އޮކްޓޫބަރު މަހުގެ ފަސް ވަނަ ދުވަހު ރޫޓް ފިހާރައިގެ ފަރާތުން ބޭންކް އޮފް ސިލޯނަށް ޖަމާކުރުމަށްޓަކައި ގެންދިޔަ ހަތަރު މިލިއަނަށްވުރެ ގިނަ ފައިސާ ފޭރެން އުޅުނު މައްސަލައިގައި ފަސް މީހަކަށް ދައުވާ ކުރުމަށް ޕީޖީ އޮފީހުގެ ފަރާތުން ކްރިމިނަލް ކޯޓަށް ހުށަހަޅައިފި އެވެ.
ޖަމާއަތް ހަދައިގެން ފައިސާ ގެންދިޔަ ފަރާތްތަކަށް ބިރުދެއްކުމަށްފަހު އެ ފައިސާތައް އަޅާފައިހުރި ފޮށިގަނޑު ފޭރެން އުޅުނު މައްސަލާގައި ހަތަރު މީހެއްގެ މައްޗަށް އުފުލީ ފޭރުމުގެ ކުށުގެ ދައުވާ އެވެ. ފަސްވަނަ މީހާގެ މައްޗަށް އުފުލީ ފޭރުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ އެވެ.
ފޭރުމުގެ ކުށުގެ ދައުވާ އުފުލީ، ލ. ގަން. ތުނޑި، ކީމިޔާގެ، އަބްދުﷲ ރާޝިދުއާއި، ގއ. ވިލިނގިލި، ކަނީރުމާގެ، މުހައްމަދު މުސްޢަބު ޒުބައިރުއާއި، ކ. މާލެ، ދަފްތަރު. ނަންބަރު ރސ 3678، ހުސައިން އަބްދުލްމަޖީދުއާއި، ކ. މާލެ، ވ. ޕިންކްވިލާ، އަހްމަދު އަމީރުގެ މައްޗަށެވެ.
އެ ހަތަރު މީހުންނަކީވެސް ވައްކަމާއި، ތޫނު ހަތިޔާރުން ހަމަލާދީ ފޭރުމާއި، މާރާމާރީ އަދި މަސްތުވާތަކެތީގެ މައްސަލަތަކުގެ ކުށުގެ ރެކޯޑު އޮންނަ މީހުން ކަމަށް ފުލުހުން ބުންޏެވެ.
ފޭރުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ އުފުލީ ރ. ރަސްމާދޫ، އޯކިޑްމާގެ، މުހައްމަދު އަޒްމީންގެ މައްޗަށެވެ.
ފައިސާ ފޭރެން އެހީވިކަމުގެ ތުހުމަތުގައި އަޒްމީނުގެ އިތުރުން ފުލުހުން ވަނީ ދެ މީހަކު ހައްޔަރުކުރި އެވެ.
ރޫޓު ފިހާރައިގެ ފައިސާ ފޭރުން ހުއްޓުވީ ވޭނުގައި ތިބި ރޫޓު ފިހާރައިގެ މުވައްޒަފުންނާއި ބީއޯސީ ކުރިމަތީގައި ހުރި ސެކިއުރިޓީ ގާޑެކެވެ. އެކަމާ ގުޅިގެން ސެކިއުރިޓީ ގާޑަށް 50،000 ރުފިޔާ ރޫޓު ފިހާރައިން ވަނީ ދީފަ އެވެ. އަދި ތިން މުވައްޒަފަކަށް، 10،000 ރުފިޔާ ދީފައިވެ އެވެ.