ދ. ކުޑަހުވަދޫގައި 2012 ވަނަ އަހަރު ރަހުމުކުޑަ ގޮތަކަށް މަރާލި އެރަށު ސަމަންދަރުގޭ، އަލީ ހަސަން، 76، (އައްޔުބެ)ގެ މަރުގެ މައްސަލައިގައި ޖުވެނައިލް ކޯޓުން ކުށް ސާބިތުވާ ކަމަށް ހުކުމް ކުރި ދެ މީހުންގެ ތެރެއިން އެކަކު އޭނާގެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފުކޮށްފި އެވެ.
އައްޔުބޭ މަރާލާފައި ވަނީ 2012 ވަނަ އަހަރުގެ ޖެނުއަރީ 8 ވަނަ ދުވަހުގެ ރޭ 7:00 އެހާކަންހާއިރެވެ. ކުޑަހުވަދޫ ދަނޑި މިސްކިތްމަގުން އައްޔުބޭ ހިނގާފައި ދަނިކޮށް އޭނާއަށް ހަމަލާދިނުމަށް ފަހު، އެ މަގުގައި ހުންނަ ފަޅު ގޯއްޗެއްގެ ތެރެއަށް ވައްދައި އޭނާއަށް ތޫނު އެއްޗެހިން ހަމަލާދީ މަރާލީ އެވެ.
އެ މައްސަލައިގައި ހަ މީހަކަށް ދައުވާ ކުރި އެވެ. އޭގެ ތެރެއިން ތިން މީހުންނަކީ އޭރު ކުޑަކުދިން ކަމުން އެ މީހުންގެ މައްސަލަ ކުރިއަށްގެންދިޔައީ ޖުވެނައިލް ކޯޓުގަ އެވެ.
ޖުވެނައިލް ކޯޓުން 2013 ވަނަ އަހަރު ވަނީ ތިން މީހުންގެ ތެރެއިން ދެ މީހުންގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ހުކުމްކޮށްފަ އެވެ. ކޯޓުން ހުކުމްކުރީ އައްޔުބެގެ ވާރިސުންގެ ތެރޭގައި ކުޑަކުއްޖަކު ހުުރުމުން އެ ކުއްޖާ ބާލިޣުވެ، ގިސާސް ހިފުމާ މެދު ގޮތެއް ނިންމަންދެން އެ ދެ މީހުން ޖަލުގައި ބޭތިއްބުމަށެވެ.
ކުށް ސާބިތުވި ދެ މީހުންގެ ތެރެއިން އެކަކު އޭނާގެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރުމުން އެ ކޯޓުން 2017 ވަނަ އަހަރު ވަނީ އޭނާގެ މައްޗަށް ކުށް ސާބިތުނުވާ ކަަމަށް ކަނޑައަޅައިފަ އެވެ. ނަމަވެސް، އޭރު ދެވަނަ މީހާ އިސްތިއުނާފެއް ނުކުރެ އެވެ.
މިހާރު ދެވަނަ މީހާވެސް ވަނީ އޭނާގެ މައްސަަލަ ހައިކޯޓުގައި އިސްތިއުނާފުކޮށްފަ އެވެ. އެ އިސްތިއުނާފު މައްސަލައިގެ އަޑުއެހުމެއް މިއަދު އެ ކޯޓުގައި ވަނީ ބާއްވައިފަ އެވެ. އެ މައްސަލަ ބަލަނީ ފަސް ފަނޑިޔާރުންގެ ބެންޗަކުންނެވެ.
އާންމުކޮށް މަރުގެ ބޮޑެތި މައްސަލަތަކާއި ދުސްތޫރީ މައްސަލަތައް ހައިކޯޓުގައި ބަލަނީ ފަސް ފަނޑިޔާރުންގެ ބެންޗަކުންނެވެ.
އުމުރުން 18 އަހަރު ނުވަނީސް ކުރާ ކުށްތަކުގެ މައްސަލަތަކުގައި ތުހުމަތުވާ މީހުންގެ މައުލޫމާތު ހާމަ ކުރަން ހުއްދަނުވުމުން ތުހުމަތު ކުރެވޭ މީހުންގެ ވަނަވަރު ވަނީ ސިއްރު ކުރެވިފަ އެވެ. ހައިކޯޓުގައިވެސް އެ މައްސަލަ ކުރިއަށްގެންދަނީ ސިއްރު މައްސަލައެއްގެ ގޮތުގަ އެވެ.
އައްޔުބެގެ އާއިލާއަކީ ދ. ގެމެންދޫއިން ކުޑަކުޑަހުވަދޫއަށް ހިޖުރަ ކުރި އާއިލާއެކެވެ. އޭނާ މަރާލީ އޭނާ ސިހުރުހާހޫރު ހަދި ކަމަށް ބުނާ މައްސަލައަކާ ހެދި އެވެ.