ފްލެޓު ލިސްޓަށް ޝަކުވާ ހުށަނޭޅޭތީ އޭސީސީއަށް

އޭސީސީއަށް ސިޓީ ލުމަށް ގޮސް ތިބި މީހުން -- ފޮޓޯ: އާންމުންގެ އެކުވެރި ގުޅުން

ހިޔާ މަޝްރޫއުގެ ފްލެޓަށް ފްލެޓް ކޮމެޓީން ޕޮއިންޓް ދިނުމުގައި، ދިރިއުޅުމުގެ ހާލަތަށް ޕޮއިންޓު ދިން މިންގަނޑު އިއުލާން ކުރިއިރު H7 ފިޔަވައި އެހެން ހުރިހާ ބައެއްގެ ޝަކުވާ ހުށަހެޅުމުގެ ފަހު ތާރީހު ބަންދުވެ، ގިނަ ބަޔަކަށް އެ ފުރުސަތު ނުލިބުމުން އެ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށް ހުށަހަޅަން ފަށައިފި އެވެ.

ހިޔާ ފްލެޓުތަކަށް ފޯމް ހުށަހެޅި މީހުންގެ ހައްގުގައި މަސައްކަތް ކުރަމުން އަންނަ އާންމުންގެ އެކުވެރި ގުޅުން ޖަމިއްޔާއިން ނެރުނު ބަޔާނެއްގައި ބުނީ ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ނުދީ ދާއިމީ ލިސްޓު ނެރުމަކީ އެތައް ހާސް ބައެއްގެ ހައްގަށް އަރައިގަތުން ކަމަށެވެ.

ދާއިމީ ލިސްޓު ނެރުމުގެ ކުރިން އެ ފަރާތްތަކަށް ޝަކުވާ ހުށަހަޅަން ފުރުސަތުދޭން ގޮވާލި ގޮވާލުމަށް ފްލެޓް ކޮމެޓީން އަދި ސަރުކާރުގެ އެއްވެސް އިދާރާއަކުން ޖަވާބެއް ދީފައި ނުވާ ކަމަށް ވެސް އެ ޖަމްއިއްޔާއިން ބުންޏެވެ.

އެހެންކަމުން އޭސީސީއަށް ސިޓީ ލުމަށް ވަކިވަކި މެންބަރުންނަށް އިރުޝާދު ދީފައިވަނީ އެ ޖަމިއްޔާގެ ފަރާތުންނެވެ.

އެގޮތުން އިއްޔެ އިން ފެށިގެން މެމްބަރުން އަންނަނީ އޭސީސީއަށް ސިޓީ ހުށަހަޅަމުންނެވެ.

އެ ޖަމިއްޔާގެ ވަގުތީ ރައީސް މިދުއަމް ސައުދު "ސަން" އަށް މިއަދު ވިދާޅުވީ ދެ ދުވަހުގެ ތެރޭގައި 200 ސިޓީ ހުށަހެޅޭނެ ކަމަށް ލަފާކުރެވޭ ކަމަށާއި، މިއަދު 80 އެއްހާ ސިޓީ ހުށަހަޅާފައިވާ ކަމަށެވެ.

ސިޓީ ހުށަހެޅުމަށް ފަސޭހަކޮށްދިނުމަށް އެ ޖަމިއްޔާއިން ވަނީ ސިޓީގެ ޑްރާފްޓް ކޮޕީ ފޯރުކޮށްދީފަ އެވެ.

އެ ޖަމިއްޔާއިން ވަނީ ފްލެޓުވެރިންގެ ޝަކުވާ އަޑުއަހައި، ހައްގުތައް ހަނި ނުވާނެ ގޮތަށް ކަންކަން ކުރިއަށް ގެންދިއުމަށް މަޝްވަރާ ކުރުމަށް ފްލެޓުކޮމެޓީގެ މެންބަރުންނަށާއި ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމަށް ވެސް ގޮވާލައިފަ އެވެ.

ޝަކުވާ ހުށައެޅުމުގެ އަސާސީ ހައްގު އާންމުންނަށް ނުދީ ދާއިމީ ލިސްޓު ނެރުމުން ނުކުންނާނެ މައްސަލަތައް އިތުރަށް "ކޮމްޕްލެސް" ވެފައި، ހައްލު ކުރަން އުދަގޫވެ، އަނެއްކާވެސް އެތައް ވަގުތެއް ބޭކާރުވެގެން ދާނެ ކަމަށާއި އެހެންކަމުން އެނގިތިބެ އެފަދަ ކަމެއް ކުރުމަކީ ރައްޔިތުންނަށް ދެވޭ ވަރަށް ބޮޑު އަނިޔާއެއް ކަމަށް އެ ޖަމިއްޔާއިން ބުންޏެވެ.

"ޝަކުވާ ހުށަހެޅުން ފަދަ އަސާސީ ހައްގެއް ހޯދަން އާންމުމީހާ މިގޮތަށް ސިޓީލައި، އެމީހާ އަށް މިގޮތަށް "ގަނަތެޅެން" މަޖުބޫރު ކުރުވުމަކީވެސް ވަރަށް ދެރަކަމެކެވެ. އާންމުންނަށް ޝަކުވާ ހުށަހެޅުުމުގެ އަސާސީ ހައްގެއް ދީގެން ހެޔޮވެެރިކަމެއް ކުރާ ބަޔަކަށް ލިބޭނެ ގެއްލުމެއް އޮވެދާނެކަމަކަށް ނުފެނެއެވެ." އެ ޖަމިއްޔާއިން ބުންޏެވެ.

ހިޔާ މަޝްރޫއުގެ ދަށުން ފްލެޓަށް އެދި ފޯމު ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން ޝަރުތު ފުރިހަމަވާ ފަރާތްތަކުގެ "ދިރިއުޅުމުގެ ހާލަތު" ބަޔަށް، އިންސާފުވެރި އަދި ހަމަހަމަކަމާއެކު، ޕޮއިންޓް ދިނުމުގެ ކަންކަން ކުރިއަށް ގެންދެވޭނީ، ފޯމު ހުށަހެޅި ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވާ ފަރާތްތައް ދިރިއުޅޭ ގޭގެއަށް ޒިޔާރަތްކޮށް ދިރިއުޅުމުގެ ހާލަތު ވަޒަންކޮށްގެންކަމަށް ފްލެޓް ކޮމިޓީއިން ނިންމައި، ޕްލޭނިން މިނިސްޓްރީގެ ފަންނީ ލަފަޔާއެކު، އެ ބަޔަށް ޕޮއިންޓް ދިނުމުގެ މިންގަނޑެއް އެކުލަވާލި އެވެ.

ނަމަވެސް އެ މިންގަނޑުގައި ހިމެނޭ މައުލޫމާތަކީ، އެ މައުލޫމާތު ކުރިން ހާމަކޮށްފިކަމުގައިވާނަމަ، އެންމެ އިންސާފުވެރިކަމާއެކު ޕޮއިންޓް ދިނުމަށް ހުރަސްއެޅޭނެ މައުލޫމާތުތަކެއްކަމަށް ކޮމިޓީއަށް ފެންނާތީ، އެ މިންގަނޑު، އާންމުކުރުމަށް ނިންމާފައިވަނީ، އެ ކެޓަގަރީތަކުގެ ވަގުތީ ލިސްޓު އިއުލާންކުރުމަށްފަހު ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.

ނަމަވެސް އެއީ އުޒުރުތަކެއް ކަމަށް އާންމުންގެ އެކުވެރި ގުޅުން ޖަމިއްޔާއިން ކުރިން ވަނީ ބުނެފަ އެވެ.

ހައުސިން ޔުނިޓުތަކަށް ކުރިމަތިލީ ފަރާތްތަކުގެ ވަގުތީ ލިސްޓަށް ހުށަހެޅިފައިވާ ޝަކުވާތަކަށް ޖަވާބުދީ، މިމަހުގެ ނިޔަލަށް ލިސްޓުތައް ފައިނަލް ކުރެވޭތޯ މަސައްކަތް ކުރަމުން އަންނަ ކަމަށް ފްލެޓް ކޮމެޓީން ވަނީ ބުނެފަ އެވެ.

comment ކޮމެންޓް