މިއަހަރަކީ އާންމު ދިރިއުޅުމުގެ ހާލަތު ބަދަލުކޮށްލި އަހަރެކެވެ. އަހަރުގެ ބޮޑު ބައި ދިޔައީ ކޮވިޑް19 ޕެންޑެމިކްގެ ތެރޭގަ އެވެ. ޕެންޑެމިކްއާ ގުޅިގެން ކުރި ފުރަބަންދާއެކު ދިރިއުޅުމުގެ ކަންކަން ވެސް ޖެހުނީ ބަދަލުކުރާށެވެ.
ޑޮލަރު ލިބުން ތަދުވެ، ބާޒާރުގައި ތަކެތީގެ އަގު އުފުލުނެވެ. ވިޔަފާރިވެރިންގެ މުދާ ނުގެނެވި ލަސްތަކެއް ކުރިމަތިވި އެވެ. އަދި ފުރަބަންދާއެކު އާންމު ވިޔަފާރީގެ ކަންކަން ޑެލިވަރީ ސިސްޓަމަކަށް ބަދަލުކޮށްލި އެވެ.
ޑެލިވަރީތައް ބާރުބޮޑުވެ، ފުނިޖެހުނު
ފުރަބަންދު ކުރިއިރު ގިނަ ވިޔަފާރިވެރިން ތިބީ އެފަދަ ހާލަތަކަށް ތައްޔާރުވެގެނެއް ނޫނެވެ. ނަތީޖާއެއްގެ ގޮތުން ބައެއް ބޮޑެތި ވިޔަފާރިވެރިންގެ ޑެލިވަރީތައް ފުނިޖެހި، އެތައް ދުވަސްތަކެއް ވީއިރު ހުރީ ނިންމާނުލެވިފަ އެވެ. އެކަމަށް ހައްލެއް ހޯދައިދިނުމަށް ޔޫތު މިނިސްޓްރީއިން އިސްނަގައިގެން ނިކުމެ، ފުނިޖެހިފައި ހުރި ޑެލިވަރީތައް ނިންމަން އެހީތެރިކަން ފޯރުކޮށްދިނެވެ. އަދި ބައެއް ވިޔަފާރިތަކަށް ސިފައިންގެ އެހީތެރިކަން ވެސް ލިބުނެވެ.

އޭޕްރީލް 19، 2020: އެސްޓީއޯގެ އޮންލައިން ސްޓޯރަށް ގިނަ އަދަދެއްގެ އޯޑަރުތައް އައިސް ޑެލިވަރީތައް ފުނިޖެހުމާއެކު އެ މަސައްކަތް ކުރުމަށް ނިކުތީ ދިވެހި ސިފައިން. ސިފައިންގެ ބޭކަލުންނާއި، ބޭކަންބަލުން ދަނީ މާލޭގެ ގޭގެއަށް އެސްޓީއޯގެ ފަރާތުން މުދާ ޑެލިވަރ ކޮށްދެމުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ
ޑެލިވަރީ ކުރުމުގައި ދިމާވި އަނެއް ގޮންޖެހުމަކީ، ޑެލިވަރީ ކުރާ މީހުންގެ ތެރޭގައި ވެސް ވައިރަސް ފެތުރުމުންނެވެ. އޭގެ ތެރޭގައި ގިނައީ ހޯލްސޭލް ވިޔަފާރިތަކުގެ ޑެލިވަރީ ޓީމުތަކެވެ. މީގެ ސަބަބުން ދުވަސްކޮޅަކަށް އެތަންތަނުގެ ޑެލިވަރީ މަސައްކަތް ހުއްޓުމުން އޭގެ އަސަރު ރީޓެއިލަރުންނަށާއި އާންމުންނަށް ވެސް ފޯރި އެވެ.
ވިޔަފާރިވެރިންގެ މުދާ ކްލިއާ ނުކުރެވި، ބާޒާރަށް ތަދުކަމެއް
ބޭރު ގައުމުތަކުން އަޅާފައި ހުރި ފިޔަވަޅުތަކާ ހުރެ ދިވެހި ވިޔަފާރިވެރިން އޯޑަރު ޖަހާފައި ހުރި މުދަލުގެ ޝިޕްމަންޓުތައް ހުރީ ބޭރުގެ ވިޔަފާރި ބަނދަރުތަކުގައި ތާށިވެފަ އެވެ. ފުރަބަންދުގެ ކުރީކޮޅު ގިނަ ބާވަތްތަކުގެ މުދާ ފިހާރަތަކުން ހުސްވި އެވެ. ނަތީޖާއަކަށްވީ ބާޒާރުގައި ލިބެން ހުރި ތަކެތި މަދުވެ، ތަކެތީގެ އަގު އުފުލުމެވެ.

މެއި 14، 2020: ބާޒާރުމަތީ ފިހާރައެއްގެ މަސައްކަތުގައި ދިވެހި މީހަކާއެކު ބިދޭސީއެއް ހަރަކާތްތެރިވަނީ -- ސަން ފޮޓޯ/ ފަޔާޒ މޫސާ
މިކަމަށް ހައްލެއް ހޯދައިދިނުމަށް ގައުމީ އެއާލައިން މޯލްޑިވިއަންއިން ކާގޯ ފްލައިޓްތަކެއް ވެސް ބޭއްވި އެވެ. އެހެން ނަމަވެސް އެ ފްލައިޓުތަކުންވެސް ޖާގަ ލިބެނީ ވަރަށް ދަތިކޮށް ކަމަށްވުމާއެކު މާބޮޑު ލުޔެއް ނުލިބުނެވެ.
ރޯދަ މަހަކީ އެހެން އަހަރުތަކުގައި ވެސް ތަކެތީގެ އުފުލޭ ދުވަސްވަރަކަށްވާއިރު، މިއަހަރުގެ މިކަން ތަޖުރިބާކުރަން ޖެހުނީ ކުރިއަށްވުރެ ބޮޑަށެވެ. އެހެން ނަމަވެސް ފުރަބަންދުގެ ތެރޭގައި ބައްދަލުކުރި ރޯދަ މަހާ ދިމާކޮށް ބައެއް ޝިޕްމަންޓްތައް ބަނދަރުން ކްލިއާވުމުން، ފިހާރަތަކުގެ ހުސްވެފައި ހުރި ރެކުތައް އަނެއްކާވެސް ފުރެން ފެށި އެވެ.

އޭޕްރީލް 5، 2020: އެމްޕީއެލް ސަރަހައްދު -- ސަން ފޮޓޯ/ ފަޔާޒު މޫސާ
ވިޔަފާރި ކުރަން ދިން ހުއްދައިން ލުޔެއް
ފުރަބަންދުގައި އާންމުންނަށް ވިޔަފާރި ކުރަން ހުއްދަ ދިނީ ވަކި އުސޫލެއްގެ ދަށުންނެވެ. މާލެ އެކި ޒޯނުތަކަށް ބަހާލުމަށްފަހު ކޮންމެ ގޭބިސީއަކުން ވިޔަފާރި ކުރަން އެއް ޕާމިޓު ދޫކުރި އެވެ. އެ ޕާމިޓު ހިފައިގެން ވިޔަފާރިކުރަން ނިކުމެވޭނީ ހަފުތާއަކު ވަކި ދުވަހަކު، އެ ގޭބިސީއެއް ހިމެނޭ ޒޯނުގެ ތެރޭގަ އެވެ.
މާލެ ބަހާލާފައި އޮތީ ޖުމުލަ 26 ޒޯނަކަށެވެ. ވިޔަފާރިކުރަން ދޫކުރި ހުއްދައިން ފުރަތަމަ ނިކުމެވުނީ އެއް ގަޑިއިރަށެވެ. އެ ކުޑަ ވަގުތުކޮޅުގައި ހިސާބުގަނޑު ނުވަތަ ޒޯނުގެ އެންމެން ނިކުމެ ފިހާރަތަކުގެ ބޭރުގައި ކިއޫތައް އޮތީ ދަމާލާފަ އެވެ. ބައެއް ފަހަރު ޕާމިޓުގެ ގަޑި ހަމަވާއިރުވެސް ވިޔަފާރިކޮށް ނުނިމެ އެވެ.

އޭޕްރީލް 22، 2020: ކޮވިޑް19 މާލޭގައި ފެތުރުމާއެކު މާލެ ލޮކްޑައުން ހާލަތުގައި ބަޔަކު ވިޔަފާރި ކުރުމަށް ފިހާރައެއްކައިރީގައި ކިއޫ ހަދައިގެން -- ސަން ފޮޓޯ/ ފަޔާޒު މޫސާ
ޕާމިޓު ދޫކުރުމުގައި ފަހުން ދިން ލުއިތަކުގެ ދަށުން ކޮންމެ ގޭބިސީއަކަށް ތިން ޕާމިޓު އަދި ކޮންމެ ސަރަހައްދަކަށް ވެސް ވިޔަފާރިކުރަން ނިކުމެވޭ ގޮތަށް ހުއްދަ ދިނެވެ. އެހެން ނަމަވެސް އެއީ ދެ ގަޑިއިރަށެވެ.
ދަނޑުވެރިން ހެއްދި ތަކެތި ވިއްކާނެ ގޮތް ހުސްވި
ދަނޑުވެރިކަމަށް ބަލާއިރު އެހެން އަހަރުތަކެކޭވެސް އެއްފަދައިން މިއަހަރުވެސް ރޯދައާ ދިމާކޮށް ދަނޑުވެރިން ގޮވާންކުރި އެވެ. އެހެން ނަމަވެސް އެތެރޭގެ ދަތުރުފަތުރުކުރުން ހުއްޓުވަން ހަރުކަށި ފިޔަވަޅުތަކެއް އަޅާފައި އޮތުމުން ދަނޑުވެރިން ހެއްދި ތަކެތިކޮޅު ވިއްކަން މާލެއަށް ފޮނުވޭނެ ފުރުސަތު އޮތީ ވަރަށް ހަނިވެފަ އެވެ.
ފުރަބަންދާއެކު މާލޭގެ ލޯކަލް މާރުކޭޓުވެސް އޮތީ ބަންދުކޮށްފަ އެވެ. މި ސަބަބާހުރެ ދަނޑުވެރިން މާލެއަށް ތަކެތި ފޮނުވުމުގެ ކުރިން ވިއްކާނެ ގޮތެއް ވެސް ހޯދަން ޖެހުނެވެ. މާރުކޭޓު ބަންދުވުމުން އޭރު ދަނޑުވެރިން މާލެއަށް ތަކެތި ފޮނުވީ މާލޭގެ ވިޔަފާރިވެރިންނަށް ގުޅައިގެން އެމީހުންގެ ފިހާރަތަކުގައި އެތަކެތި ބަހައްޓާނެ ފުރުސަތެއް ލިބުމުންނެވެ. މިކަންކަމާހުރެ ދަނޑުވެރިން ތިބީ ކަރުއެލިފަ އެވެ.

އޭޕްރީލް 22، 2020: މާލޭ ލޯކްލް މާރުކޭޓީ ބަންދު ކުރެވިފައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ
ޑޮލަރު ލިބުން ދަތިވެ، ބާޒާރުގައި އަގު އުފުލުނު
ޕެންޑެމިކްއާއެކު ފަތުރުވެރިކަމުން ރާއްޖެއަށް ލިބެމުންދިޔަ ޑޮލަރުގެ އާމްދަނީ ހުއްޓުނެވެ. ނަތީޖާއަކަށްވީ ކަޅު ބާޒާރުގައިވެސް ޑޮލަރުގެ އަގު އުފުލުމެވެ. ކުރިން 15.42ގައި ހުރި ޑޮލަރު ރޭޓު 20އަށް މަތިވި އެވެ. މިހާރުވެސް ޑޮލަރު ލިބެނީ 19.50 ރުފިޔާގެ ރޭޓުންނެވެ.
ޑޮލަރުގެ މައްސަލަ ހައްލުކުރަން މަރުކަޒީ ބޭންކު އެމްއެމްއޭއިން ބޭންކުތައް މެދުވެރިކޮށް ޑޮލަރު ފޯރުކޮށްދިނެވެ. އެއީ ކާނާއާއި ބޭސްފަދަ ޒަރޫރީ ތަކެތި އެތެރެކުރުމަށެވެ. ދިވެހި ސަރުކާރުން އަވަށްޓެރި އިންޑިއާއާއެކު ހެދި ކަރަންސީ ސްވޮޕް އެއްބަސްވުމުގެ ދަށުންނާއި ބޭރުގެ އިތުރު ގައުމުތަކުން ލޯނާއި ހިލޭ އެހީގެ ދަށުން ޑޮލަރު ހޯދި އެވެ.

މަރުކަޒީ ބޭންކް، އެމްއެމްއޭ --- ސަން ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް
އެހެން ނަމަވެސް ކަޅު ބާޒާރުގައި ޑޮލަރު ރޭޓަށް ބަދަލެއް ނައުމުން، މުދާ އެތެރެކުރަންދާ ހޭދަ ބޮޑުވެ، ތަކެތީގެ އަގު ވަނީ މަތިވެފަ އެވެ. އިމްޕޯޓް އެކްސްޕޯޓުގެ ގާނޫނު އިސްލާހުކޮށް، ގިނަ ތަކެތިން ޑިއުޓީ ކަނޑާލުމުންވެސް ބާޒާރުން އޭގެ ހެޔޮ ބަދަލެއް ނުފެނުނު އެއް ސަބަބަކީ މިއީ އެވެ.
އޮގަސްޓް 27، 2020: ބީއެމްއެލް ޑޮލަރު އޭޓީއެމް -- ސަން ފޮޓޯ/ ފަޔާޒު މޫސާ
ވިޔަފާރިތައް އިނދަޖެހުން ކޮންޓްރޯލުކޮށް، އާންމުންގެ މާލީ ހާލާތަށް ލުޔެއް ހޯދައިދިނުމަށް ސަރުކާރުން ފިޔަވަޅުތަކެއް އެޅި އެވެ. ބޭންކްތަކާ ގުޅިގެން އެޅި އެ ފިޔަވަޅުތަކުގެ ތެރެއިން ވިޔަފާރިތަކަށް ލޯނު ދޫކުރުމާއި ބޭންކްތަކުން ނަގާފައި ހުރި ލޯނުތައް ފަސްކޮށްދިނުން ފަދަ ކަންކަން ހިމެނެ އެވެ.
މިއަހަރު ވިޔަފާރި ކުރުމުގައި އައި ހެޔޮ ބަދަލަކީ، އާންމު ދިރިއުޅުމާއި ވިޔަފާރި ކުރުމުގައި ޓެކްނޮލޮޖީގެ ބޭނުން ހިފޭނެ އިތުރު ގޮތްތަކެއް ފަހިވުމެވެ. އެތައް ވިޔަފާރިއަކުން އޮންލައިން އަދި ޑެލިވަރީ ސިސްޓަމަށް ބަދަލުކުރި ގޮތަށް، އެ ހިދުމަތް މެދުކަނޑާނުލަ އެވެ. މިއީ ޕެންޑެމިކްއާއެކު އައި މަޖުބޫރީ ބަދަލެކޭވެސް ބުނެވިދާނެ އެވެ. އެހެން ނަމަވެސް ޑިޖިޓަލް ހިދުމަތްތައް ފޯރުކޮށްދޭ ފަރާތްތަކުގެ ވިސްނުން ހުރީ މި ފަސޭހަތައް ކުރިއަށް އޮތްތަނުގައި ވެސް ދެމެހެއްޓުމަށެވެ.
ފުރަބަންދަށް ލުޔެއް ދީ، ބޯޑަރު އަލުން ހުޅުވާލުމާއެކު އިގްތިސާދު ވަނީ މަޑުމަޑުން ނަމަވެސް އަލުން ހިނގައިގަންނަން ފަށާފަ އެވެ. އެހެން ނަމަވެސް އަދިވެސް ބޮޑުވި ޑޮލަރު ރޭޓަށް ހެޔޮ ބަދަލެއް ނާދެ އެވެ. މުދާ އިމްޕޯޓުކުރުމުގައި މުދާ ރާއްޖެއަށް ގެނައުމުގައި ހުރި ދަތިތައް ފިލައިދިޔަ ނަމަވެސް، ޑޮލަރު ރޭޓުގެ ސަބަބުން ބާޒާރުގައި ތަކެތީގެ އަގު ހުރީ އުފުލިފަ އެވެ.
މިއަހަރު މުޅި ރާއްޖޭގެ އިގްތިސާދު ހުއްޓުމަކަށް އައިއިރު، އަދިވެސް ވިޔަފާރިވެރިން، ވަކިން ހާއްސަކޮށް ކުދި އަދި މެދު ފަންތީގެ ވިޔަފާރިވެރިން އުޅެނީ މާލީ އަނދަވަޅުން އަރައިނުގަނެވި އެވެ. ވިޔަފާރިން ލިބޭ ފައިދާ ކުޑަވެ، ތަނުގެ ކުއްޔާއި ބައެއް އެހެނިހެން ހަރަދު ދައްކަން ޖެހެނީ އަމިއްލަ ޖީބުން ފައިސާ ހަރަދު ކޮށްގެންނެވެ. މަޝްހޫރު އަދި ޒަމާންވީ އެތައް ވިޔަފާރިތައް މުޅިން ބަންދުވެސް ކުރި އެވެ.