ށ. ނަރުދޫގެ ބޮޑު ބަޔަކަށް ރާޅު އަރައި އަށް ގެއަކަށް ގެއްލުން ވެއްޖެ އެވެ.
ނަރުދޫ ކައުންސިލްގެ މެމްބަރު މުހައްމަދު ނިޒާރު މިއަދު ސަން އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ރޭގެ 0200 ޖެހިއިރުން ފެށިގެން ރަށަށް ރާޅު އަރަން ފަށާފައިވާ ކަމަށެވެ. އަދި މިއަދު ހެނދުނު 0600 ޖަހާ އެހާއިރު ރާޅު އެރުން ހުއްޓާލިއިރު އެ ރަށުގެ އަށް ގެއަކަށް ރާޅުގެ ސަބަބުން ގެއްލުން ވެފައިވާ ކަމަށް ނިޒާރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ފެން ވަތް އަށް ގޭގެތެރެއިން ދެ ގެއެއްގައި ކެއްކޭ ވަރުވެސް ނުވާ ވަރަށް ފެން ވަދެ ގެއްލުން ވެފައިވާ ކަމަށެވެ.
"ރޭގެ 0210 ހާއިރު އަޅުގަނޑުމެންނަށް މައުލޫމާތު ލިބުނީ ރަށަށް އުދަ އަރާ ކަމަށް. އެއާއެކު ރަށުގެ ރައްޔިތުންނާއި ކައުންސިލުން ނިކުމެ ރަށުން ފެން ހިންދުމުގެ މަސައްކަތް ކުރަން ފަށާފައިވަނީ،" ނިޒާރު ވިދާޅުވި އެވެ.
ނަރުދޫއަށް އުދަ އަރާފައިވަނީ ރަށުގެ އިރު އުތުރު ސަރަހައްދުންނެވެ. އެގޮތުން އެ ރަށަށް އުދަ އެރީ ރަށުގެ ބަނދަރު ސަރަހައްދުން ކަމަށާއި ރަށުގެ 600 ފޫޓު އެތެރެއާ ހަމައަށް ރާޅުގެ އަސަރު ކޮށްފައިވާ ކަމަށް ނިޒާރު ފާހަގަކުރެއްވި އެވެ.
ހުރިހާ އެންމެންގެ މަސައްކަތުން ގެތަކަށް ފެންވަނުން މިހާރު ވަނީ ކޮންޓްރޯލު ކުރެވިފައި ކަމަށް އޭނާ ވިދާޅުވި އެވެ. އެގޮތުން ގެތަކުގެ ކުރިމަތީގައި ވެލި ބަސްތާ ޖެހުން ފަދަ މަސައްކަތް ކުރަމުން ގެންދާ ކަމަށް އޭނާ ވިދާޅުވި އެވެ.
ނިޒާރު ވިދާޅުވީ ރަށުގައި ފެން ހިންދުމަށް ތިން ޕަމްޕެއް ބޭނުން ކުރަމުން ގެންދާ ކަމަށެވެ. އަދި އިތުރަށް އުދަ ނާރައިފި ނަމަ މިއަދު އިރު އޮއްސެން ވާއިރަށް ރަށުން ފެން ހިންދާލެވޭނެ ކަމަށް ބެލެވޭ ކަމަށް އޭނާ ވިދާޅުވި އެވެ.
ރަށުން ފެން ހިއްކުމުގައި ރައްޔިތުންގެ ބޮޑު އެހީތެރިކަމެއް ލިބޭ ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.
"އަޅުގަނޑުމެންގެ ރަށުގެ ރައްޔިތުންނަކީ ވަރަށް އެއްބައިވަންތަ ބައެއް ކަން ފާހަގަކޮށްލަން. މި ހާލަތުގައި ހާލުގައި ޖެހުނު ފަރާތްތަކަށްވެސް އާންމުން ދަނީ އެހީތެރިކަން ފޯރުކޮށްދެމުން،" ނިޒާރު ވިދާޅުވި އެވެ.