އާފިޔާއަށް އަނިޔާ ކުރި މަންމަ އާއި ދޮން ބައްޕަ ކޮބާ؟

އާފިޔާގެ ދޮންބައްޕަ އިސްމާއިލް ރައޫފް: އޭނާ އެތައް ފަހަރަކު އާފިޔާ ރޭޕް ކުރި ކަމަށް ތުހުމަތު ކުރެވޭ --

ޖެނުއަރީ، 28، 2015 ގައި ވ. ރަކީދޫގައި މުހައްމަދު އިބްތިހާލް މަރާލި މައްސަލައިގައި މިދިޔަ ހޯމަ ދުވަހު އޭނާގެ މަންމަ އާފިޔާ މުހައްމަދު މަނިކު 20 އަހަރަށް ޖަލަށް ލާން ވަނީ ހުކުމްކޮށްފަ އެވެ.

އާފިޔާގެ އެ އަނިޔާވެރި އަމަލުގެ ޖަޒާ އޭނާއަށް ލިބެން ޖެހެ އެވެ. އެކަމަކު، އެ ހުރިހާ ކަމެއް ތަރުތީބުވެގެން ދިޔައީ، ނިމުމެއް ނެތް އަނިޔާގެ ދުނިޔެއެއްގެ ތެރޭގައި އާފިޔާ ގެންގުޅުނު އާއިލާގެ މީހުންގެ ސަބަބުން ކަމަށް ގިނަ ބަޔަކު ދެކެ އެވެ.

އާފިޔާ ތަހުގީގަށް ދީފައިވާ ބަޔާނާއި، ސައިކޮލޮޖިކަލް އެސެސްމަންޓުންގައި އޭނާ ވަނީ އޭނާއަށް ލިބުނު ޖިސްމާނީ އަދި ޖިންސީ އަނިޔާތަކާއި އެ އަނިޔާތައް ދިން މީހުންގެ ވާހަކަތައް ކިޔައިދީފަ އެވެ. އެންމެ ބޮޑު ތުހުމަތުތަކެއް އަމާޒުވީ އޭނާގެ މަންމަ ސާފިޔާ މުހައްމަދާއި ދޮން ބައްޕަ އިސްމާއިލް ރައޫފަށެވެ.

ޅަ އުމުރުގައިވެސް އަނިޔާ

އާފިޔާގެ އުމުރުން ހަތް އަހަރުގައި އޭނާގެ ބައްޕަ ވަނީ ނިޔާވެފަ އެވެ. އޭނާ ދިރިއުޅެމުން ދިޔައީ އާއިލާއާއެކު ބައްޕަގެ ގޭގަ އެވެ. އޭރުވެސް މަންމަ ހިތްހަމަނުޖެހޭ ކަމެއް ދިމާވުމުން، އާފިޔާ އާއި އޭނާގެ ކޮއްކޮމެންގެ ގައިގައި ތަޅާ އަނިޔާކުރާ ކަމަށް އާފިޔާ ބުނެފައިވެ އެވެ.

އާފިޔާގެ މަންމައަކީ ކުޑަކުދިންނަށް އަނިޔާ ކުރުމުގެ މާޒީއެއް އޮތް މީހެކެވެ. މާމަދަރިއަކަށް އަނިޔާ ކުރި މައްސަލައިގައި ޖޫން 25، 2017 ގައި އޭނާގެ މައްޗަށް ކުރި ގައިގައި އަތްލުމުގެ ދައުވާ ސާބިތުވެ އޭނާ 5،400 ރުފިޔާއިން ޖޫރިމަނާކޮށްފައިވެ އެވެ. އަދި 2008ގައި ވެސް ހަމަ އެފަދަ އަނިޔާގެ މައްސަލައެއްގައި އޭނާއަށް ދައުވާކޮށްފައިވެ އެވެ. ނަމަވެސް، އެ މައްސަލަ ނިމުނު ގޮތެއް އެނގިފައެއް ނުވެ އެވެ. މީގެ އިތުރުން 2014ގައި އާފިޔާގެ މަންމައާ އޭނާގެ ފިރިމީހާ ރައޫފް ދަރިންތަކަކަށް އަނިޔާ ކުރި މައްސަލައެއްގައި ދައުވާ ކުރަން ފުލުހުން ޕީޖީއަށް ފޮނުވި އެވެ. ނަމަވެސް، ހެކި ނެތިގެން ދައުވާ ނުކުރެ އެވެ.

އާފިޔާ މުހައްމަދު މަނިކު ފުލުހުންގެ އޮފިސަތުންތަކާއެކު ކުރީގެ ކްރިމިނަލް ކޯޓަށް ވަންނަނީ -- ސަން ފޮޓޯ/ ޔޫސުފް ސޮފްވާން

ބައްޕަގެ ގޭގައި ދިރިއުޅެމުން ދިޔައިރު އާފިޔާގެ ބޮޑުދައިތަގެ ފިރިމީހާ އޭނާއާ އެކި ފަހަރު މަތިން ބަދުއަހުލާގީ އަމަލު ހިންގާފައިވާ ކަމަށް އާފިޔާ ބުނެފައިވެ އެވެ. އަދި އެ ވާހަކަ އޭނާގެ މަންމައަށާއި ބޮޑުދައިތައަށް ކިޔައިދިން ނަމަވެސް އެއްވެސް މީހަކު އެވާހަކަ ގަބޫލެއް ނުކުރި ކަމަށް ބުނެފައިވެ އެވެ. އަދި އޭނާ ދޮގު ހަދަނީ ކަމަށް ބުނެ ރަށު ތެރޭގައި އަޑު ފެތުރި ކަމަށްވެ އެވެ.

އާފިޔާ މާލޭގައި ކިޔަވަން ބެހެއްޓި ގޭގެ ފިރިހެނަކު ވެސް ވަޅިންނާއި އެކި ގޮތްގޮތުން ބިރުދައްކައި، އާފިޔާ ރޭޕްކޮށްފައިވާ ކަމަށް އޭނާ ކިޔައިދީފައިވެ އެވެ. އަދި ފަހުން މ. މަޑުއްވަރިއަށް ކިޔަވަން ގޮސް ހުރި ގެއިން ވެސް ޖިންސީ ގޯނާއާ ކުރިމަތިލާން ޖެހުނެ ކަމަށް ކިޔައިދިނެވެ.

އާފިޔާ ލައްވައި ހަށިވިއްކުވި މައްސަލައެއް ބެލި

އޯލެވެލް ނިންމައި އާފިޔާ ރަށަށް ދިޔައިރު އާފިޔާގެ މަންމަ ހުރީ އިސްމާއިލް ރައުފު ކިޔާ މީހަކާ ކައިވެނިކޮށްގެންނެވެ. އެ ދެ މީހުންނަށް އޭރު ހުރީ ދަރިއެއްވެސް ލިބިފަ އެވެ.

އޭގެ ކުޑަދުވަސް ކޮޅެއް ފަހުން މަންމައާއި ދޮންބައްޕަ އާއެކު އެ އަތޮޅު ކެޔޮދޫއަށް ބަދަލުވި އެވެ.

އާފިޔާ ކިޔައިދިން ގޮތުގައި، ކެޔޮދޫއަށް ބަދަލުވި ފަހުން، ހަށިވިއްކަން އާފިޔާގެ މަންމަ އާއި ދޮންބައްޕަ އޭނާއަށް މަޖުބޫރު ކުރުވި އެވެ. އާފިޔާގެ ނުރުހުމުގައި އެ ދެ މީހުން އާފިޔާގެ ކޮޓަރިއަށް އެތައް ފިރިހެނަކު ވެއްދި އެވެ. އެއީ އެ މީހުން އަތުން ފައިސާ ނަގައިގެންނެވެ.

ޕީޖީ އޮފީހުން ބުނި ގޮތުގައި އާފިޔާ ލައްވައި ހަށިވިއްކުވި ކަމަށް އޭނާއާއި އޭނާގެ މަންމައާއި ދޮން ބައްޕަގެ މައްޗަށް ތުހުމަތު ކުރެވުނު މައްސަލައެއް ފުލުހުން ބަލައި، ދައުވާ ކުރަން ފެބްރުއަރީ 21، 2018ގައި ޕީޖީ އޮފީހަށް ފޮނުވި އެވެ. އެ މައްސަލައިގައި ދައުވާ ކުރެވޭ ވަރަށް ހެކި ނެތުމުން ދައުވާކޮށްފައި ނުވެ އެވެ.

ދޮން ބައްޕަ ޖަލުގައި، މަންމަ މިނިވަނެއް

އާފިޔާ ކިޔައިދީފައިވާ ގޮތުގައި ފަހުން ފަހުން އައިސް އޭނާގެ ދޮން ބައްޕަ ރައުފޫވެސް އޭނާ ރޭޕް ކުރި އެވެ. ރައޫފު އާފިޔާ ރޭޕް ކުރާއިރު، އާފިޔާގެ މަންމަ އެ މަންޒަރު ބަލަން ހުންނަ ކަމަށާއި، ގަދަހަދައިފި ނަމަ އާފިޔާގެ ގައިގައި ތަޅާ އަނިޔާކޮށް، ދޫދޭން މަޖުބޫރު ކުރާ ކަމަށް އާފިޔާ ކިޔައިދީފައިވެ އެވެ. އަދި ރޭޕް ކުރީ ކިތައް ފަހަރު ކަމެއްވެސް ބުނަން ނޭނގޭ ކަމަށް އޭނާ ކިޔައިދީފައިވެ އެވެ.

އެންމެ ފަހުން އާފިޔާ ބަލިވެއިނީ އެވެ. ފަންޑިތަ ހަދައިގެންނާއި، ބަނޑުގައި ބާރުކޮށް ފޮތި އޮޅައި އެކި އެއްޗެހި ކާންދީގެން ބަނޑުގައި އޮތް ދަރިފުޅު ވައްޓާލަން އުޅުނެވެ. ނަމަވެސް އާފިޔާ އެކަމާ ދެކޮޅު ހަދައި އެނބުރި ރަކީދޫއަށް ދިޔައީ އެވެ. އަދި ބަނޑުގައި އޮތް ދަރިފުޅު [އިބްތިހާލް] ވިހެއެ އެވެ.

އާފިޔާ މުހައްމަދު މަނިކު، މުހައްމަދު އިބްތިހާލާ އެކު --

އާފިޔާ ވިހެއުމަށްފަހު، ހަށިވިއްކުމުގެ މައްސަލަ ބަލަން ޕީޖީ އިން ފުލުހުންނަށް ފޮނުވި އެވެ. ފެބްރުއަރީ 10، 2015ގައި ޕީޖީން އެދުނީ އާފިޔާ ވިހެއި ދަރީގެ ޑީއެންއޭ ރައޫފްއާއި އެހެން ބައެއްގެ ޑީއެންއޭއާ ދިމާވޭތޯ ބެލުމަށްފަހު އަލުން ފޮނުވާށެވެ. ނަމަވެސް، އެ މައްސަލަ އަލުން ޕީޖީ އޮފީހަށް ހުށަހަޅާފައި ނުވާ ކަމަށް އެ އޮފީހުން ބުންޏެވެ.

ރައޫފް އާފިޔާ ރޭޕް ކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި ދައުވާކޮށްފައި ނުވެ އެވެ. ނަމަވެސް، އެހެން މައްސަލައެއްގައި އޭނާ ހުރީ ޖަލަށްލާފަ އެވެ. އެއީ އާފިޔާގެ މަންމައާއެކު ރައޫފަށް ލިބުނު ދަރިފުޅުގެ އުމުރުން ހަތަރު އަހަރުުގައި، ރައޫފު އެ ކުއްޖާއަށް ޖިންސީ ގޯނާ ކުރި މައްސަލައެކެވެ. އެ މައްސަލަ ސާބިތުވެ، އޭނާ 20 އަހަރަށް ޖަލަށްލާން ހުކުމް ކުރީ ޖޫން 17، 2018ގަ އެވެ.

ޕީޖީ އޮފީހުން ބުނި ގޮތުގައި އެ މައްސަލައަކީ އިބްތިހާލްގެ މަރުގެ މައްސަލަ ބަލަމުން ދިޔުމުގެ ތެރޭގައި ފާހަގަވި މައްސަލައެކެވެ.

ރައޫފް މިހާރު ޖަލުގައި ހުރި ނަމަވެސް، އާފިޔާގެ މަންމަ އަކީ މިނިވަނެކެވެ. ރަކީދޫއިން މައުލޫމާތު ލިބުނު ގޮތުގައި އޭނާ މިހާރު ދިރިއުޅެނީ ރަށަކު ނޫނެވެ. އޭނާ ދިރިއުޅެނީ މާލޭގަ އެވެ.

އާއިލާގެ އެކި މީސް މީހުންގެ އަނިޔާ އާފިޔާއަށް ލިބިފައިވާއިރު، އެއިން ކަމަކަށް އޭނާއަށް އިންސާފު ލިބިފައި ނުވާ ކަމަށް އޭނާގެ މައްސަލައިގައި އިއްވި ހުކުމުގައިވެސް ފާހަގަކޮށްފައިވެ އެވެ. އެ މައްސަލަތަކުގައި އާފިޔާއަށް އިންސާފު ނުލިބެނީސް އޭނާވެސް ކުށުގެ ވެއްޓަށް ގެއްލިގެން ދިޔައީ އެވެ.

https://sun.mv/147262

comment ކޮމެންޓް