ކާޖޮލް ގެ އާ ފިލްމެއް މި މަހު ނެޓްފްލިކްސް އަށް

ބަތަލާ ކާޖޮލް---

ބޮލީވުޑްގެ ކުޅަދާނަ ބަތަލާ ކާޖޮލް ލީޑު ރޯލު ކުޅޭ ފިލްމު "ޓްރިބަންގާ" މި މަހު ނެޓްފްލިކްސް އިން ސްޓްރީމްކުރުމަށް ނިންމާއިފިއެވެ.

ފިލްމުގެ ކުރު ޓީޒާކޮޅަކާއެކު ފިލްމު ރިލީޒްކުރާ ތާރީޚު އިއުލާންކުރި އިރު މި ފިލްމު މި މަހު 15 އިން ފެށިގެން ނެޓްފްލިކްސް އިން ބެލޭނެއެވެ. ކާޖޮލް އާއެކު ތަންވީ އަޒްމީ އަދި މިތިލާ ޕަލްކަރު ލީޑު ރޯލު ކުޅޭ މި ފިލްމުގެ ޑައިރެކްޓަރަކީ ރެނުކާ ޝަހާނޭއެވެ.

މުމްބާއީގައި ފިލްމުގެ ޝޫޓިން ނިންމާލިއިރު ޓްރިބަންގާ އަކީ އާއިލާއެއްގެ ތިން ޖެނެރޭޝަނެއްގެ ވާހަކަ ގެނެސްދޭ ފިލްމެކެވެ. އަށްޑިހައިގެ އަހަރުތަކުން ފެށިގެން މިއަދާ ހަމައަށް އެ އާއިލާތެރޭ ދިމާވާ ކަންތައްތައް މި ފިލްމުގެ ޒަރިއްޔާއިން ފެނިގެންދާނެއެވެ. އަދި އާއިލާ އަކީ ކިހާ މުހިއްމު ބައެއްކަން ވެސް މި ފިލްމު ބެލުމުން އެނގޭނެއެވެ.

ބަތަލާ ކާޖޮލް އެންމެ ފަހުން ފެނިގެންދިޔައީ ފިރިމީހާ އަޖޭ ދޭވްގަން އާ ސައިފް އަލީ ޚާން އާއެކު ކުޅުނު ފިލްމު "ތާނާޖީ" އިންނެވެ. އެ ފިލްމަކީ މިދިޔަ އަހަރު ނެރުނު އެންމެ ކާމިޔާބުވެސް ފިލްމެވެ.

comment ކޮމެންޓް