އަހަރުގެ ފުރަތަމަ ފަތުރުވެރިޔާ އާއެކު ބޯޑާ މައިލްސް ޕްރޮގްރާމް ފަށައިފި

މިއަހަރު ރާއްޖެ އައި ފުރަތަމަ ޓޫރިސްޓުން --- ސަން ފޮޓޯ

މި އަހަރު ރާއްޖެ ޒިޔާރަތްކުރި ފުރަތަމަ ފަތުރުވެރިޔާ އާއެކު މޯލްޑިވްސް ބޯޑާ މައިލްސް ޕްރޮގްރާމް ފަށައިފި އެވެ.

އަހަރުގެ ފުރަތަމަ ފަތުރުވެރިޔާ އަކީ ޖަރުމަނަށް ނިސްބަތްވާ ޔޯޚެން ޕޯލް ކާކް އެވެ. ޔޯޚެން ރާއްޖެ އައިސްފައިވަނީ އޭނާގެ އަންހެނުންނާއި ދަރިފުޅާއެކު އެވެ. އެމީހުން ޗުއްޓީ ހޭދަކުރާނީ ބަންޔަން ޓްރީ ވައްބިންފަރު ރިސޯޓުގަ އެވެ. އެ މީހުން ރާއްޖެ އައިސްފައިވަނީ ގަތަރު އެއާވޭސްގެ ފްލައިޓެއްގަ އެވެ.

އަހަރުގެ ފުރަތމަ ފަތުރުވެރިޔާ އަށް މަރުހަބާކިޔުމަށް މިއަދު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވައިފަ އެވެ. އެ ރަސްމިއްޔާތުގައި ޔޯޚެން އަށް ވަނީ މޯލްޑިވްސް ބޯޑާ މައިލްސްގެ ބްރައުންޒް ޓިޔާ، މެންބާޝިޕު ދީފަ އެވެ.

މީގެ އިތުރުން އެމްއެމްޕީއާރުސީ އިން ވަނީ އޭނާ އަށް ރާއްޖޭގައި ޗުއްޓީ ހޭދަކުރުމަށް ހޮލިޑޭ ޕެކޭޖެއް ދީފަ އެވެ.

މޯލްޑިވްސް ބޯޑާ މައިލްސް އަކީ އިމިގްރޭޝަނާއި އެމްއެމްޕީއާރުސީ އަދި ޓޫރިޒަމް މިނިސްޓްރީ އާއި އެމްއޭސީއެލް ގުޅިގެން ފަށާފައިވާ ލޯޔަލިޓީ ޕްރޮގްރާމެކެވެ.

މި ޕްރޮގްރާމްގެ މެމްބަރަކަށްވުމުގެ ފުރުސަތު ރާއްޖެ އަންނަ ކޮންމެ ފަތުރުވެރިއަކަށް ވެސް ހުޅުވާލާފައި ވާއިރު، މި ޕްރޮގްރާމުގެ ބައިވެރިންނަށް ޕޮއިންޓް ލިބޭނީ، ފަތުވެރިޔާ ރާއްޖެ ޒިޔާރަތްކުރާ އަދަދަށާއި އަދި ރާއްޖޭގައި ހޭދަކުރާ ދުވަހުގެ އަދަދަށް ބަލައިފަ އެވެ.

ހާއްސަ މުނާސަބާތަކާއި ގުޅުވައިގެން ރާއްޖެ ޒިޔާރަތްކުރާ ފަތުރުވެރިންނަށް އިތުރު ޕޮއިންޓުތަކެއް މި ޕްރޮގްރާމުގައި
ލިބޭއިރު، ޕްރޮގްރާމު ބެހިގެން ވަނީ ތިން ޓަޔާ އަކަށެވެ. އެއީ އައިދަ (ބްރައުންޒް)، އަންތަރަ (ރިހި) އަދި އަބާރަނަ (ރަން ދަރަޖަ) އެވެ.

މިއިން ކޮންމެ ދަރަޖައެއް ހާސިލްކުރާ ފަތުރުވެރިއަކަށް ވެސް އެފަތުރުވެރިއަކު ހާސިލްކުރާ ދަރަޖައަކާއި ގުޅޭ ހާއްސަ ފައިދާ ތަކެއް އެ ޕްރޮގްރާމްގައި ލިބެ އެވެ. ޕްރޮގްރާމްގައި ބައިވެރިވާ ފަތުރުވެރިންނަށް ލިބޭ ޕޮއިންޓު އިތުރުވަމުންދާ މިންވަރަކަށް، ފަތުރުވެރިންނަށް ލިބިގެންދާ ފައިދާތަކާ ހިދުމަތްތައް ވެސް އިތުރުވެގެންދާނެ އެވެ.

ކޮވިޑް19 އާއި ގުޅިގެން ރާއްޖޭގެ ބޯޑަރު ބަންދުކޮށްފައި މިދިޔަ ޖުކައި 15 ގައި ހުޅުވާލިފަހުން އެއްލައްކަ ހަތްދިހަ ހާހަށްވުރެ ގިނަ ޓޫރިސްޓުން އައިސްފައި ވެއެވެ. 2020 ވަނަ އަހަރު ނިމުނު އިރު 550،000 އަށް ވުރެ ޓޫރިސްޓުން އައިސްފައި ވެއެވެ.

comment ކޮމެންޓް