ނަދީމްގެ މަރު: ދޫކޮށްލި "ކުޑަކުއްޖާ"ގެ މައްސަލަ އަލުން ފަށައި، އޭނާ ހައްޔަރަށް

ޓާމިނަލް ކެފޭ ތެރޭގައި ތޫނު އެއްޗަކުން ހަމަލާދީ މަރާލި ހއ. ތަކަންދޫ، އިބްރާހިމީހިޔާ، ނަދީމް އަބްދުލްކަރީމް --

ޓާމިނަލް ކެފޭ ތެރޭގައި ތޫނު އެއްޗަކުން ހަމަލާދީ ހއ. ތަކަންދޫ، އިބްރާހިމީހިޔާ، ނަދީމް އަބްދުލްކަރީމް މަރާލި މައްސަލައިގައި ދައުވާ ކުރި ކުޑަކުއްޖާގެ މައްސަލަ އަލުން ބަލަން ފަށައި، އެ ކުއްޖާ އަނެއްކާވެސް ޝަރީއަތް ނިމެންދެން ބަންދުކޮށްފި އެވެ.

ނަދީމް މަރާލީ ޖުލައި 27، 2017 ވަނަ ދުވަހުގެ ހަވީރު އޭނާ ޓާމިނަލް ކެފޭ ތެރޭގައި އިންދާ ބަޔަކު އެތަނަށް އައިސް އޭނާއަށް ތޫނު އެއްޗަކުން ހަމަލާދީ އެވެ.

ނަދީމްގެ މަރާ ގުޅިގެން ގ. ޝާރާޒް، މުހައްމަދު މަފާޒު ހުސައިން ސަލީމްގެ މައްޗަށް ތޫނު އެއްޗަކުން ހަމަލަދީ މީހަކު މެރުމުގެ ދައުވާ އުފުލާފައިވެ އެވެ. އަދި ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މަރާލުމުގައި ބައިވެރިވި ކަމުގެ ދައުވާ ރ. އިންނަމާދޫ ސަމަންތާ ހުސައިން ޝާމިންއާއި، ގއ. ގެމަނަފުށި ހަވާސް، މުހައްމަދު ކަރަމް ސުހައިލްގެ އިތުރުން ލ. ގަން ވިދާތަރި އަލީ ނިފާޒުގެ މައްޗަށް އުފުލާފައިވެ އެވެ.

އެ ހަތަރު މީހުންގެ އިތުރުން، ނަދީމްގެ މަރާ ގުޅިގެން އެ ހާދިސާ ހިނގި އިރު 18 އަހަރުން ދަށުގެ ކުޑަކުއްޖަކަށް މީހަކު މަރާލުމުގައި ބައިވެރިވުމުގެ ދައުވާ އުފުލި އެވެ. އޭނާގެ މައްސަލަ ކުރިއަށްގެންދަނީ ޖުވެނައިލް ކޯޓުގަ އެވެ.

ކުޑަކުއްޖާގެ އެ މައްސަލަ ކުރިއަށް ދަނިކޮށް، އޭނާ ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުއްޓާ ބަންދުން ދޫކޮށްލަން އޭނާގެ މައްސަލަ ބެއްލެވި ގާޒީ ނިންމެވި އެވެ.

ދައުލަތުން އެ ނިންމުން ހައިކޯޓުގައި އިސްތިއުނާފު ކުރުމުން ހައިކޯޓުން އެންގީ، ހައިކޯޓުގެ ހުކުމުގައި ފާހަގަކުރި ކަންކަމަށް ރިއާއަތްކޮށް، ޖުވެނައިލް ކޯޓުން އަލުން ބަންދާ މެދު ގޮތެއް ނިންމުމަށެވެ.

ބަންދާ މެދު ޖުވެނައިލް ކޯޓުން އަލުން ގޮތެއް ކަނޑައަޅަން ދައުލަތުން އެދިފައި އޮއްވާ، އެ ކޯޓުން ކުޑަކުއްޖާއަށް ކުރި ދައުވާގެ މައްސަލަ ބޭރުކޮށްލީ އެވެ. އެއީ ދައުވާ ކުުރީ މުއްދަތު ހަމަވިފަހުން ކަމަށް ބުނެ އެވެ.

އެ މައްސަލަ ބޭރުކޮށްލަން ނިންމި ނިންމުން ދައުލަތުން ހައިކޯޓުގައި އިސްތިއުނާފު ކުރުމުން ހައިކޯޓުން ހުކުމް ކުރީ ޖުވެނައިލް ކޯޓުން އަލުން އެ މައްސަލަ ބަލަން ޖެހޭ ކަމަށެވެ. އަދި ކުޑަކުއްޖާގެ ބަންދާ މެދު އަލުން ގޮތެއް ނިންމަން ޖެހޭ ކަމަށެވެ.

މިހާރު ހައިކޯޓުން އެންގި ގޮތަށް ޖުވެނައިލް ކޯޓުގައި އަނެއްކާވެސް އެ ކުއްޖާގެ މައްސަލަ ވަނީ ބަލަން ފަށައިފަ އެވެ. ޕީޖީ އޮފީހުގެ މީޑިއާ އޮފިޝަލު އަދި ޕަބްލިކް ޕްރޮސެކިއުޓާ އަހުމަދު ޝަފީއު ވިދާޅުވީ، ދައުލަތުން އެދުނު ގޮތަށް އެ މައްސަލައިގެ ޝަރީއަތް ނިމެންދެން އެ ކުއްޖާ ބަންދު ކުރަން މިހާރު އެ ކޯޓުން އަމުރުކޮށްފައިވާ ކަމަށެވެ.

ނަދީމްގެ މަރުގެ މައްސަލައިގައި ދައުވާ ކުރާ މަފާޒާއި، ޝާމިންއާއި، ކަރަމް އަދި ނިފާޒުގެ މައްސަލަ މިހާރުވެސް ކްރިމިނަލް ކޯޓުގައި ކުރިއަށްދެ އެވެ. އެ މައްސަލަ މިހާރު އޮތީ ހެކިބަސް ނެގުމުގެ މަރުހަލާގަ އެވެ.

comment ކޮމެންޓް