އިނގިރޭސިވިލާތުން އޮކްސްފޯޑް-އެސްޓްރާޒެނެކާ ވެކްސިން ބޭނުން ކުރަން ހުއްދަ ދީފި

އިނގިރޭސިވިލާތުން ވަނީ އޮކްސްފޯޑް ވެކްސިން ބޭނުން ކުރަން ހުއްދަ ދީފަ -- ފޮޓޯ: އޭއެފްޕީ

ލަންޑަން (ޑިސެމްބަރު 30): އިނގިރޭސިވިލާތުން އެގައުމުގެ އޮކްސްފޯޑް ޔުނިވާސިޓީ އާއި އެސްޓްރާޒެނެކާ ކުންފުނިން އުފެއްދި ކޮވިޑް-19 ވެކްސިން ބޭނުން ކުރަން މިއަދު ހުއްދަ ދީފި އެވެ.

އިނގިރޭސިވިލާތުގެ ޑިޕާޓްމެންޓު އޮފް ހެލްތު އެންޑް ސޯޝަލް ކެޔާ (ޑީއެޗްއެސްސީ)އިން ބުނި ގޮތުގައި އެގައުމުގެ މެޑިސިންސް އެންޑް ހެލްތުކެޔާ ޕްރޮޑަކްޓްސް ރެގިއުލޭޓަރީ އޭޖެންސީ (އެމްއެޗްއާރުއޭ)އިން އޮކްސްފޯޑުގެ ވެކްސިންއަށް ހުއްދަ ދިނީ އެ ވެކްސިންގެ ޓެސްޓުތަކާ ބެހޭ މައުލޫމާތު ކަމާ ބެހޭ މާހިރުން ރަނގަޅަށް ދިރާސާ ކުރެއްވުމަށް ފަހު އެވެ. އަދި އެ އިދާރާއިން ވަނީ އެ ވެކްސިން ރައްކާތެރިކަމުގެ މިންގަނޑުތަކަށް ފެތޭ ކަމަަށް ނިންމާފަ އެވެ.

މީގެ ކުރިން މި މަހުގެ ދޭއްގައި އިނގިރޭސިވިލާތުން ވަނީ އެމެރިކާގެ ފައިޒާ އާއި ޖަރުމަނުގެ ބަޔޯއެންޓެކްއިން ގުޅިގެން އުފެއްދި ކޮވިޑް ވެކްސިން ބޭނުން ކުރަން ހުއްދަ ދީފި އެވެ. ނަމަވެސް އޮކްސްފޯޑް ވެކްސިނަކީ އަގު ހެޔޮ އަދި އެގައުމުގައި ގިނަ އަދަދަކަށް އުފެއްދޭ ވެކްސިންއެއް ކަމުން އެ ވެކްސިން ޖަހަން ފެށުމުން އެގައުމުގެ ވެކްސިން ޕްރޮގްރާމް އަވަސްވެ، ފުޅާ ވެގެން ދާނެ އެވެ.

މީގެ އިތުރުން ފައިޒާގެ ވެކްސިންއަކީ މައިނަސް 70 ޑިގްރީ ސެލްޝިއަސްގައި ރައްކާ ކުރަން ޖެހޭ ވެކްސިނެއް ނަމަވެސް އޮކްސްފޯޑް ވެކްސިން ސްޓޭންޑާޑް ފްރިޖުތަކުގައި ބެހެއްޓެ އެވެ. އެހެންކަމުން އެ ވެކްސިން އެއް ތަނުން އަނެއް ތަނަށް ގެންދިޔުމަށް ފަސޭހަ ވާނެކަން ވެސް އެގައުމުން ފާހަގަ ކުރެ އެވެ.

ޑީއެޗްއެސްސީއިން ބުނި ގޮތުގައި އޮކްސްފޯޑް ވެކްސިން ދޭން ފަށާ އިރު އެންމެ ބޮޑު އިސްކަމެއް ދޭނީ ހައި-ރިސްކް ގުރޫޕުތަކުގައި ތިބި ވީހާވެސް ގިނަ މީހުންނަށް ވެކްސިންގެ ފުރަތަމަ ޑޯޒް ދިނުމަށެވެ.

އެސްޓްރާޒެނެކާއިން ބުނާ ގޮތުގައި އެ ވެކްސިން ދިނުމުން އެވަރެޖުކޮށް 70 ޕަސެންޓު މީހުން ކޮވިޑުން ރައްކާތެރި ކުރެވެ އެވެ. އަދި އެ ވެކްސިންގެ ފަހު މަރުހަލާގެ ޓެސްޓުތަކުގައި ތަފާތު ދެ ގޮތަކަށް ވެކްސިންގެ ޑޯޒްތައް ދީފައިވެ އެވެ.

އެގޮތުން ޓެސްޓުގެ ބައިވެރިންނަށް ދެ "ފުލް" ޑޯޒް ދިނުމުން 62 ޕަސެންޓު މީހުން ބަލިން ރައްކާތެރިވި އިރު، ދެބައިކުޅަ އެއްބައި ޑޯޒް ފުރަތަމަ ދިނުމަށް ފަހު ދެން ފުލް ޑޯޒްއެއް ދިނުމުން ރައްކާތެރިކަން 90 ޕަސެންޓަށް އަރަ އެވެ. އޭގެ ތެރެއިން ދެވަނަ ގޮތަށް ޑޯޒްތައް ދެވުނީ ފުރަތަމަ އޮޅުމަކުން، މަދު ބަޔަކަށް ކަމަށް ސައިންސުވެރިން ބުންޏެވެ.

އިނގިރޭސިވިލާތުން ނިންމާފައި ވަނީ އޮކްސްފޯޑް ވެކްސިންގެ ދެ ފުލް ޑޯޒް ދޭ ގޮތަށެވެ. އަދި ދެވަނަ ޑޯޒް ދޭނީ ފުރަތަމަ ޑޯޒް ދޭތާ 12 ހަފްތާ ފަހުންނެވެ.

comment ކޮމެންޓް