވޭ ގޮތް ހަދަން އިސްލާހު ހުށަހަޅާފައިވާއިރު، މި ފަހުން އަންހެނުންނަށް ނައިބު ރައީސްކަން ކުރެވޭ ގޮތަށް ގެނައި އިސްލާހުތަކާއި އެހެނިހެން އިސްލާހުތަކަކީ ޕާޓީގެ ދުސްތޫރާ ހިލާފަށް، އަދާލަތު ޕާޓީ ހިސޯރު ކުރަން އުޅޭ ބަޔަކު ގެނައި އިސްލާހުތަކެއް ކަމަށް ބުނެ އެ ޕާޓީގެ ބަޔަކު ވަނީ އިލެކްޝަންސް ކޮމިޝަނަށް މައްސަލަވެސް ހުށަހަޅައިފަ އެވެ.

އަދާލަތުގެ ރައީސްކަމަށް އަންހެނަކު އައުން މަނާ، އިންސާފުތަ؟

comment ކޮމެންޓް